މިނިވަން ހިޔާލާއި ނޫސްވެރިކަން މަނާ ކުރާ ގާނޫނު ސޯޝަލް މީޑިއާއަށް ނުހިނގާނެ ކަމަށް ވިދާޅުވެ ރައީސް މުހައްމަދު މުއިއްޒު ދޮގު ހައްދަވައިފި އެވެ.
ވ. ފެލިދޫގައި އިއްޔެ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، ގާނޫނުގެ ދަށުން ސޯޝަލް މީޑިއާ އެކައުންޓުތަކަށް ފިޔަވަޅު އެޅޭނެ ކަމަށް ބުނެ ވާހަކަ ދައްކަނީ ފިތުނަ ފަސާދަ އުފައްދަން ކަމަށެވެ.
"... އެކަމަކު ހަމަ ހަގީގަތެއް ނުބަލައި، ސޯޝަލް މީޑިއާ ވެސް ބޭން ކުރަނީއޭ، އާންމު ރައްޔިތުންގެ ސޯޝަލް މީޑިއާ އެކައުންޓުތައް ވެސް މީގެ ތެރެއިން ތަޅު އެޅުވިގެންދަނީއޭ، ބަންދު ކުރަނީއޭ ކިޔައިގެން ވެސް ފިތުނަފަސާދަ އުފެއްދުމުގައި،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު އެހެން ވިދާޅުވި ނަމަވެސް ގާނޫނު ފަރުމާކޮށްފައި އޮތް ގޮތުން ގާނޫނުގެ ބާރު ސޯޝަލް މީޑިއާއަށް ވެސް ހިނގާނެ އެވެ. އެ ގާނޫނުގެ 61 ވަނަ މާއްދާގައި ބުނެފައި ވަނީ ގާނޫނުގައި ނޫހާ ގުޅޭ ގޮތުން ހުރި އުސޫލުތައް އިލެކްޓްރޯނިކް މީޑިއާއަށް ވެސް ހިނގާނެ ކަމަށެވެ.
އެ ގާނޫނުގެ 84 ވަނަ މާއްދާގެ ޅ. ގައި ބުނެފައި ވަނީ، އިލެކްޓްރޯނިކް މީޑިއާއަކީ އިންޓަނެޓު ހިމެނޭ ގޮތަށް ޑިޖިޓަލް ނުވަތަ އިލެކްޓްރޯނިކް ވަސީލަތެއް މެދުވެރިކޮށްގެން ހަބަރު އަދި މައުލޫމާތު ފަތުރާ ވަސީލަތްތައް ކަމަށެވެ.
މިނިވަން ހިޔާލު މަނާ ކުރާ ގާނޫނުގެ ދަށުން ސޯޝަލް މީޑިއާގައި ލިޔާ ލިޔުންތަކަށް ފިޔަވަޅު އެޅޭނެ ކަމަށް ވެރިކަން ހިންގާ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވެސް ވަނީ ވިދާޅުވެފަ އެވެ.
"މި ބިލަކުންނެއް ވަކި މީހަކު އިސްތިސްނާއެއް ނުވޭ އިއްޒަތްތެރި ރައީސް. އަޅުގަނޑެއް ވެސް އިސްތިސްނާއެއް ނުވޭ. އަޅުގަނޑު ވެސް ސޯޝަލް މީޑިއާގައި މީހަކާ ބެހޭ ގޮތުން ދޮގު ހަބަރެއް ޖަހައިފިއްޔާ ހުދު އަޅުގަނޑާ ދޭތެރޭގައި ވެސް އިއްޒަތްތެރި ރައީސް އާ ދޭތެރޭގައި ވެސް ފިޔަވަޅު އެޅިގެންދާނެ،" ފަލާހު ވިދާޅުވެފައިވެ އެވެ.
ބުރާސްފަތި ދުވަހު މުއިއްޒު ތަސްދީގު ކުރެއްވި ގާނޫނުގެ ދަށުން މީޑިއާ އާއި އިންޓަނެޓު ރެގިއުލޭޓު ކުރާނީ ހަތް މެންބަރުންގެ ކޮމިޝަނަކުންނެވެ. އެ ކޮމިޝަނަށް ތިން މެންބަރުން އައްޔަން ކުރަނީ މުއިއްޒު ކޮންޓްރޯލް ކުރާ ރައްޔިތުންގެ މަޖިލީހުންނެވެ. އަދި ވަގުތީ ގޮތުން އެ ކޮމިޝަން ހިންގާނީ ސިވިލް ސާވިސް ކޮމިޝަނުގެ ފަސް މެންބަރުންގެ ކޮމިޓީއަކުންނެވެ.
ތެދު ހަބަރަކީ ކޮބައިކަން ކަނޑައެޅުމުގެ ބާރު ވެސް ލިބެނީ ބިލުގެ ދަށުން އުފައްދާ ކޮމިޝަނަށެވެ. އަދި މީޑިއާ އެތިކްސް ހެދުމުގައި ކަނޑައަޅަންޖެހޭ އުސޫލުތައް ވެސް ބަޔާންކޮށްފައި ހުރީ އެ ބިލުގަ އެވެ. އޭގެ ތެރޭގައި، އާންމު މަސްލަހަތު ގެއްލޭ މައުލޫމާތަކީ ކޮބައިކަން ކަނޑައެޅުމުގެ ބާރު ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ.
ސޯޝަލް މީޑިއާއަށް ގާނޫނު ނުހިނގާނެ ކަމަށް ވިދާޅުވެ މުއިއްޒު ދޮގު ހައްދަވަނީ ސޯޝަލް މީޑިއާއަށް ގާނޫނު ނުހިނގާނެ ކަމަށް ވިދާޅުވެ މުއިއްޒު ދޮގު ހައްދަވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ