މުއިއްޒު އާއި ދިމާވާ ނޫސްވެރިން ގާނޫނު ނުކިޔާ ކަމަށް ވިދާޅުވެއްޖެ މުއިއްޒު އާއި ދިމާވާ ނޫސްވެރިން ގާނޫނު ނުކިޔާ ކަމަށް ވިދާޅުވެއްޖެ

ރައީސް މުހައްމަދު މުއިއްޒުއާ ދިމާވާ ނޫސްވެރިން އަލަށް އަމަލުކުރަން ފެށި މިނިވަން ނޫސްވެރިކަމާއި ހިޔާލުގައި ތަޅު އެޅުވޭ ގޮތަށް އޮތް ގާނޫނު ނުކިޔާ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.
ހަތަރު އަތޮޅަކަށް އިއްޔެ ފެށި ދަތުރުގެ ތެރެއިން ވ. ފެލިދޫގައި ހުންނަވާ މުއިއްޒު ރޭ ވަނީ މި ގާނޫނާ ގުޅޭ ގޮތުން ކުރިމަތިވަމުންދާ ފާޑުކިޔުންތަކަށް ރައްދު ދެއްވައިފަ އެވެ. ނުރުހުމާއެކު ނޫސްވެރިންނާއި ނޫސްވެރިންގެ ޖަމިއްޔާއަށް އިންޒާރު ވެސް ދެއްވި އެވެ.
އެ ވާހަކައިގެ ތެރެއިން މުއިއްޒު ތަކުރާރުކޮށް ވިދާޅުވި އެއް ވާހައަކީ އަލަށް އަމަލުކުރަން ފެށި ގާނޫނުގައި ހަމައެކަނި އޮތީ ދޮގު ހަބަރު ނުލިޔެވޭނެ ވާހަކަ ކަމަށެވެ. އެ ނޫން ވާހަކައެއް ގާނޫނުގައި ނެތް ކަމަށް ވެސް ވިދާޅުވި އެވެ. އެކަން ނޫސްވެރިންނަށް ނޭނގެނީ ގާނޫނު ނުކިޔާތީ ކަމަށް އެމަނިކުފާނު ތުހުމަތު ކުރެއްވި އެވެ.
"އަޅުގަނޑަކަށް އަދި ދިމަލެއް ނުވޭ އިހަށްދުވަހު މި ތަސްދީގުކުރެވިގެންދިޔަ ގާނޫނު ކީ އެއްވެސް ނޫސްވެރިޔަކާ. އަދި ދިމަލެއް ނުވޭ. ހަމަ އަނެކަކު ބުނި ވާހަކައެއް ގަބޫލުކޮށްލައިގެން މި ދަނީ ކުރިއަށް،" މުއިއްޒު ރޭ ވިދާޅުވި އެވެ.
ނަމަވެސް، ގާނޫނުގެ ދަށުން އުފައްދާ ކޮމިޝަނަށް ނޫސްތައް ހުއްޓުވުމުގެ ބާރާއި ނޫސްވެރިން ތިބޭ ތަންތަނަށް އަދި ނޫސްތަކާއި ޗެނަލްތަކުގެ އޮފީހަށް ފުލުހުން ފޮނުވާ މަސައްކަތް ހުއްޓުވުމުގެ ބާރު ވެސް ވަނީ ދީފަ އެވެ. މުޖުތަމައުގެ މަސްލަހަތާއި ގައުމީ ސަލާމަތް ފަދަ ފުޅާ މާނަތައް ހިމެނޭ ސަބަބުތަކަށްޓަކައި މިކަންކަން ކުރެވޭނެ މަގު ގާނޫނުން ވަނީ ފަހިކޮށްދީފަ އެވެ.
ފާހަގަކޮށްލެވޭ އަނެއް ކަމަކީ ބަދަލުތަކަކާއެކު ގާނޫނު ތަންފީޒުކުރި ފަހުން މުއިއްޒު ނޫސްވެރިންނާއި ފާޅުގައި ބައްދަލުކުރައްވާފައި ނުވާ ކަމެވެ. އެމަނިކުފާނު އެ ވިދާޅުވާ، "ދިމާވާ" ނޫސްވެރިންނަކީ ކޮބައިކަން ސާފެއް ނޫނެވެ.
މި ގާނޫނު ބިލެއްގެ ސިފައިގައި މަޖިލީހަށް ހުށަހެޅުމާއެކު ނޫސްވެރިން ދަނީ ވަކިވަކި މާއްދާތައް ފާހަގަކޮށް، މި ބިލު ބޭރުކޮށްލަން ގޮވާލައިފަ އެވެ. ބިލު ދިރާސާ ކުރި ކޮމިޓީ އާއެކު 22 ނޫސްވެރިޔަކު ހަތަރު ގަޑިއިރު ވަންދެން ދެއްކި ވާހަކަތަކުން ވެސް މި ބިލު ނޫސްވެރިން ކިޔާފައިވާކަން ސާފުވާނެ އެވެ.
ރޭގެ ވާހަކައިގެ ބޮޑުބައި މުއިއްޒު ހާއްސަ ކުރެއްވީ އައު ގާނޫނާއި ގުޅިގެން ނުރުހުން ފާޅުކުރެއްވުމަށެވެ. އެގޮތުން ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ ދަށުން ކޮންމެ ރައްޔިތަކަށް ކަށަވަރުކޮށްދޭ ހިޔާލު ފާޅުކުރުމާއި މިނިވަން ނޫސްވެރިކަން ކުރުމުގެ ހައްގު ނިގުޅަައިގަތުމަށް ފާސްކުރި ގާނޫނަށް ބޯނުލަނބާނެ ކަމަށް ނޫސްވެރިން ބުނަމުން ދަނިކޮށް ގާނޫނަށް ގޮންޖަހައި އެއަށް ތަބާނުވުމުގެ ފުރުސަތު އެއްވެސް މީހަކަށް ނުދެއްވާނެ ކަމަށް ތަކުރާރުކޮށް އެމަނިކުފާނު ރޭ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ