މިއަދު ހަވީރު 6:00 ގެ ފަހުން ކެމްޕޭންކުރުން މަނާވާނެ!

މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކެމްޕޭން ކުރުުން މިއަދު ހަވީރު 6:00 އިން ފެށިގެން ބަންދުވާނެއެވެ. "ސަން"އާ ވާހަކަ ދައްކަމުން އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަދި ތަރުޖަމާނު އަހުމަދު އަކުރަމް ވިދާޅުވީ މިއަދު 6:00 އަށް މަޖިލިސް އިންތިހާބަށް ފަހު ކެމްޕޭން ކުރުމަކީ ގާނޫނީ ކުށެއް ކަމަށެވެ. އަދި އެކަން ނުކުރުމަށް އޭނާ އިލްތިމާސް ކުރެއްވިއެވެ. "އަޅުގަނޑުމެން އިލްތިމާސް ކުރަނީ މިއަދު 6:00 އިން ފެށިގެން އެއްވެސް ފަރާތަކުން ކެމްޕޭން ނުކުރުމަށް. އޭގެ ފަހުން ކެމްޕޭން ކުރުމަކީ ގާނޫނީ ބޮޑު ކުށެއް،" އަކުރަމް ވިދާޅުވި އެވެ. އަކުރަމް ވިދާޅުވީ، ކެންޑިޑޭޓުން އަމަލު ކުރަން ޖެހޭ ގޮތް ކެންޑިޑޭޓުންނާ އިލެކްޝަންސް އިން ހަވާލު ކުރި އަތްމަތީ ފޮތުން އެނގޭނެ ކަމަށެވެ. އޭނާ ވިދާޅުވީ، ކެމްޕޭނު ކުރުމުގެ ފުރުސަތު ބަންދުވާ ހިސާބުން ފެށިގެން ކެމްޕޭން ކުރާ ނަމަ އެ މައްސަލައެއް ކޮމްޕްލެއިންސް ބިއުރޯއަށް ހުށަހެޅި ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކަށް ގާނޫނުގައި އޮންނަ ފިޔަވަޅުތައް އަޅާނެ ކަމަށެވެ. މިފަހަރުގެ އިންތިހާބުގައި ވޯޓުލާއިރު ވޯޓު ކަރުދާހުގައި ލިޔެފި ނަމަ ނުވަތަ ކުރަހައިފި ނަމަ އެ ވޯޓު ބެލެވޭނީ ބާތިލު ވޯޓެއްގެ ގޮތުގައެވެ. މިފަހަރުގެ މަޖިލިސް އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ 264،442 މީހުން އެބަތިއްބެވެ. އިންތިހާބުގެ ވޯޓުލުން ފެށޭނީ މާދަމާ ހެނދުނު 8:00 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ