ހުއްދަ ނުހޯދާ މުޒަހަރާ ކުރެވޭ ގޮތަށް ހަދަން ގާނޫނު އުވާލަން އެމްޑީޕީން ހުށަހަޅައިފި

ހުއްދަ ހޯދުމަކާ ނުލާ މުޒަހަރާ ކުރެވޭ ގޮތަށް ހެދުމަށްޓަކައި، 'ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނު' އެއްކޮށް އުވާލަން އިދިކޮޅު އެމްޑީޕީން ހުށަހަޅައިފި އެވެ.
ވީ ކިހިނެއް؟ - މިދިޔަ ހަފްތާގައި އިދިކޮޅު އެމްޑީޕީގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް ހުށަހެޅުއްވި މި ބިލުގެ ފުރަތަމަ ކިޔުން އިއްވުމަށް މާދަމާ މަޖިލިސް ޖަލްސާއަށް ވަނީ އެޖެންޑާކޮށްފަ އެވެ.
ތަފްސީލު - މީކާއިލް ހުށަހެޅުއްވި ބިލުގައި އޮތީ، މުޅި ގާނޫނު އުވާލުމަށެވެ.
އެގޮތަށް ގާނޫނު އުވާލަން ހުށަހަޅާ ސަބަބެއް ކަމަށް ބިލުގައި އޮތީ:
ގާނޫނުއަސާސީގެ 32 ވަނަ މާއްދާގައި ދައުލަތުގެ ހުއްދަ ހޯދުމަކާ ނުލާ ސުލްހަވެރިކަމާއެކު އެއްވެ އުޅެވޭނެ ކަމަށް ބަޔާންކޮށްފައިވާއިރު، މި ގާނޫނުގެ ދަށުން އެ އެ މިނިވަންކަމަށް ހުރަސް އެޅޭތީ
އެހެންވެ ބިލު ހުށަހަޅަނީ، ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ މިނިވަންކަމުގެ ބޭޏުން އެންމެ ފުޅާ ދާއިރާއެއްގައި ހިފުމުގެ ފުރުސަތު ދައުލަތުން ރައްޔިތުންނަށް ތަނަވަސްކޮށްދިނުމަށް
އޭގެ އިތުރުން، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަދި މުޖުތަމައުގެ އަމާންކަން ބެލެހެއްޓުމަށް، ފުލުހުންނަށް ކޮންމެހެން ލިބިދޭން ޖެހޭ ބާރާއި އިހުތިޔާރު، އެހެން ގާނޫނުތަކުގައި މިހާރު ފުރިހަމައަށް ކަނޑައަޅާފައިވާތީ، މި ގާނޫނު ވުޖޫދުގައި އޮތުމަކީ، "ބޭނުންތެރިކަމެއް ކަމަށް ނުވާތީ"
ބިލުގައިވާ ގޮތުން، މަޖިލީހުން ބިލު ފާސްކޮށް ތަސްދީގު ކުރާ ދުވަހުން ފެށިގެން އެ ގާނޫނު އުވުނީ އެވެ.
ފަސް މަންޒަރު - ފެބްރުއަރީ 2012ގައި އެމްޑީޕީގެ ފުރަތަމަ ސަރުކާރު ވައްޓާލުމާ ގުޅިގެން އެ ޕާޓީން ކުރިއަށް ގެންދިޔަ ސިލްސިލާ މުޒަހާރާތައް ހުއްޓުވުމަށްޓަކައި، މި ގާނޫނު ވުޖޫދު ކުރީ، 2013ގައި އޭރުގެ ރައީސް ވަހީދު ހަސަން މަނިކުގެ ވެރިކަމުގަ އެވެ. އޭގެ އިތުރުން:
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2016ގައި އެ ގާނޫނަށް އިތުރު އިސްލާހުތަކެއް ގެނެސް، އެ ހައްގު އިތުރަށް ހަނިކުރި
އޭރު ވެރިކަން ކުރާ ޕީޕީއެމްގެ މެޖޯރިޓީ އޮތް 17 ވަނަ މަޖިލީހުން ގާނޫނަށް ގެނައި އިސްލާހަކީ، ސަރުކާރުން ކަނޑައަޅާ ސަރަހައްދުތައް ފިޔަވައި އެހެން ތަންތަނުގައި މުޒާހަރާކުރުމަށް ފުލުހުންގެ ހުއްދައެއް ކުރިއާލާ ހޯދަން ޖެހޭގޮތަށް ހެދި
އެ އިސްލާހުގެ ދަށުން ހޯމް މިނިސްޓްރީން އޭރު އިއުލާން ކުރީ މާލޭގައި ހުއްދަ ނުހޯދައި މުޒާހަރާ ކުރެވޭނީ ހަމައެކަނި ކާނިވަލް ސަރަހައްދުގައި ކަމަށް
އެމްޑީޕީގެ ފަރާތުން އެ ޕާޓީގެ އޭރުގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު އިއުލާން ކުރެއްވި ގޮތުގައި އެ ގާނޫނު، ގާނޫނުއަސާސީއާ ހިލާފުވާތީ އެ ޕާޓީން އެ ގާނޫނު ބަލައި ނުގަންނަން. އަދި އެ ގާނޫނަށް ތަބާނުވެ މުޒާހަރާތައް ކުރިއަށް ގެންދާނެކަން އިއުލާންކުރެއްވި
ސޯލިހް ވެރިކަމަށް ވަޑައިގެންނެވީ އެ ގާނޫނު އިސްލާހު ކުރައްވާނެ ކަމުގެ ވައުދާއެކު؛ ނަމަވެސް ވެރިކަން ނިމިގެންދިޔައީ އެ ވައުދު ނުފުއްދާ
އެނގުން މުހިންމު - ގާއުމީ ސަލާމަތާ ގުޅުން ހުރި ތަންތަނާއި މިސްކިތްތައް ފިޔަވައި އެހެން ހުރިހާ ތަނަކަށް ހުއްދަ ހޯދުމަކާ ނުލާ އެއްވެވޭ ގޮތަށް ގާނޫނު އިސްލާހު ކުރައްވާނެ ކަމަށް ރައީސް މުއިއްޒުވެސް އޭރު އިދިކޮޅު ކެންޑިޑޭޓެއްގެ ގޮތުގައި ވައުދުވެވަޑައިގެންނެވި އެވެ.  އަދި މިދިޔަ އަހަރު މަޖިލީހުގައި އިއްވި ރިޔާސީ ބަޔާނުގައި އެ ގާނޫނު އިސްލާހުކުރުން އަވަސްކޮށްދޭން އެމަނިކުފާނު އެދިވަޑައިގެންފައިވެ އެވެ.
ރައީސް މުއިއްޒުގެ ޕީއެންސީއަށް މިވަގުތު މަޖިލީހުގެ މެޖޯރިޓީ އޮތް ނަމަވެސް އަދި ގާނޫނު އިސްލާހުކުރުމަށް ހުށަނާޅަ އެވެ. ނަމަވެސް ގާނޫނު އިސްލާހު ކުރަން ހުށަހަޅުއްވާނެ ކަމަށް މިފަހުން ބަންޑާރަނައިބު އަހްމަދު އުޝާމް މަޖިލީހުގައި ވިދާޅުވެފައިވެ އެވެ. ނަމަވެސް އޭގެ ތަފްސީލެއް ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ.
ފާހަގަކޮށްލެވޭ ކަމެއް - މި ގާނޫނު އިސްލާހު ކުރުމަަށް ސަރުކާރުން އަދި ހުށަހަނޭޅި ނަމަވެސް، ކާނިވާގެ އިތުރުން މާލޭގައި ހުއްދަ ހޯދުމަކާ ނުލާ އެއްވެވޭނެ އިތުރު ތިން ތަނެއް ސަރުކާރުން ކަނޑައަޅާފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
އުސްފަންގަނޑު
ރަސްފަންނު
އިންޑަސްޓްރިއަލް ޒޯން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ