3 ނޮވެންބަރުން ލިބުނު އެއް ފިލާވަޅަކީ އަސްކަރީ ގާބިލް ފައުޖެއް އަބަދުވެސް އޮތުމުގެ މުހިންމުކަން: ހިލްމީ
ނޮވެންބަރު 3, 1988ގެ އެންމެ މުހިންމު އެއް ފިލާވަޅަކީ މި ގައުމުގެ މިނިވަންކަން ދިފާއުކުރުމަށް، އަސްކަރީ ގާބިލް ފައުޖެއް އަބަދުވެސް އޮތުމުގެ ބޭނުންތެރިކަންކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީ ވިދާޅުވެއްޖެއެވެ. ޗީފް އޮފް ޑިފެންސް ފޯސް މިހެން ވިދާޅުވީ ނަސްރުގެ ދުވަހާ ގުޅިގެން ޖުމްހޫރީ މައިދާނުގައި ކުރިއަށްގެންދިޔަ އަސްކަރީ ހުށަހެޅުން ފެށުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ ފަހުގެ ތާރީޚެއްގައި އެންމެ ނުރައްކާތެރި އުދުވާނެއް ހިނގީ ނޮވެންބަރު ތިން ވަނަ ދުވަހުގައިކަމަށެވެ. އެ ދުވަހު އެތައް ދަރިންނެއް ޔަތީމުވެ، އެތައް އަނބިންނެއް ހުވަފަތްވި ކަމަށް ހިލްމީ ވިދާޅުވިއެވެ. 3 ނޮވެންބަރު 1988ގެ އެންމެ މުހިންމު އެއް ފިލާވަޅަކީ މި ގައުމު ދިފާއު ކުރުމަށްޓަކައި، އަސްކަރީ ގާބިލް ފައުޖެއް އަބަދުވެސް އޮތުމުގެ ބޭނުންތެރިކަން. ދިމާ ވެދާނެ ނުރައްކާތެރިކަމަށް ބަލައި، އެ ނުރައްކާތަކަށް ކުރިމަތިލެވޭނެ އަސްކަރިއްޔާއެއް އަބަދުވެސް ތަރައްގީކޮށްފައި އޮތުމުގެ ބޭނުންތެރިކަން ހިލްމީގެ ވާހަކަފުޅުގައި ރާއްޖޭގެ މިނިވަންކަން ދިފާއުކުރެވޭނެ ގާބިލްކަން ދިވެހި އަސްކަރިއްޔާއަށް ހޯއްދަވައިދެއްވައި އިތުރުކޮށްދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، ކުރައްވަވާ މަސައްކަތްޕުޅު ފާހަގަ ކުރެއްވިއެވެ. އެމްއެންޑީއެފުން ބޭއްވި ހަރަކާތްތަކުގެ ތެރެއިން: 3 ނޮވެންބަރުން ލިބުނު އެއް ފިލާވަޅަކީ އަސްކަރީ ގާބިލް ފައުޖެއް އަބަދުވެސް އޮތުމުގެ މުހިންމުކަން ކަމަށް ހިލްމީ ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް ރައީސް، މާޒީގައި ދިވެހިން ސިފައިންވި މަތިވެރި ގުރުބާނީގެ އަގު ވަޒަންކުރައްވާތީ ސިފައިންނާއި ސިފައިންގެ އާއިލާތަކާއި އެންމެހާ ދިވެހިންގެ ނަމުގައި އޭނާ ރައީސަށް ޝުކުރު ދެންނެވިއެވެ. ހިލްމީ ވިދާޅުވީ މިއަދު މިނިވަން ޖައްވަކަށް އެންމެންވެސް ނޭވާލަމުން މިދަނީ، މި ގައުމުގެ މިނިވަންކަން ދިފާއު ކުރުމަށްޓަކައި، ތިނެއް ނޮވެންބަރުގައިއާއި ފާއިތުވި ތާރީޚުގައިވެސް ދިވެހި ސިފައިން، އަދި ދިވެހި ކާބަފައިން ވި މަތިވެރި ގުރުބާނީގެ ސަބަބުން ކަމަށެވެ. 3 ނޮވެންބަރުގައި މި ލޮބުވެތި ގައުމަށް، ޚިޔާނަތްތެރިވި މަދު ބަޔަކާއި، ޓެރެރިސްޓް ޖަމާއަތަކާ ގުޅިގެން ހިންގި މި ނުރައްކާތެރި އުދުވާނާ ދެކޮޅަށް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ އާއި ދިވެހި ލޮބުވެތި ރައްޔިތުންގެ ހައްގުގައި ދިވެހި ސިފައިން ކޮށްފައިވަނީ މަތިވެރި ޖިހާދެއް. ދުވަހަކުވެސް ފަޑުވެގެން ނުދާނެ ދީނީ އަދި ގައުމީ އަގުބޮޑު ޚިދުމަތެއް. ހިލްމީ ވިދާޅުވީ ކުރިން ނޮވެންބަރު ތިނެއް ފާހަގަކުރަމުން އައީ އާދައިގެ ގޮތަކަށް ކަމަށާއި، ނަމަވެސް އެކަން ރައީސް މުއިއްޒު ބަދަލުކޮށްލައްވަައި، އެންމެ ކުލަގަދަކޮށް ފާހަގަ ކުރެވޭ އެއްދުވަހެއްގެ ގޮތުގައި ހައްދަވާފައިކަމަށެވެ. އެކަމަށްޓަކައި ރައީސަށް، ސިފައިންގެ ނަމުގައި އޭނާ ޝުކުރު އަދާކުރެއްވިއެވެ. ތިނެއް ނޮވެމްބަރުގައި ދިން ހަމަލާއަކީ، ދިވެހީންގެ ތެރެއިން ގައުމަށް ޣައްދާރުވި ބަޔަކު އިސްވެ ތިބެ ސްރީލަންކާގެ ތަމަޅަ ޓައިގަރުންގެ ބަޔަކާ ގުޅިގެން މާލެއަށް ހަތިޔާރާއެކު އަރައިގަނެ ދިން ހަމަލާއެކެވެ. އެ ހަމަލާގައި އަށް ސިފައިން ހިމެނޭ ގޮތަށް 19 މީހަކު ޝަހީދުކޮށްލިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ