ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބާ ފާހަގަ ކުރުމަށް، ދިވެހި ޤައުމީ ދިފާޢީ ބާރު، އެމް.އެން.ޑީ.އެފުން ޖުމްހޫރީ މައިދާނުގައި މިއަދު ކުރިއަށް ގެންދިޔަ ސިފައިންގެ އަސްކަރީ ހުށަހެޅުމުގެ ޙަރަކާތް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައްލަވާލައްވައިފިއެވެ.
މިއަދު ހަވީރު އޮތް، މި ހަރަކާތް ހުށަހެޅުމުގެ ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޖުމްހޫރީ މައިދާނަށް ވަޑައިގެންނެވުމުން، އިސްތިޤްބާލު ކުރެއްވީ މިނިސްޓަރ އޮފް ޑިފެންސް މުޙައްމަދު ޣައްސާން މައުމޫނާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.
އަސްކަރީ ހުށަހެޅުމުގެ ޙަރަކާތް ފެށުމުގެ ކުރިން، ދިވެހި ސިފައިން ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް އަސްކަރީ ކުރުނީހެއް އަރުވައިފައެވެ. އެއަށްފަހު، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވާހަކަފުޅު ދެއްކެވިއެވެ.
މި ރަސްމިއްޔާތުގައި، ދިވެހި ޤައުމީ ދިފާޢީ ބާރުން ކުރިއަށް ގެންދިޔަ ޚާއްޞަ އަސްކަރީ ހުށަހެޅުންތަކުގައި، ފެނިގެންދިޔައީ ދިވެހިރާއްޖެއަށް ކުރިމަތިވެދާނެ ނިރުބަވެރި ހަމަލާއަކުން ދިވެހި ޤައުމާއި ރައްޔިތުން ސަލާމަތްކުރުމަށްޓަކައި ދިވެހި އަސްކަރިއްޔާގެ ގުޅިފައިވާ ބާރުތަކުން ހިންގާ ޖޮއިންޓް އޮޕަރޭޝަންގެ ޙަރަކާތްތަކެވެ. މި ހަރަކާތުގައި، ދިވެހި ސިފައިންގެ ސްޕެޝަލް ބޯޓް ސްކޮޑްރަން، ސްޕެޝަލް ފޯސަސްގެ ޙަރަކާތްތަކާއި، ރެޕަލިންގްގެ ޙަރަކާތްތަކާއި ކައުންޓަރ އެޓޭކެއްގެ މައިދާނީ ޙަރަކާތްތަކެއް ފެނިގެންދިޔައެވެ.
މި ހުށަހެޅުމަށްފަހު، ދިވެހި ސިފައިންގެ އޮޕަރޭޝަނަލް ޤާބިލުކަމުގެ މައްޗަށް ތައްޔާރުކޮށްފައިވާ ވީޑިއޯ ރިޕޯޓެއްވެސް ދައްކާފައިވެއެވެ.
ސިފައިންގެ ޢަސްކަރީ ހުށަހެޅުމުގެ މި ޙަރަކާތްތައް ނިންމައިލުމުގެ ގޮތުން، ހަނދާނީ ގުރޫޕު ފޮޓޯއެއް ނެންގެވިއެވެ. ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހުގައި، ދިފާޢީ ވަޒީރާއި ދިވެހި ޢަސްކަރިއްޔާގެ އިސް އޮފިސަރުން މި ފޮޓޯގައި ބައިވެރިވެވަޑައިގަތެވެ.
ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ދިވެހި ޤައުމީ ދިފާޢީ ބާރުން އިންތިޒާމުކުރި އަސްކަރީ ހުށަހެޅުމުގެ ޙަރަކާތް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައްލަވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ