ތަހުގީގުގައި ހަނު ހުރުމަށްފަހު ކޯޓުގައި ދޭ ހެއްކަކީ ތެދުކަން ސާބިތުކުރެވޭނެ ގޮތެއް ނެތް: ނާޒިމް

ފުލުހުންގެ ތަހުގީގުގައި ހަނުހުރުމަށް ފަހު ކޯޓުތަކުގައި ބައެއް ދިފާއުން ދެނީ ދޮގު ހެކިކަން ސާބިތުކުރެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ. ނޫސްވެރިންގެ މަސްދަރު ހާމަކުރުމަށް އެންގޭ އިތުރު ހާލަތްތަކާ އެކީ، އެ މައުލޫމާތު ހާމަކުރުމަށް ހައިކޯޓަށް އަމުރު ނެރެވޭ ގޮތަށް ހެއްކާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ބިލެތްދޫ ދާއިރާގެ މެންބަރު އަހްމަދު އަސްލަމް ހުށަހެޅުއްވި އިސްލާހަށް ބަހުސްކުރައްވަމުން ނާޒިމް ވިދާޅުވީ، ހެއްްކާ ބެހޭ ގާނޫނުގައި ހުރި ބައެއް މައްސަލަތަކުގެ ސަބަބުން ހެކި ބަލައިގަތުމާއި ވަޒަންކުރުމުގައި ކޯޓުތަކަށް ދަތިވެ ކުށްވެރިން މިނިވަންވަމުންދާ ކަމަަށެވެ. ނާޒިމް ވިދާޅުވީ ޓެކްނޮލޮޖީއަށް އަންނަ ޒަމާނީ ބަދަލުތަކުގެ ސަބަބުން ހެކި ބަލައިގަންނަ ގޮތް ބަދަލުވާން ޖެހޭ ކަމަށާއި، ޒަމާނާ އެއްގޮތަށް ގާނޫނު އަދާހަމަވާން ޖެހޭ ކަމަށެވެ. ބައެއް މައްސަލަތަކަށް އަލިއަޅުވާލައްވައި ނާޒިމް ވިދާޅުވީ، ސެޓްފިކެޓުތަކާއި ތައްގަނޑުތައް ފޯޖުކުރުމުގެ މައްސަލަތައް ބޮޑުވެއްޖެ ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި ކުރީގެ ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމަށް ހަމަލާދިން މީހުން މިނިވަންވެގެން ދިޔައީ ސީސީޓީވީ ކެމެރާ ފުޓޭޖުގައި ހުރި ގަޑި ދިމާނުވުމުންނެވެ. "ދާދިފަހުން އަޅުގަނޑުމެން ކުރިމަތީގައި ހިނގައިދިޔަ މައްސަލައެއްގަވެސް ފުލުހުންގެ ތަހުގީގަށް ހާޒިރުކުރީމައި ހަނު ހުރެފައި ކޯޓުގެ މަރުހަލާގައި ހެކިބަސް މި ދެނީ، ހެކިބަސް ދިނީމަ ހެކިބަހާ ޗެލެންޖުކުރެވޭނެ ގޮތެއް ނެތް، އެކި ހެކިބަސް ހުށަހެޅުމުގެ މަރުހަލާގައި ހެކި ބުނާނީ ކޮން އެއްޗެއް ކަމެއް ނޭނގެންޏާ އެއަށް ރައްދުދެވޭކަށް ނެތް،" "އެހެންވީމާ އެ ހުށަހަޅާ ހެއްކާ ޗެލެންޖްކުރެވޭނެ ގޮތެއް ނެތް، އަދި ދޮގު ހެކި ކަމަށް ވަންޏާ އެއީ ދޮގު ހެކިކަން ސާބިތުކުރެވޭނެ ގޮތެއް ވެސް އަޅުގަނޑުމެންގެ ސިސްޓަމްގަ ނެތް ހަމަޖެހިފަކައެއް،" ނާޒިމް ވިދާޅުވިއެވެ. ނަތީޖާއެއްގެ ގޮތުން މައްސަލަ ކުރިމަތިވާ ކަން ނާޒިމް ފާހަގަކުރެއްވިއެވެ. https://sun.mv/213258 އަސްލަމް ހުށަހެޅުއްވި ބިލުގައި ވަނީ، ހެއްކާ ބެހޭ ގާނޫނުގެ 136 ވަނަ މާއްދާ އިސްލާހު ކުރުމަށް ހުށަހަޅާފައެވެ. އެގޮތުން، ނޫސްވެރިޔާ މަސްދަރު ހާމަކުރުމަކީ ކުށަކާ ގުޅިގެން ތުހުމަތުކުރެވޭ މީހަކު ހުއްޓުވުމަށް ކޮންމެހެން މުހިންމު ކަމެއް ކަމުގައިވާނަމަ، މަސްދަރު ހާމަކުރުމަށް އަމުރެއް ނެރެދިނުމަށް ހައިކޯޓަށް ހުށަހެޅިދާނެ ކަމަށް ބިލުގައިވެއެވެ. އިސްލާހުގައިވާ ގޮތުން، ހައިކޯޓުގައި އެފަދަ އަމުރަކަށް އެދޭތާ 24 ގަޑިއިރު ތެރޭގައި އެ ކޯޓުން ގޮތެއް ކަނޑައަޅަން ޖެހެއެވެ. އަދި އެ ނިންމުމެއް އިސްތިއުނާފު ކުރާނަމަ ގިނަވެގެން 10 ދުވަހުގެ ތެރޭގައި ސުޕްރީމް ކޯޓަށް ހުށަހަޅަން ޖެހޭ ކަމަށް އިސްލާހުގައިވެއެވެ. އޭގެއިތުރަށް، މި އިސްލާހުގައި ވަނީ ނޫސްވެރިންނަށް މަސްދަރު ހާމަކުރަން އެންގޭ ހާލަތްތައް އިތުރުކޮށްފައެވެ. އެއީ، ޓެރަޒިމްގެ ކުށާއި ގާނޫނުލް އުގޫބާތުގެ ދަށުން ކަނޑައަޅާފައިވާ ކުށެއްގެ ހުއްދަ ނޫން ސިއްރު މައުލޫމާތު ހާމަކުރުމާއި ބާރުގެ ބޭނުންކޮށްގެން ސަރުކާރު ވައްޓާލުމާއި ހަތިޔާރު ބޭނުންކޮށްގެން ހިންގާ އުދުވާނީ ހަރަކާތްތައް ކަމުގައި ބުނެފައިވެއެވެ. ރާއްޖޭގެ އިސްތިގުލާލަށް ނުވަތަ ސިޔާދަތަށް ގެއްލުން ލިބޭނެ ފަދަ އަމަލުތަކާއި ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ އަމަލެއް އެކުލެވޭ ކުށެއްގައި މަސްދަރު ހާމަކުރަން އެންގޭނެ ކަމަށް ވެސް އެ އިސްލާހުގައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ