މި ސަރުކާރުގައި އަސްކަރިއްޔާއަށް ގިނަ އެހީތެރިކަމެއް ވަމުންދާ ތުރުކީއަކީ ދިވެހި ރާއްޖެ އާއި އެއްބަނޑު އެއްބަފާ ގައުމެއް ކަމުގައި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.
ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ގައްސާން މިހެން ވިދާޅުވީ މި އަހަރުގެ ކުރީކޮޅު ތުރުކީން ރާއްޖެއަށް ހަދިޔާރުކުރި އަސްކަރީ މަނަވަރު ބޭނުންކުރާތަން ފުރަތަމަ ފަހަރަށް މިއަދު ހަވީރު ދައްކާލާނެކަން އިއުލާނުކުރައްވަމުންނެވެ.
"މިއަދު ހަވީރު އެމްއެންޑީއެފް އިން ދައްކާލާ ހަރަކާތުގެ ތެރޭގަ. ދިވެހި ތާރީހުގަ ރާއްޖެއަށް ލިބިފައިވާ އެންމެ ބޮޑު އަސްކަރީ މަނަވަރު. އެއްބަނޑު އެއްބަފާ ތުރުކީ ވިލާތުން. އެ ގައުމުގެ ރައީސް އާއި ރައީސުލްޖުމްހުރިއްޔާ އާއި އޮތް ގާތް ގުޅުމުގެ ތެރެއިން ހިލޭ އެހީއެއްގެ ގޮތުގައި ހޯއްދަވާފަ އޮތް މަނަވަރާއި އަދި އެހެން އުޅަނދުތައް ވެސް ފެނިގެންދާނެ،" ގައްސާން ވިދާޅުވި އެވެ.
މި އަހަރުގެ ކުރީކޮޅު ތުރުކީއިން ހަދިޔާ ކުރި ޓީސީޖީ ވޮލްކަން (ޕީ-343) އަކީ މިސައިލް ފޮނުވުމުގެ ގާބިލްކަން ހުރި މަނަވަރެކެވެ. އޮގަސްޓު މަހުގެ ތެރޭ އެ މަނަވަރު ރާއްޖެ ގެނައީ ރިފިޓިން ހެދުމަށްފަހު އަދި މަނަވަރު އޮޕަރޭޓު ކުރަން ދިވެހި ސިފައިން ތަމްރީނު ކުރުމަށްފަހު އެވެ.
ޖަރުމަނު ކުންފުންޏަކުން ފަރުމާކޮށްފައިވާ އެ މަނަވަރަކީ ވަޔާއި ކަނޑުގެ މަގުން ހަމަލާދިނުމުގެ ގާބިލިއްޔަތުކަން ލިބިފައިވާ އުޅަނދެކެވެ. މިއީ މެއި، 1984 އިން ފެށިގެން ތުރުކީ އަސްކަރިއްޔާއިން ބޭނުންކުރަމުން އައިސްފައިވާ އުޅަނދެކެވެ.
މަނަވަރުގެ އިތުރުން ރާއްޖޭގެ ތާރީހުގައި އަލަށް ދިވެހި އަސްކަރިއްޔާއަށް ޑްރޯން ގަތީ ވެސް ތުރުކީގެ ޑިފެންސް ކުންފުންޏަކުންނެވެ. މީގެ ތެރެއިން ބައެއް ޑްރޯން ތަކަކީ ހިލޭ އެހީ ކަމަށް މީގެ ކުރިން ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެފައިވެ އެވެ.
ތުރުކީގެ ބައިކާރު ކުންފުންޏާއެކު 37 މިލިއަން ޑޮލަރުގެ އެއްބަސްވުމެއް ހަދައިގެން ފުރަތަމަ އަސްކަރީ ޑްރޯންތަކެއް ގެނައީ މިދިޔަ އަހަރުގެ ކުރީކޮޅު އެވެ. އޭރު ގެނައި ޑްރޯންތަކުގެ އަދަދެއް ޔަގީނެއް ނޫނެވެ.
އެއަށްފަހު މިދިޔަ މަހު އެމްއެންޑީއެފްގެ ބޭނުމަށް ހަމަ އެ ކުންފުނިން އިތުރު ތިން ޑްރޯން ވަނީ ގެނެސްފަ އެވެ. ދެ ފަހަރު މަތިން ވެސް ގެނައީ ބައިކާރު ކުންފުނިން އުފައްދާ ބައިރަކްތާރު ޓީބީ-2 މަރުކާގެ ޑްރޯން ތަކެކެވެ.
ތުރުކީ އަކީ ރާއްޖޭގެ އެއްބަނޑު އެއްބަފާ ގައުމެއް ކަމަށް ގައްސާން ވިދާޅުވެއްޖެ ތުރުކީ އަކީ ރާއްޖޭގެ އެއްބަނޑު އެއްބަފާ ގައުމެއް ކަމަށް ގައްސާން ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ