ފަސް އަހަރުގެ ތެރޭގައި 100 މިލިއަނަރުން އުފައްދާނަން: ގާސިމް

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބު ވެއްޖެނަމަ 5 އަހަރު ދުވަހުގެ ތެރޭގައި ސަތޭކަ މިލިއަނަރުން އުފައްދާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި އެޕާޓީގެ ލީޑަރު ގާސިމް އިބްރާޙިމް ވިދާޅުވެއްޖެއެވެ.
ރޭ ޖޭޕީގެ ފަރާތުން ގާސިމް އަށް ރިޔާސީ ޓިކެޓް ހަވާލުކުރުމަށް ބޭއްވި ޖަލްސާގައި ގާސިމްގެ މެނިފެސްޓޯ ހާސްކަނޑާލާ، ހަމަޖެހޭނެ ކުރިއަށް ދިވެހި ގައުމުގެ ޝިޔާރާއިއެކު ކުރިއަށް ގެންދިޔި ޖަލްސާގައި ގާސިމް ވިދާޅުވީ އޭނާ ވެރިކަމަށް ކުރިމަތިލީ މާޒީގައާއި މިއަދު އެކި ސަރުކާރުތަކުން ރައްޔިތުންނަށް އިހުމާލުވެފައިވާތީ އެކަމުން ސަލާމަތްކޮށްދިނުމުގެ އަޒުމުގައި ކަމަށެވެ.
ގާސިމް ވިދާޅުވީ ގައުމު އަމާން ބަނދަރަކަށް ގެންދިއުމަށް އަމާނާތްތެރި، ވިސްނުންތެރި ހިކުމަތްތެރި އިހްސާންތެރި ވެރިއަކު ގައުމަށް ބޭނުންވާ ކަމަށެވެ. އެގޮތުން 1984 ވަނަ އަހަރުން ފެށިގެން ހުއްޓުމެއްނެތި މިއަދާ ހަމައަށް ދިވެހި ރައްޔިތުންގެ އިގްތިސާދީ އަދި މަދަނީ ހައްގުތައް ހިމާޔަތް ކުރުމަށް ސިޔާސީ ގޮތުން ނުފީނާ ކަނޑެއް ފަޅެއް  ރާއްޖޭގައި ނޯންނާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
ﷲގެ ތަނަވަސް ރަހްމަތާއެކު އަޅުގަނޑުގެ އަމިއްލަ ހިތްވަރާއި މަސައްކަތުން ހޯދި ތަނަވަސްކަމާއި، އެތަނަވަސްކަން އެހީއަށް ބޭނުންވެފައިވާ ފަރާތްތަކާއި ހިއްސާކުރި މިންވަރާއި، ދިވެހި ގައުމަށް ހެޔޮއެދިގެން ރައްޔިތުންގެ ހައްގުތައް ކަށަވަރު ކުރުމަށް ފާއިތުވި 40 ވަރަކަށް އަހަރު އަޅުގަނޑު ކުރި މަސައްކަތާއި ރައްޔިތުންގެ ސިއްހީ ދުޅަހެޔޮކަމަށާއި ތައުލީމާއި އިންސާނީ ވަސީލަތްތައް ބިނާކުރުމަށް ކުރި ހޭދަ އެއީ ތިޔަ ރައްޔިތުން ދަންނާނެ ހަގީގަތްތަކެއް.
ގާސިމް ވިދާޅުވީ އޭނާގެ ތަފްސީލީ މައުލޫމާތު ޖަލްސާގައި ރިޕޯޓެއްގެ ގޮތުގައި ފެނިގެން ގޮސްފައިވާ ކަމަށެވެ.
2004 ވަނަ އަހަރުގެ ޖޫން މަހުގެ 9 ވަނަ ދުވަހުގެ ރެއަކީ އިސްލާހީ އެޖެންޑާ އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިއުލާންކުރެއްވި ރޭ ކަމަށް ގާސިމް ވިދާޅުވިއެވެ. އެހެންކަމުން ގާސިމްގެ ޖަލްސާ ޖޫން މަހުގެ 9 ވަނަ ދުވަހާއި ދިމާވެފައިވަނީ އިއްތިފާގަކުން ކަމަށް އޭނާ ވިދާޅުވިއެވެ.
ގާސިމް ވަނީ ކުރީގެ ރައީސް މައުމޫންގެ އިސްލާހީ އެޖެންޑާ އަށް ޝުކުރު އަދާކޮށް ތައުރީފްކޮށްފައެވެ.
ގާސިމްގެ މެނިފެސްޓޯގައި ހިމެނޭ ކަންކަމުގެ ތެރޭގައި ދިވެހިންގެ މާތްވެގެންވާ ދީނާއި އަދުލު އިންސާފާއި ގައުމީ ސަލާމަތީ ބާރުތަކާއި ދިވެހިންގެ ޑިމޮކްރަސީ އާއި މިނިވަންކަމާއި ދިވެހިންގެ ގައުމިއްޔަތާއި ރާއްޖޭގެ އެކިކަންކޮޅުތަކުގައި އުމްރާނީ ތަރައްގީ އާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުން ހިމެނެއެވެ.
އަދި ރާއްޖެ ދަރަނިވެރިކަމުން ސަލާމަތްވާނެ އާ ވިސްނުންތަކާއި ދަނޑުވެރިކަމާއި މަސްވެރިކަމާއި ވިޔަފާރި އާއި އިގްތިސާދު ހަރުދަނާ ކުރެވޭނެ ގޮތްތަކާއި ސިއްހަތާއި ތައުލީމާއި ޑްރަގްގެ ވަބާ އިން ސަލާމަތްވެފައިވާ ރާއްޖެއެއް ހޯދުމާއި ވަކި އަތަކަށް ބުރަނުވާ ދިވެހީން ފުރަތަމަ އަންނަ ހާރިޖީ ސިޔާސަތެއް ބިނާ ކުރުން ހިމެނެއެވެ.
ގާސިމް ވިދާޅުވީ ގައުމަށް މިއަދު ދިމާވެފައިވާ މައްސަލަތައް ހައްލު ހޯދައިދޭނެ ވެރިއަކު ހޯދައިދިނުމަށް ގައުމުގެ ދުލުން އެދި ގޮވަމުންދަނީ ގައުމު މިއަދު އޮތް ހާލަތުގެ ސަބަބުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ