އެމެރިކާގެ އެންމެ ނުފޫޒުގަދަ ނައިބު ރައީސް ޑިކް ޗެއިނީ އަވަހާރަވެއްޖެ
އެމެރިކާގެ ތާރީޚުގައިވެސް އެންމެ ނުފޫޒުގަދަ އެއް ނައިބު ރައީސް ކަމަށްވާ، ޑިކް ޗެއިނީ އުމުރުފުޅުން 84 އަހަރުގައި މިއަދު އަވަހާރަވެއްޖެއެވެ. ޗެއިނީގެ އާއިލާއިން ނެރުނު ބަޔާނެއްގައި ބުނީ ޗެއިނީ އަވަހާރަވީ ނިއުމޯނިއާ ޖެހިގެންނާއި، ހިތާއި ނާރުތަކުގެ އެކި މައްސަލަތަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ކަމަށެވެ. އެމެރިކާގެ ކުރީގެ ރައީސް ބުޝްގެ ދަރިކަލުން ޖޯޖް ޑަބްލިއު ބުޝްގެ ވެރިކަމުގައި ނައިބު ރައީސްގެ މަގާމު އަދާކުރެއްވި ޗެއިނީއަކީ އެމެރިކާއަށް ސެޕްޓެމްބަރު 11، 2001ގައި ދިން ހަމަލާއާ ގުޅިގެން، ޓެރަރިޒަމާ ދެކޮޅަށް ކަމަށް ބުނެ ފެށި ހަނގުރާމަތަކުގެ މޭސްތިރިއެވެ. އޭގެ ތެރެއިން، އިރާގަށް އަރައިގަނެ ވެރިކަން ބަދަލުކުރި ބޮޑު ހަނގުރާމައިގެ ތެރެއަށް އެމެރިކާ ވެއްދުމުގައި ވެސް އެންމެ އިސް ދައުރެއް އަދާކުރި އެއް ލީޑަރަކީ ޗެއިނީއެވެ. ޗެއިނީއަކީ ބުޝްގެ ރިޔާސީ ދައުރުގެ ޗީފް އޮޕަރޭޓިން އޮފިސަރެވެ. ބުޝް ވަނީ ޗެއިނީގެ މަރަކީ "ގައުމަށް ލިބުނު ގެއްލުމެއް" ކަމަށް ވިދާޅުވެ ހިތާމަ ފާޅުކުރައްވައިފައެވެ. ވެރިކަމުން ވަކިވެވަޑައިގެންނެވިތާ އަހަރުތަކެއް ފަހުން، ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ޗެއިނީ ވަނީ އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމާޒަކަށް ވެވަޑައިގެންފައެވެ. އެއީ ޓްރަމްޕްގެ ބައެއް އަމަލުތަކަށް ޗެއިނީގެ ދަރިކަނބަލުން ލިޒް ޗެއިނީ ފާޑު ވިދާޅުވުމާ ގުޅިގެންނެވެ. އޭގެ ސަބަބުން ޓްރަމްްޕް ވެސް ޗެއިނީއަށް ފާޑުވިދާޅުވިއިރު، ރިޕަބްލިކަން ޕާޓީން ޗެއިނީ އެކަހެރި ކުރި ކަމަށް ވެސް ރިޕޯޓުތަކުގައިވެއެވެ. ޗެއިނީ ފަހުން ވަނީ، 2024 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓު ދެއްވީ ވެސް، އިދިކޮޅު ކެނޑިޑޭޓް ކަމަލާ ހެރިސްއަށް ކަމަށް ވިދާޅުވެފައެވެ. މީގެކުރިން ފަސް ފަހަރު ހާޓް އެޓޭކް ޖެހިފައިވާ ޗެއިނީ 2012 ވަނަ އަހަރު ހިތުގެ ޓްރާންސްޕްލާންޓެއް ވެސް ހެއްދެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ