ސުޕްރީމް ކޯޓުގެ ބެންޗު އިތުރު ކުރުމުގެ އިސްލާހު ރައީސް ތަސްދީގުކުރައްވައިފި

ސުޕްރީމް ކޯޓުގެ ބެންޗް ހަތަކަށް އިތުރުކޮށް ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގުކުރައްވައިފިއެވެ.
މި ހިނގާ ޖުލައި މަހުގެ 17 ވީ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 22 ވަނަ ޖަލްސާއިން ފާސްކުރި ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ އަދަދު ކުރިއެކޭ އެއްގޮތަށް ހަތަކަށް އިތުރު ކުރަން ސަރުކާރުގެ ފަރާތުން ކޯޓުތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަނީ ތަސްދީގުކުރައްވައިފަ އެވެ.
މި ބިލަކީ ގާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު)ގެ ފަސްވަނަ މާއްދާ އިސްލާހުކުރުމުގެ ބިލެވެ. އެގޮތުން މި ގާނޫނުގެ ފަސްވަނަ މާއްދާގައި ބުނާ "ސުޕްރީމް ކޯޓް އެކުލެވިގެންވާ ގޮތް" އިސްލާހުކޮށްފައިވާ އިރު، އެ އިސްލާހުގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓު އެކުލެވިގެންވަނީ އުއްތަމަފަނޑިޔާރާއި، އެ ކޯޓަށް އްއްޔަންކުރެވޭ އިތުރު ހަ ފަނޑިޔާރުންނާއެކު، ޖުމްލަ ހަތް ފަނޑިޔާރުންގެ މައްޗަށް ކަމުގައެވެ. ކުރިން އޮތްގޮތުން ސުޕްރީމް ކޯޓުގެ ބެންޗުގެ އަދަދަކީ ފަސް ފަނޑިޔާރުންނެވެ.
ސުޕްރީމް ކޯޓުގައި މިހާރު ތިއްބަވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދާއި ފަނޑިޔާރު އަބްދުﷲ ދީދީގެ އިތުރުން ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ. އުއްތަަމަ ފަނޑިޔަރާއެކު މުޅި ޖުމްލަ ބެންޗުގައި ހަތް ފަނޑިޔާރުން ތިބޭގޮތަށް ގެނައި މި އިސްލާހާ ގުޅިގެން އިތުރު ދެ ފަނޑިޔާރުން އެ ކޯޓަށް އައްޔަން ކުރާނެއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދަށް ބަދަލު ގެނައި މިއީ ހަތަރުވަނަ ފަހަރެވެ.
މި ބިލު ތަސްދީގު ކުރެއްވުމާ ގުޅިގެން، މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ