ޕީޕީއެމް ޓިކެޓުގައި ވާދަ ކުރެއްވުމަށް ފޮނަދޫ ދާއިރާގެ މަޖިލިސް މެންބަރު އިސްތިއުފާ ދެއްވަނީ

ރައްޔިތުންގެ މަޖިލީހުގައި މިހާތަނަށް ވެސް ޕީޕީއެމް ތަމްސީލު ކުރުމުގެ ފުރުސަތު ގާނޫނީ ގޮތުން ލިބިދީފައިނުވާތީ، ޕީޕީއެމްގެ ޓިކެޓުގައި މަޖިލީހަށް ވަޑައިގެން އެ ޕާޓީ ތަމްސީލު ކުރެއްވުމަށްޓަކައި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އިސްތިއުފާ ދެއްވަން ނިންމަވައިފި އެވެ.
ޕީޕީއެމްގެ އޮފީހުގައި ބުރާސްފަތި ދުވަހު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ގާނޫނީ ގޮތުން ޕީޕީއެމް ތަމްސީލު ކުރެއްވުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް މަޖިލީހުގައި ކުރައްވާފައިވާނެ ކަމަށެވެ. ނަމަވެސް މަޖިލީހުގެ ރިޔާސަތާއި ބައެއް އެހެން ފަރާތްތަކުން އެކަމަށް ހުރަސްއަޅުއްވާތީ މިހާތަނަށް ޕީޕީއެމް ތަމްސީލު ކުރުމުގެ ފުރުސަތު ލިބިވަޑައިގެންފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެ މަސައްކަތް ހުއްޓާނުލައްވާނެ ކަމަށާއި މެންބަރު ކަމުން އިސްތިއުފާ ދެއްވުމަށްފަހު، ޕީޕީއެމްގެ ޓިކެޓުގައި ވާދަކޮށް އަލުން މަޖިލިހަށް އެނބުރި ވަޑައިގެން ޕީޕީއެމް ތަމްސީލު ކުރައްވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
"މަޖިލިހުގައި ޕީޕީއެމް ތަމްސީލު ކުރިޔަ ނުދޭން އެބޭފުޅުން ކުރައްވާ މަސައްކަތް އިރާދަކުރެއްވިއްޔާ އެބޭފުޅުންނަކަށް ކާމިޔާބެއް ނުވާނެ. އަޅުގަނޑު އިރާދަ ކުރެއްވިއްޔާ ޗުއްޓީ ނިންމާފައި ދެން މަޖިލިސް ފައްޓާނީ ޕީޕީއެމްގެ ޓިކެޓުގައި ބޭފުޅަކު ވާދަކޮށްގެން ޕީޕީއެމް އަށް ގޮނޑިއެއް ލިބިގެން،" އަބްދުއްރަހީމް ވިދާޅުވި އެވެ. "ޕީޕީއެމްގެ ހައްގަށްޓަކައި ދިވެހި ރައްޔިތުންނާއި ގައުމުގެ ހައްގަށްޓަކައި އަޅުގަނޑު ފޮނަދޫ ދާއިރާގެ މެންބަރުކަމުން އިސްތިއުފާ ދީފަ ޕީޕީއެމްގެ ޓިކެޓުގައި ކުރިމަތިލައިގެން ކުރިއަށް އޮތް ދައުރު އިރާދަކުރެއްވިއްޔާ މަޖިލިސް ފައްޓާނީ ޕީޕީއެމްގެ ގޮނޑިއެއް މަޖިލިހުގައި ހިމެނިގެން."
އަބްދުއްރަހީމް ވިދާޅުވީ ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި އޭނާ ފޮނަދޫ ދާއިރާ އަށް ވަޑައިގަންނަވާނެ ކަމަށެވެ.
އޭގެ އިތުރުން އަބްދުއްރަހީމް ވިދާޅުވީ ސިޔާސީ ޕާޓީއެއްގެ ހަތް މެންބަރުންނަށް ވުރެ ގިނައިން މަޖިލީހުގައި ތިއްބެވި ނަމަ އެ ޕާޓީއެއް ތަމްސީލު ކުރުމުގެ ފުރުސަތު ދޭން ކޮމެޓީން ނިންމާފައިވާ ކަމަށެވެ. ނަމަވެސް މަޖިލިހުގެ ރިޔާސަތުން އަބްދުﷲ ޝާހިދު އެކަން އެޖަންޑާނުކޮށް ނިންމާލެއްވީ ކަމަށް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ