އިންޑިއާ ބަޔަކު އެކްސްކެވޭޓަރެއް ބޭނުންކޮށްގެން މުގުރިހަ ކައްކައިފި
ކޮންސްޓްރަކްޝަން މަސައްކަތްކުރާ ސައިޓުތަކުން އާއްމުކޮށް ފެންނަ ވެހިކަލް 'އެކްސްކެވޭޓަ' ނުވަތަ ކޮންނަ ބޯޓެއް ބޭނުންކޮށްގެން އިންޑިއާގައި ބަޔަކު މީހުން މުގުރިހަ ކައްކާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވައިރަލްވެ އާއްމުންގެ ސަމާލުކަން ވަރަށް ބޮޑަށް އެ ވީޑިއޯއަށް ލިބިއްޖެއެވެ. އާއްމުކޮށް 'ޖޭސީބީ'ގެ ނަމުން މިފަދަ ވެހިކަލްތަކަށް ނަންދެވިފައިވާއިރު ސޯޝަލް މީޑިއާގައި ވައިރަލްވެފައިވާ ވީޑިއޯއިން ފެންނަނީ ވަރަށް ބޮޑު ތެއްޔެއްގައި ގިނަ އަދަދެއްގެ މުގުރިހަ 'އެކްސްކެވޭޓަ'ގެ އެހީގައި ކައްކާ މަންޒަރެވެ. މިއީ އިންޑިއާގެ މީހުން އާ އީޖާދުތައް ތަޖުރިބާކޮށްލުމުގެ ޝައުގުވެރިކަން ހުރި މިންވަރު ފެންނަ މަންޒަރެއް ކަމަށް ގިނަ ބަޔަކު ސިފަކޮށްފައިވާއިރު އެކަމާ ކަންބޮޑުވެ ސޯޝަލް މީޑިއާގައި ވަނީ ބޮޑު ބަހުސެއް ފެށިފައެވެ. އިންޑިއާގެ އެންމެ ގިނަ ބައެއްގެ ކެއުމުގައި ހިމަނާ މުހިއްމު އެއް ބާވަތަކީ މުގުރިހަ ނުވަތަ އެކި ވައްތަރުގެ މުގު ބޭނުންކޮށްގެން ތައްޔާރުކުރާ ކާނާއެވެ. އިންޑިއާގެ މަގުމަތީގައި ކާތަކެތި ވިއްކަން ތައްޔާރުކޮށްފައިވާ މާކެޓެއް--ފޮޓޯ/އޭއައި އެހެންކަމުން ކޮންސްޓްރަކްޝަން މަސައްކަތްތަކަށް ހާއްސަ ކުރެވިފައިވާ މެޝިނަރީ ވެހިކަލެއް ބޭނުންކޮށްގެން މުގުރިހަ ކައްކާ މަންޒަރާ އެކު އިންޑިއާގެ ރެސްޓޯރެންޓްތަކާއި ކެފޭތަކުގައި ތައްޔާރުކުރާ ކެއުންތަކުގެ ސާފުތާހިރު ކަމާމެދު ސުވާލު އުފެދޭ ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ. ކަލިނަރީ ދުނިޔޭގައި ގިނަ އަދަދެއްގެ މީހުންނަށް ކެއުން ތައްޔާރުކުރުމަށް 'އެކްސްކެވޭޓަ' ބޭނުންކުރުމަކީ ލިބޭނެ ލުއި ފަސޭހައެއްގެ ގޮތުގައި އެއްބަޔަކު ސިފަކޮށް ވާހަކަ ދައްކާފައިވާއިރު އަނެއްބަޔަކު ވަނީ އެއީ ސިއްހަތަށް ނުހަނު ގެއްލުންހުރި ކަމެއްގެ ގޮތުގައި ސިފަކޮށް ޕަބްލިކް ހެލްތުން އެކަމާ ފުންކޮށް ވިސްނާ ފިޔަވަޅު އަޅަންޖެހޭ ކަމަށް ބުނެފައެވެ. ސްޓީރިއޯޓައިޕްރައިޓަ ކިޔާ އިންސްޓަގްރާމް އެކައުންޓެއް މެދުވެރިކޮށް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ މި ވީޑިއޯއަށް މިހާތަނަށް މިލިއަނަކަށްވުރެ ގިނަ މީހުންގެ ލައިކްސް ލިބިފައިވާއިރު މި ވީޑިއޯ ނަގާފައި ވަނީ އިންޑިއާގެ ކޮން ސަރަހައްދެއްގައި ކަމާއި ވީޑިއޯއާ ބެހޭ އިތުރު އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ. މީގެކުރިންވެސް އިންޑިއާގައި ތައްޔާރުކުރާ 'ސްޓްރީޓް ފުޑް' އައުޓްލެޓްތަކުގެ ކެއުންތަކަކީ ސިއްހީ ގޮތުން ބަލަންޖެހޭ މިންގަނޑުތަކާއި ގަވައިދުތަކާ އެއްގޮތަށް އުފައްދާ ކެއުންތަކެއްތޯ ގިނަ ބަޔަކު ސުވާލު އުފައްދާފައިވެއެވެ. ހަމައެއާއެކު ބޭރު ޤައުމުތަކުގައި ދިރިއުޅޭ އިންޑިއާއަށް ނިސްބަތްވާ މީހުންނަށް އެކަމާ ގުޅިގެން ގިނަ ބަޔަކު ފުރައްސާރަކޮށް މަލާމަތް ކުރުމަކީ މިހާރު ވެސް ފެންނަ މަންޒަރެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ