ދާއޫދުގެ ބަދަލުގައި ހުޅުމާލެ ޕޮލިސް ހިންގުން ޓޫފޯއާ ރަސްމީކޮށް ހަވާލުކޮށްފި ދާއޫދުގެ ބަދަލުގައި ހުޅުމާލެ ޕޮލިސް ހިންގުން ޓޫފޯއާ ރަސްމީކޮށް ހަވާލުކޮށްފި

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަދި ހުޅުމާލެ ޕޮލިސްގެ އިސްވެރިޔާގެ މަގާމުގައި ހުންނެވި މުހައްމަދު ދާއޫދުގެ މައްޗަށް ކުރެވޭ ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކެއް ފެންމަތިވެފައިވަނިކޮށް، ހުޅުމާލެ ޕޮލިސް ހިންގުން އެސިސްޓެންޓް ކޮމިޝަނާ އަހުމަދު މުހައްމަދު (ޓޫފޯ) އާ ހަވާލުކޮށްފި އެވެ.
މައުލޫމާތު ލިބޭ ގޮތުގައި ޓޫފޯ އާއި ހުޅުމާލެ ޕޮލިސް ހިންގުން ރަސްމީކޮށް ހަވާލުކުރީ މިއަދު އެވެ. ޓޫފޯ އަކީ ޕޮލިސް ބޯޑުން ވަކި ކުރަން ނިންމި ނިންމުމާ އެއްގޮތަށް 2021 ވަނަ އަހަރު ފުލުހުންގެ ވަޒީފާއިން ވަކިކުރި އޮފިސަރެކެވެ. އޭނާގެ މަގާމު އަލުން އަނބުރާ އިއާދަކުރީ ސެޕްޓެމްބަރު 3، ގަ އެވެ.
ހުޅުމާލެ ހިންގުމުން އެކަހެރި ކުރި ނަމަވެސް، މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީ ބައްދަލުވުމެއްގައި ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކެއް އަމާޒުވި ދާއޫދަށް އިތުރު ފިޔަވަޅެއް އެޅިކަން މިހާތަނަށް ކަށަވަރުވެފައެއް ނުވެ އެވެ.
ދާއޫދުގެ އެކައުންޓަށް، ކާކުކަން ނޭނގޭ ގޮތަށް ފައިސާތަކެއް ޖަމާ ކޮށްފައިވާކަމާއި އޭނާއާ ގުޅޭ ނުހައްގު މުއްސަނދިކަމުގެ މައްސަލައެއް އިތުރަށް ބަލަން ނިންމާފައި އޮތް ކަމަށް ކޮމިޓީ ބައްދަލުވުމުގައި ވިދާޅުވީ މަޖިލީހުގެ ނައިބު ރައީސް، އަހުމަދު ނާޒިމް އެވެ.
މާލިއްޔަތު ކޮމިޓީއަށް ވިސްލްބްލޯވަރަކު ހުށަހެޅި މައްސަލަތައް އިތުރަށް ތަހުގީގު ކުރުމަށް އެކުލަވައިލި ސަބް ކޮމިޓީގައި، އެ މައްސަލަތަކުގެ ރިޕޯޓު އިއްވަމުން ނާޒިމް ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ތަހުގީގު ކުރިއިރު، ދާއޫދުގެ މައްސަލައެއް ބަލާފައިވާ ކަމަށާއި އެ ތަހުގީގުން ފާހަގަ ކުރެވުނު ކަންކަން ފުލުހުންގެ ޕްރޮފެޝަނަލް ކޮމާންޑަށް ވެސް ހިއްސާ ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލަ އޮތީ އެހާހިސާބުން ނިންމާލާފައި ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންނަމަވެސް ފުލުހުންގެ ތަހުގީގަށް ވަރަށް ބައިވަރު މައުލޫމާތު އޭރު ވެސް ލިބިފައި ހުރި ކަމަށް ނާޒިމް ވިދާޅުވި އެވެ. އެގޮތުން 2023 ވަނަ އަހަރާއި 2024 ވަނަ އަހަރާ ދޭތެރޭގައި މުހައްމަދު ދާއޫދުގެ އެކައުންޓަށް ކާކުކަން ނޭނގޭ ގޮތަށް ފައިސާތަކެއް ޖަމާކުރަމުން ގޮސްފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.
"ސޯސް އޮފް އިންކަމް ނޭނގޭ ގޮތަށް ގިނަ އަދަދެއްގެ ފައިސާ 2023 ވަނަ އަހަރާއި 2024 ވަނަ އަހަރާ ދޭތެރޭގައި މުހައްމަދު ދާއޫދުގެ އެކައުންޓަށް ޖަމާވެފައިވާ ކަމަށާއި އޭނާ ހިއްސާވާ އެއްވެސް ވިޔަފާރި ކުންފުންޏެއް ނެތުމުންނާއި އޭނާގެ އަމިއްލަ ނަމުގައި އެއްވެސް ވިޔަފާރިއެއް ނުކުރާއިރު، ސޯސް އޮފް ފަންޑްސް ނޭނގޭ ގޮތަށް ގިނަ އަދަދެއްގެ ފައިސާ އެ ފަރާތުގެ އެކައުންޓަށް ޖަމާކުރަމުން ގޮސްފައިވާކަން ފާހަގަކޮށްފައިވޭ،" ނާޒިމް ވިދާޅުވި އެވެ.
އޭގެއިތުރުން ދާއޫދު އާއި އޭނާގެ އަނބިމީހާގެ އެކައުންޓުގެ ތަފުސީލުތައް ބެލިއިރު، 2016 އިން ފެށިގެން މއ. ތަޅަމުދިގޭގެ ކުލި ދާއޫދު އާއި އޭނާގެ އަނބިމީހާގެ އެކައުންޓަށް ޖަމާވަމުންދާކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަން ވެސް ތަހުގީގު ހޯދުންތަކާ ހަވާލާދީ ނާޒިމް ވިދާޅުވި އެވެ.
އެހެންނަމަވެސް އެ ގެއަކީ ދާއޫދު ނުވަތަ އޭނާގެ އަނބިމީހާގެ ގެއެއް ނޫންކަމުން އެ ގޭގެ ކުލި ދާއޫދުއަށް ލިބޭނެ ހަމައެކަނި ގޮތަކީ އެ ގެ ހެދުމަށް ދާއޫދު އިންވެސްޓު ކޮށްފައި އޮތުން ކަމަށް ތަހުގީގު ހޯދުންތަކާ ހަވާލާދީ ނާޒިމް ވިދާޅުވި އެވެ. އެހެންކަމުން އެހާ ގިނަ އަދަދެއްގެ ފައިސާ ދާއޫދަށް ލިބުނު ގޮތެއް އިތުރަށް ބަލަންޖެހޭ ކަމަށް އޭރު ނިންމާފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.
"ދާއޫދު އިތުރު އެޕާޓްމަންޓުތަކެއް ވެސް އެފްޑަބްލިއު ރެޒިޑެންސްއިން ގަނެފައި އެބަހުރި. 4.1 މިލިއަން ރުފިޔާ 10 އިންސްޓޯލްމަންޓުން ނަގުދު ފައިސާ ދައްކާފައި ހުރި ކަމަށް ބެލެވެނީ. މިކަން ކޮށްފައި އޮތީ އާއިލާގެ މެންބަރެއްގެ ނަމުގައި މިހާރު އެޕާޓްމަންޓު ވަނީ ދާއޫދުގެ ދަރިފުޅެއްގެ ނަން މައްޗަށް ބަދަލުކޮށްފައި،" ނާޒިމް ވިދާޅުވި އެވެ.
ދާއޫދުއަށް ލިބުނު ފައިސާއިން 14.6 މިލިއަން ރުފިޔާގެ މުދާ ގަނެފައިވާ ކަމަށާއި އެ މުދަލަކީ އެމްއެމްޕީއާރުސީގެ ފައިސާއިން ގަނެފައިވާ މުދާ ކަމަށް ބެލެވޭ ކަމަށް ނާޒިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ