ގައުމު ކުރިއަރައިދާނީ ރައްޔިތުން ދުޅަހެޔޮ ސިއްހަތެއްގައި ތިބެގެން

ދުޅަހެޔޮ ސިއްހަތެއްގައި ދެމި ހުރުމަކީ ކޮންމެ މީހަކުވެސް ބޭނުންވާނޭ ކަމެކެވެ. އަދި ގައުމެއް ބިނާކުރުމުގައި ދުޅަހެޔޮ ރައްޔިތެއްގެ މުހިންމުކަން ވަރަށްވެސް ބޮޑެވެ. މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައި ވަނީ އާންމު ސިއްހަތުގެ މުހިއްމުކަމުގެ މައްޗަށެވެ. އެގޮތުން ގައުމު ކުރިއަރައި ދަނީ ގައުމުގެ ރައްޔިތުންގެ ދުޅަހެޔޮކަމާއި މަސައްކަތްތެރިކަމުން ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.
މިއަދުގެ ހުކުރު ހުތުބާގައި ބުނީ ސިއްހަތާއި ދުޅަހެޔޮކަމަކީ ހަޔާތުގެ މައިކަށި ކަމަށާއި ދުނިޔޭގެ އަރާމާއި ފާގަތިކަމުގެ ރަހައާއި މީރުކަން، ނުރައްކާތެރި ވަބާތަކުގެ ހިޔާވަހިކަމުން ނުލިބޭނެ ކަމަށެވެ.
ސިއްހަތާއި ދުޅަހެޔޮކަމަކީ އިންސާނީ ހަޔާތުގެ ހީވާގިކަމުގެ ފީތާ ކަމަށާއި އިންސާނާގެ އާންމު ސިއްހަތަށް އިސްލާމްދީނުގައި ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދީފައިވާކަމަށް ހުތުބާގައި ބުންޏެވެ.
އާންމު ސިއްހަތާ ބެހޭ އަސާސަކީ ސާފުތާހިރު ކަންކަމަށާއި އާންމު ސިއްހަތު ރައްކާތެރިކުރުމަށް މާތްﷲ އުސޫލުތަކެއް ކަނޑައަޅުއްވާފައިވާކަން ހުތުބާގައި ފާހަގަކުރިއެވެ. އެގޮތުން އިންސާނުންނަށް ގެންލުން ލިބޭނެތަކެތި ކެއުމާއި ބުއިން ހަރާމްކުރެއްވި ކަމަށާއި ދިރިއުޅޭތަން ސާފުތާހިރުކޮށް ބާއްވައި، ފާހިޝް އަމަލުތަކަށް އަރައިނުގަތުމަށް އަންގަވާފައިވާކަމަށް ހުތުބާގައި ފާހަގަކުރިއެވެ.
އިސްލާމު ދީނުގައި ސާފުތާހިރުކަމަށް ބާރުއަޅާ މިންވަރު ހުތުބާގައި ފާހަގަކުރިއެވެ. ބަލިތަކުން ރައްކާތެރިވުމަށް ސާފުތާހިރުކަން މުހިއްމު ކަމަށާއި ބަލިވެއްޖެ ނަމަ ފަރުވާ ކުރުން އަދި ބަލިން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމުގެ މުހިއްމުކަންވެސް ހުތުބާގައި ފާހަގަކުރިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ