މިއީ ފުވައްމުލަކަށްވީ ވައުދުތައް؛ ހަނދާން އެބަހުރިތަ؟ މިއީ ފުވައްމުލަކަށްވީ ވައުދުތައް؛ ހަނދާން އެބަހުރިތަ؟

ހިތް ފަސޭހަ ދިރިއުޅުމަކަށް އަދި ދިރުން ހުރި ވިޔަފާރި ހަބަކަށް ފުވައްމުލައް ބަދަލު ކުރުމަށް ރައީސް މުހައްމަދު މުއިއްޒު، އެ ރަށުގެ ރައްޔިތުންގެ ކުރިމަތީގައި ހުންނަވައި އިތުބާރާއި ޔަގީންކަމާއެކު ތަކުރާރުކޮށް ވިދާޅުވި އެވެ. އެރަށުގެ ބަނދަރަކީ "އާދައިގެ ގޮތެއްގައި ހެދޭނެ ބަނދަރެއް ނޫން" ކަމަށް ވިދާޅުވެ އެ ބަނދަރު ބޮޑުކުރުމާއި ރަށުގެ މަގުތައް ހެދުމާއި ޓާޝަރީ ހޮސްޕިޓަލާއި އެއާޕޯޓް ތަރައްގީކޮށް، އިކޯ ޓޫރިޒަމާއެކު އިގުތިސާދު ވެސް އާ ހަރުފަތަކަށް ގެންގޮސް ދޭނެކަމަށް ވައުދުވެވަޑައިގަތެވެ.
ރިޔާސީ އިންތިހާބުގައި ޕީއެންސީ/ޕީޕީއެމްގެ ކެންޑިޑޭޓެއްގެ ގޮތުގައި މި ވައުދުތައް ވުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް ވައުދުތައް ތަކުރާރު ކުރެއްވި އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތަރައްގީގެ ވާހަކަ ފަހުރުވެރިކަމާއެކު މުއިއްޒު ވެސް ދެއްކެވި އެވެ. އަދި އެމްޑީޕީން ތަރައްގީ ގެނެސް ނުދޭތީ ރައްޔިތުން ތިބީ މާޔޫސްވެފައި ކަމަށް ވިދާޅުވި އެވެ.
"މިކުރާ ދަތުރުތަކުން [ރައްޔިތުން] އަޅުގަނޑުމެނަށް ދެނީ އެ މެސެޖު. މާޔޫސްކަމުގެ މެސެޖު. ހިތާމައިގެ މެސެޖު،"
ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެ ނަމަ ތަރައްގީ ހަލުވި ކުރުމަށް މުއިއްޒު ވައުދުވެވަޑައިގަތެވެ.
"ނަތީޖާ ނެރެދީ ގައުމުގެ ކުރިމަގު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހަލުވި ސްޕީޑްގައި ބައްޓަން ކޮށްދޭނަން. އެގޮތުން މިސިޓީގެ ތަރަށްގީއަށްޓަކައި ކުރަންހުރި ނުހަނު ގިނަ ކަންތައްތައް އެބަހުރ،" އޯގަސްޓު 26 ގައި ފުވައްމުލަކު ރައްޔިތުންނާ މުހާތަބު ކުރައްވައި އެމަނިކުފާނު ވިދާޅުވި އެވެ.
މި ކަންކަން ނުވި އެވެ.
ފުވައްމުލަކަށް އެންމެ ބޮޑު ބަދަލެއް، އަދި ފަސޭހަ ކަމެއް ގެނުވީ އެމްޑީޕީގެ ވެރިކަމުގައި އެރަށުގެ ބޮޑެތި މަގުތައް ހަދަން ފެށުމުންނެވެ. އެ މަގުތަކާއެކު ކުރިން އުފުލި ތަކުލީފުތައް ލުއިވެގެން ދިޔަ އެވެ. ނަމަވެސް އެމްޑީޕީގެ ވެރިކަން ނިމުނުއިރު އެ މަޝްރޫއު އެއްކޮށް ނިންމައި ނުލެވުނެވެ. ނުނިމި ހުރީ މަދު މަގުތަކެވެ.
އެހެންވެ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭނަށް މުއިއްޒު ފުވައްމުލަކަށް ވަޑައިގެން މަގު ހެދުމުގެ ދެ ވަނަ ފިޔަވަހި ފައްޓަވައި ދެއްވައި ފޮޓޯ ނެންގެވި އެވެ. ނަަމަވެސް ފުރަތަމަ ފިޔަވަހީގައި ނުނިމި ހުރި މަދު މަގުތައް ވެސް އަދި ނުނިންމެ އެވެ.
"މި ސަރުކާރުން ފަށައި، ނިންމި އެންމެ މަޝްރޫއުއެއް ވެސް ފުވައްމުލަކުން ފެންނާކަށް ނެތް. އެމްޑީޕީގެ ވެރިކަމުގައި ފަށާފައި ހުރި ބައެއް ކަންކަން ނިންމި. ނަަަމަވެސް ގިނަ ކަންކަން ހުރީ ހުރި ގޮތަށް. ބައެއް ކަންކަން ދިޔައީ ފަހަތަށް. މަގު ހެދުމަށް މި ސަރުކާރުން އެޅި ތާރުކޮޅެއް ނެތް،" ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ދީދީ ވިދާޅުވި އެވެ.
ކުރިން ވައުދުވި ބައެއް ކަންކަމާއި އެމްޑީޕީގެ ވެރިކަމުގައި ހަވާލުކޮށްފައިވާ ބައެއް މަޝްރޫއުތައް މުއިއްޒު މިއަދު ފުވައްމުލަކަށް ވަޑައިގެން ފައްޓަވައި ދެއްވާނެ އެވެ. އެރަށުގައި ހިންގާ އެންމެ ބިޔަ މަޝްރޫއުއަކީ 400 ހައުސިން ޔުނިޓު އިމާރާތްކުރުމެވެ. އެއީ ވެސް މި ސަރުކާރުގެ މަޝްރޫއުއެއް ނޫނެވެ. މުއިއްޒު ވެރިކަމަށް ވަޑައިގެން އެ މަޝްރޫއު ކުރިއަށް ނުގެންގޮސް ބޭއްވީ އެވެ.
"މިފަހަރުގެ ދަތުރުގައި އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައި. އަދި ލައިބްރަރީގެ މަސައްކަތާއި ޕޮލިސް އެކޮމަޑޭޝަން މަސައްކަތުގެ އަމަލީ މަސައްކަތް ވެސް ފަށަނީ މިފަހަރު،" އޭނާ ވިދާޅުވި އެވެ.
ވޭސްޓް މެނޭޖްމެންޓު ސެންޓަރާއި އަތޮޅު ތައުލީމީ މަރުކަޒުގެ ފަސް ފަންގިފިލާގެ އިމާރާތުގެ އަމަލީ މަސައްކަތް ވެސް މުއިއްޒުގެ ދަތުރުގައި ފަށާނެ އެވެ. އަދި ސީޓީ ސްކޭންގެ ހިދުމަތް ވެސް ފަށާނެ އެވެ. ކުރީގެ މެންބަރު ހުސެއިން ވިދާޅުވި ގޮތުގައި އެ ސީޓީ ސްކޭނަކީ ވެސް އެމްޑީޕީގެ ވެރިކަމުގައި އޯޑަރު ދީފައި ހުރި މެޝެނެކެވެ. މި ދަތުރުގައި މެޝިން ރަސްމީކޮށް އިފުތިތާހުކުރުން ނޫން، ކަމެއް ސިއްހީ ދާއިރާއަށް މުއިއްޒު ނުކުރައްވަ އެވެ.
ފުވައްމުލަކަށް ބޭނުންވާ ކަންކަންވެސް ހަމަކުރާނެ ކަމަށާއި އިހުލާސްތެރިކަމާ އެކީގައި، ސީރިއަސް ގޮތެއްގައި އެކަންކަމަށް ސަމާލުކަން ދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވެފައި އޮތަސް، ދެ އަހަރު ފާއިތުވި އިރުވެސް ވައުދުވި މަޝްރޫއުތައް ކުރިއަށް ގެންދެވިފައެއް ނުވެ އެވެ.
މިކަމުގައި އެންމެ ފުރިހަމަ މިސާލަކީ ފުވައްމުލަކު މަގު ހެދުމުގެ މަޝްރޫއު އެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭނަށް ވަޑައިގެން ވިދާޅުވީ މަގުހެދުމުގެ ދެވަނަ ފިޔަވައްސަކުން އެ ރަށަށް ނުފުދޭނެ ކަމަށެވެ.
"ދެވަނަ ފިޔަވައްސަކަށްފަހު، ތިންވަނަ ފިޔަވައްސެއް. ގޮސް ބާކީހުރި މަގުތައް ހަދައި ނިންމާނީ،" މުއިއްޒު ވިދާޅުވި އެވެ.
ނަމަވެސް މަގު ހެދުމުގެ އެއްވަނަ ފިޔަވަހި ވެސް ފުރިހަމަ ނުކުރެވެ އެވެ.
ފުވައްމުލަކުން ވާހަކަ ދެއްކި، ސަރުކާރުގެ އިސް މަގާމެއްގައި އުޅޭ މީހަކު ނަން ނުޖެހުމަށް ޝަރުތުކޮށް ބުނީ، އެރަށުގައި މި ސަރުކާރުން ފެށި މަސައްކަތްތަކުގެ ތެރެއިން ނިމުނީ ހަމައެކަނި ފުޓްސަލް ދަނޑެއް ކަމަށެވެ.
މަލާމާތުގެ ރާގަކަށް އޭނާ ބުނެލި އެވެ؛ "ތަރައްގީ ހަލުވި ކުރެވުނީ މިވަރަށެވެ". މިފަދަ ސަބަބުތަކުގެ އިތުރުން، ސަރުކާރުގެ ބަހާއި އަމަލު ދިމާނުވުމުގެ ސަބަބުން ރައްޔިތުންގެ އުއްމީދުތައް އެ ދަނީ ފަނުފުލުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ