ބަޖެޓު 2026: ޕްރައިވެޓް އިންޝުއަރެންސަށް ހޭދަކުރާ 99 މިލިއަން ރުފިޔާގެ ބޮޑު ބައެއް ޑްރޯން ތަކަށް ބަޖެޓު 2026: ޕްރައިވެޓް އިންޝުއަރެންސަށް ހޭދަކުރާ 99 މިލިއަން ރުފިޔާގެ ބޮޑު ބައެއް ޑްރޯން ތަކަށް

އަންނަ އަހަރު ސަރުކާރުން ޕްރައިވެޓް އިންޝުއަރެންސަށް ހަރަދުކުރާ 99 މިލިއަން ރުފިޔާގެ ތެރެއިން ބޮޑު ބަޔަކީ އެމްއެންޑީއެފް އަށް ގަނެފައިވާ ޑްރޯންތަކުގެ އިންޝުއަރެންސްގެ ގޮތުގައި ދައްކާ ފައިސާކަން އެނގިއްޖެ އެވެ.
ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައިވާ ގޮތުން އަންނަ އަހަރު ޕްރައިވެޓް އިންޝުއަރެންސަށް ކުރާ ހޭދަ މި އަހަރަށްވުރެ 44 މިލިއަން ރުފިޔާ އިތުރެވެ. މި އަހަރުގެ ބަޖެޓުގައި ޕްރައިވެޓް އިންޝުއަރެންސަށް ޖަހާފައިވަނީ 55 މިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރު އެ ހަރަދު ހުރީ 46 މިލިއަން ރުފިޔާގަ އެވެ.
މި ނޫހާ ވާހަކަ ދެއްކި އިތުބާރު ކުރެވޭ މަސްދަރަކުން ބުނީ ޕްރައިވެޓް އިންޝުއަރެންސަށް ކުރާ ހޭދަ މިހާ ބޮޑުތަނުން މަތިވީ އެމްއެންޑީއެފް އަށް ގަތް ޑްރޯންތައް އިންޝުއާ ކުރުމުންނެވެ.
ޕްރައިވެޓް އިންޝުއަރެންސް ކޯޑުގެ ބޮޑު ބައެއް ޑްރޯންތައް އިންޝުއާ ކުރުމަށް ހޭދަވާކަން އެނގިފައިވީ ނަމަވެސް، އެ ތަކެތީގެ އިންޝުއަރެންސަށް ދަނީ ސީދާ ކިހާ އަދަދެއް ކަމެއް ސާފެއް ނޫނެވެ. އަދި އިންޝުއާކޮށްފައި ވަނީ ކޮން ކުންފުންޏެއްގައި ކަމެއް ނޭނގެ އެވެ. އެ މައުލޫމާތު ސަރުކާރުން ހާމައެއް ވެސް ނުކުރެ އެވެ.
އެމްއެންޑީއެފް އަށް ގަނެފައިވަނީ ތުރުކީގެ ބައިކާރު ކުންފުނިން އުފައްދާ ބައިރަކްތާރު ޓީބީ-2 މަރުކާގެ ޑްރޯން ތަކެކެވެ. މިހާތަނަށް މީގެ ހަ ޑްރޯން އެއް ރާއްޖެ ގެނެސްފައިވާކަން އެނގިފައިވެ އެވެ. މައުލޫމާތު ލިބޭ ގޮތުގައި ކުރިއަށް އޮތްތަނުގައި އެ ކުންފުނީގެ އެހެން މަރުކާ ތަކުގެ ޑްރޯން އެމްއެންޑީއެފް އިން ގަންނާނެ އެވެ.
މި ޑްރޯންތަކުގެ ފުރަތަމަ ޝިޕްމެންޓު ގެނައުމަށް 2024 ވަނަ އަހަރު ދައުލަތުގެ ކޮންޓިންޖެންސީ ބަޖެޓުން 37 މިލިއަން ޑޮލަރު (570 މިލިއަން ރުފިޔާ) ހަރަދުކޮށްފައިވެ އެވެ.
ފުރަތަމަ ގެނައި ތިން ޑްރޯން އާއެކު ދިވެހި އަސްކަރިއްޔާގެ އެއާ ކޯ އުފެއްދީ މާޗު 15، 2024 ގަ އެވެ. މިއަދާ ހަމައަށް ފުރަތަމަ ގެނައި ޑްރޯންތައް އޮޕަރޭޓުކުރަމުން ދަނީ މާފަރު އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.
ނަމަވެސް، ފަހުން ގެނައި ތިން ޑްރޯން މިދިޔަ މަހުގެ ތެރޭ ގެނެސްފައިވަނީ އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓަށެވެ. އެ ޑްރޯންތަކުގެ އޮޕަރޭޝަނަށް އައްޑޫގައި ދަނީ ޑްރޯން ބޭސް އެއް ވެސް ތަރައްގީ ކުރަމުންނެވެ.
ރައީސް މުހައްމަދު މުއިއްޒު އިއްޔެ ގާއިމުކުރަން އެންގެވި ދިވެހި އަސްކަރިއްޔާގެ އެއާ ކޯގެ ފުރަތަމަ އެއާ ސްޓޭޝަން އަކީ މި ބޭސް ކަމަށް މައުލޫމާތު ލިބެ އެވެ. އަދި، ދެވަނަ ބޭސްއެއް އުތުރުގެ ރަށެއްގައި ގާއިމުކުރާނެ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.
ފަނޑިޔާރުންނާއި ވަޒީރުން އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ދައުލަތުން ދޭ އިންޝުއަރެންސްގެ ކަންކަން ހަމަޖައްސަނީ ބަޖެޓުގެ އިންޝުއަރެންސް ކޯޑުންނެވެ. މީގެ އިތުރުން ދައުލަތުގެ އިމާރާތްތަކާއި އެސެޓުތައް އިންޝުއާ ކުރަނީ ވެސް މި ކޯޑުގެ ދަށުންނެވެ. ޑްރޯންތައް ހިމެނޭނީ އެސެޓުތަކުގެ ތެރޭގަ އެވެ.
އަންނަ އަހަރުގެ ބަޖެޓުން އަސްކަރީ ޑްރޯންތައް އިންޝުއާ ކުރުމަށް ބޮޑު ހޭދައެއް ކުރާއިރު، ބަޖެޓުގައި އަސްކަރީ ދިފާއަށް 2.8 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ވަނީ ހިމަނާފަ އެވެ. މިއީ މި އަހަރުގެ ބަޖެޓަށްވުރެ 456 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
މުއިއްޒުގެ ވެރިކަމުގައި އަސްކަރިއްޔާއަށް ބޮޑެތި ހަރަދުތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން އަސްކަރިއްޔާއަށް ގަނެފައިވާ ޑްރޯން ތަކާއި ޓޭންކަރުތައް އަދި ތުރުކީން ހަދިޔާކުރި މަނަވަރު ދުއްވުމަށް ދާ ހަރަދުތައް ހިމެނެ އެވެ. ނަމަވެސް އެ މައުލޫމާތު ހާމައެއް ނުކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ