މި ފަހުގެ ތާރީހެއްގައި އަސްކަރީ ދިފާއަށް އެންމެ ބޮޑު ހޭދައެއްކޮށް އަސްކަރިއްޔާއަށް ޑްރޯނާއި މަނަވަރު އަދި ޓޭންކަރު ހޯދުމަށްފަހު މި ޒަމާނުގައި ގައުމުތަކުގެ މިނިވަންކަން ނަގާލަނީ ހަތިޔާރު ބޭނުންކޮށްގެން ކުރާ ހަނގުރާމަތަކުން ނޫން ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މި އަހަރުގެ ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ މިއަދު ދުނިޔެ މިއޮތް ޓެކްނޮލޮޖީގެ ޒަމާނުގައި "ގާފިލުކަން މަތީ" ނޭނގި ތިއްބާ ގައުމުގެ މިނިވަންކަން ނެތިގެން ހިނގައިދާނެ ކަމަށެވެ. ދުނިޔެ ބަވަނަވެ، ހަނގުރާމަ އާއި ގައުމުތައް އަޅުވެތިކުރަން ގެންގުޅޭ އުކުޅުތައް ބަދަލުވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
"ކުރީގަ. މިނިވަންކަން ގެއްލުވާލުމަށް، ނޫނިއްޔާ ގައުމުތައް އަޅުވެތިކުރަން އަންނަނީ ހަތިޔާރު ހިފައިގެން، ކުރިމަތިލާން. އޭރުގަ އެކަން ކުރާ ގޮތަކަށް ނޫން މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގަ އެކި ގައުމުތަކުގެ މިނިވަންކަން ނިގުޅައިގަތުމުގަ ހަރަކާތްތެރިވަނީ،" މުއިއްޒު ވިދާޅުވި އެވެ.
ދިވެހިންނަށް އޮތް ހާއްސަ ކަމަކީ ހަމައެކަނި އިސްލާމް ދީން ގަބޫލުކުރާ، އެއް ބަހަކުން ވާހަކަދައްކާ އެއްބަޔަކަށް ވުން ކަމަށާއި، އެ އެއްބައިވަންތަކަން ނަގާލަން އެހެން ގައުމުތަކުން އަންނާނީ ހަތިޔާރު ހިފައިގެން ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"މި އެއްބައެއް ވަންތަކަން ގެއްލުވާލުމަކީ މިހާރު ކޮންމެހެން ކަނޑިޔާއި ބަޑި ހިފައިގެން އައިސް ކުރާނެ ކަމެއް ނޫން،"
ރާއްޖޭގެ އިގުތިސޯދު ވަޅުގަނޑަކަށް ވައްޓާލައި، މިނިވަންކަން ގެއްލުވާލުމަކީ އެކަމާމެދު ނުވިސްނާ ތިއްބާ ވަރަށް ފަސޭހައިން ކުރެވިދާނެ ކަމެއް ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ. މިސާލެއްގެ ގޮތުގައި އެމަނިކުފާނު ނެންގެވީ ޓޫރިޒަމް ބޮއިކޮޓު ކުރުމަށް ގޮވާލުމެވެ.
"މިއަދު ފެނިދާނެ އަޅުގަނޑުމެންގެ ފަތުރުވެރިކަން ނައްތާލުމަށް. ފަތުރުވެރިކަމާ ދެކޮޅަށް. މިސާލަކަށް މި ދަންނަވަނީ. ބަޔަކު ކަންތައްތަކެއް. ދިވެހީންގެ ބަޔަކު ކުރާތަން." މުއިއްޒު ވިދާޅުވި އެވެ.
އަޅުގަނޑުމެން މި ދެންނެވި ކޮންމެ އަފުރާދަކު ގައުމާ އެއްކޮޅަށް ވިސްނާނަމަ، އަތުގަ އޮންނަ ފޯނު ބޭނުންކޮށްގެން، މިހާރުގެ މި ހަގީގަތް، މާސް މީޑިއާގެ ހަގީގަތް ބޭނުންކޮށްގެން، ގައުމާ އެއްކޮޅަށް މަސައްކަތް ކޮށްފިއްޔާމު އެފަދަ ހުރިހާ ހަމަލާތަކެއް ނައްތާލެވޭނެ،"
ގައުމު ހަގީގަތުގައި މިނިވަން ވުމަށް އިގުތިސޯދީ މިނިވަންކަން ލިބުން ވަރަށް މުހިންމު ކަމަށް ވެސް މުއިއްޒު މިއަދު ވިދާޅުވި އެވެ. އަދި، މިކަމުގައި ކޮންމެ ރައްޔިތަކަށް ވެސް ކުރެވޭނެ ކުދި، މާނަފުން ކަންކަން ހުންނާނެ ކަމަށް ވިދާޅުވި އެވެ.
މުއިއްޒުގެ ވެރިކަމުގައި އަސްކަރިއްޔާއަށް ބޮޑެތި ހަރަދުތަކެއް ދަނީ ކުރަމުންނެވެ. އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގައި އަސްކަރީ ދިފާއަށް ހަރަދުވާނެ ކަމަށް ލަފާކޮށްފައިވަނީ 2.8 ބިލިއަން ރުފިޔާ އެވެ. މުއިއްޒުގެ ސަރުކާރުގައި ކުރި އަސްކަރީ ހަރަދުތަކުގެ ތެރޭގައި އަސްކަރިއްޔާއަށް ގަނެފައިވާ ޑްރޯން ތަކާއި ޓޭންކަރުތައް އަދި ތުރުކީން ހަދިޔާކުރި މަނަވަރު ދުއްވުމަށް ދާ ހަރަދުތައް ހިމެނެ އެވެ.
ތުރުކީގެ ބައިކާރު ކުންފުންޏާއެކު 37 މިލިއަން ޑޮލަރުގެ އެއްބަސްވުމެއް ހަދައިގެން ފުރަތަމަ އަސްކަރީ ޑްރޯންތަކެއް ގެނައީ މިދިޔަ އަހަރުގެ ކުރީކޮޅު އެވެ.
އޭރު ގެނައި ޑްރޯންތަކުގެ އަދަދެއް ޔަގީނެއް ނޫނެވެ. އެއަށްފަހު މިދިޔަ މަހު އެމްއެންޑީއެފްގެ ބޭނުމަށް ހަމަ އެ ކުންފުނިން އިތުރު ތިން ޑްރޯން ވަނީ ގެނެސްފަ އެވެ. ދެ ފަހަރު މަތިން ވެސް ގެނައީ ބައިކާރު ކުންފުނިން އުފައްދާ ބައިރަކްތާރު ޓީބީ-2 މަރުކާގެ ޑްރޯން ތަކެކެވެ.
ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން އަސްކަރިއްޔާއަށް "ޓޭންކަރުތަކެއް" ގަތީ މި އަހަރުގެ ކުރީކޮޅު އެވެ. އެޕްރީލް މަހު އެމްއެންޑީއެފްގެ ބޭނުމަށް ގަނެގެން ގެނައީ ޔޫއޭއީ ސަރުކާރުގެ ޑިފެންސް ކުންފުންޏެއް ކަމަށްވާ އެޖް ގްރޫޕުން އުފައްދާ އަޖްބާން މަރުކާގެ 'އަޖްބާން 442އޭ' ވެހިކަލްތަކެކެވެ.
އަސްކަރިއްޔާގެ ބޭނުމަށް މިފަދަ ފަސް ވެހިކަލެއް ގެނެސްފައިވާއިރު، މި ތަކެއްޗަށް ހަރަދުކުރީ ކިހިނެއް ކަމެއް ނޫނީ މިއީ ހިލޭ އެހީގެ ގޮތުގައި ލިބިފައިވާ ތަކެތި ކަމަށް ސަރުކާރުން ނުބުނު އެވެ. މާކެޓު އަގުތަކުން ހިސާބުކުރާއިރު، މި ވެހިކަލްތައް ގަތުމަށް ދައުލަތުގެ ބަޖެޓުން 3.5 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ބެލެވެ އެވެ. އެއީ 54 މިލިއަން ރުފިޔާ އެވެ.
މި އަހަރުގެ ކުރީކޮޅު ތުރުކީން ރާއްޖެއަށް ހަދިޔާކުރި 44 އަހަރުވީ ޑޮލްގަން ކްލާސްގެ ޓީސީޖީ ވޮލްކަން ނުވަތަ ދިވެހި އަސްކަރިއްޔާއިން ދީފައިވާ ނަމުންނަމަ "ދަރުމަވަންތަ" މަނަވަރަށް ހަރަދުތަކަށް ވެސް ބޮޑެތި އަދަދުތަކެއް އަރާނެ ކަމަށް ބެލެވެ އެވެ.
ޑްރޯނާއި މަނަވަރު ހޯދުމަށްފަހު މުއިއްޒު ވިދާޅުވީ މި ޒަމާނުގައި މިނިވަންކަން ނަގާލަނީ ހަތިޔާރު ބޭނުންކޮށްގެން ނޫން ކަމަށް ޑްރޯނާއި މަނަވަރު ހޯދުމަށްފަހު މުއިއްޒު ވިދާޅުވީ މި ޒަމާނުގައި މިނިވަންކަން ނަގާލަނީ ހަތިޔާރު ބޭނުންކޮށްގެން ނޫން ކަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ