އައު ކޮމިޝަނަށް ނޫސްވެރިން އިންތިހާބުކުރާ މެންބަރުން ވަކިކުރުމުގެ ބާރު މަޖިލީހަށް ލިބޭ އައު ކޮމިޝަނަށް ނޫސްވެރިން އިންތިހާބުކުރާ މެންބަރުން ވަކިކުރުމުގެ ބާރު މަޖިލީހަށް ލިބޭ

މިނިވަން ނޫސްވެރިކަމާއި ހިޔާލުގައި ތަޅު އެޅުވޭ ގޮތަށް ބުރާސްފަތި ދުވަހު ރައީސް މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވި ގާނޫނުގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަން އަށް ނޫސްވެރިން އިންތިހާބުކުރާ މެންބަރުން ވަކިކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ވަނީ ދީފަ އެވެ.
މީޑިއާތައް ޖޫރިމަނާކޮށް، ލައިސަން އުވާލުމުގެ ބާރާއެކު އަލަށް އެކުލަވާލާ ކޮމިޝަނުގައި ތިބެނީ މީޑިއާތަކުން އިންތިހާބުކުރާ ހަތަރު މެންބަރަކާއި މަޖިލީހުން އައްޔަންކުރާ ތިން މެންބަރެކެވެ. ކޮމިޝަނުގެ ރައީސް ވެސް އައްޔަންކުރަނީ މަޖިލީހުންނެވެ.
ކޮމިޝަނުގެ މެންބަރުގެ މަގާމު ހުސްވާ ހާލަތްތައް ބަޔާންކޮށްފައިވަނީ ގާނޫނުގެ 28 ވަނަ މާއްދާގަ އެވެ. އެ މާއްދާގެ ހ. ގައި މެންބަރުކަން ގެއްލޭނެ ހަ ކަމެއް ފާހަގަކޮށްފައިވެ އެވެ. އޭގެ އިތުރަށް، މެންބަރުކަން ގެއްލުވާލުމުގެ ބާރު މަޖިލީހަށް ދީފައިވަނީ މާއްދާގެ ށ. އިންނެވެ.
އެގޮތުން، ކޮމިޝަނުގެ މެންބަރެއް މަގާމުގައި ހުރެ ކުރަން އެކަށީގެންނުވާ ކަމެއް ކުރުން ނުވަތަ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނާގާބިލުވާ ހާލަތެއް ކުރިމަތިވެއްޖެ ކަމަށް މަޖިލީހުގެ ކޮމިޓީއަކަށް ފެނިއްޖެ ހާލަތުގައި އެކަމަށް ވޯޓަކަށް އެހޭނެ އެވެ. އެގޮތަށް ނަގާ ވޯޓުގައި ބައިވެރިވާ މެންބަރުންގެ އަގުލަބިއްޔަތުން ނޫސްވެރިން ހޮވާ މެންބަރަކު ވެސް ވަކި ކުރެވޭނެ އެވެ.
މަގާމުގައި ހުރެ ކުރަން އެކަށީގެންނުވާ ކަމެއް ކުރުން ނުވަތަ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނާގާބިލުވުމަކީ ކޮބައިކަން ގާނޫނުގައި މާނަކޮށްދީފައެއް ނުވެ އެވެ. މަޖިލީހަށް ފެންނަ ކޮންމެ ހާލަތެއްގައި މެންބަރުން ވަކިކުރެވޭނެ އެވެ.
މިގޮތަށް ހުސްވާ މަގާމުތަކަށް މެންބަރަކު އިންތިހާބުކުރަން ނުވަތަ މަޖިލީހުން އައްޔަންކުރަން ލިބެނީ 30 ދުވަހުގެ މުއްދަތެކެވެ. ގާނޫނުގެ ދަށުން އިންތިހާބީ ކަންކަން ކުރިއަށް ގެންދާނީ އިލެކްޝަންސް ކޮމިޝަނުންނެވެ.
މުއިއްޒުގެ ފުރިހަމަ ބާރު ހިނގާ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގާނޫނު ތަންފީޒުކުރަން ވަނީ ފަށައިފަ އެވެ. ސެލްފް ރެގިއުލޭޓަރީ ނިޒާމު ފުނޑިގެން ދިޔުމުން އެ ގާނޫނަށް ގޮންޖަހައި "ފްރީ ޕްރެސް ކައުންސިލެއް" އެކުލަވާލަން ދިވެހި ނޫސްވެރިންގެ ޖަމިއްޔާއިން ވަނީ ނިންމައިފަ އެވެ.
ފަހުގެ ތާރީހެއްގައި ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމަށް އެންމެ ބޮޑު ހަމަލާއެއް ދެއްވުމަށް ފަހު ފުރަތަމަ ފަހަރަށް އެކަމާ ގުޅޭގޮތުން މުއިއްޒު ދެއްކެވި ވާހަކަތަކުގައި ވެސް ދެއްވީ ހަރުކަށި އިންޒާރެކެވެ.
ގާނޫނުއަސާސީގެ ތަރަހައިގެ ބޭރުން އަދި ގާނޫނު ހެދުމުގެ އިޖުރާއަތްތަކާ ހިލާފަށް އެކުލަވާލި ގާނޫނުގެ ނަން ވިދާޅުވި ނަމަވެސް މިރޭ ފެލިދޫގައި މުއިއްޒު ނޫސްވެރިންނަށް ދެއްވީ އިންޒާރެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ