ދެމަފިރިން އެކުގަ ރޭއަޅުކަންކުރުން-: ކައިވެނި ނުރޫޅި އުފަލުގަ ޢުމުރަށް ދިރިއުޅުމަށް ކުރަން އޮތް އެންމެ ޔަޤީންކަންބޮޑު ޢަމަލު-

ކައިވެންޏަކީ ދިރިއުޅުމުގެ ބިންގަލެވެ. އެބިންގަލަށް އަރާ ކޮންމެ ލޮޅުމެއްގެ އަސަރު މީހާގެ ދިރިއުޅުމަށް ކުރާނެއެވެ. މާގިނައިން ލޮޅުން އަރަންވެއްޖެނަމަ ބިންގާ ގުޑައި ޢިމާރާތްވެއްޓުން އޮންނާނީ ދާދި ގާތުގައެވެ. ހަމައެއާއެކު ޔަޤީންކުރަންޖެހޭނެ ކަމަކީ ގިންގަލަށް އަރާ ކޮންމެ ލޮޅުމަކާއިއެކު ޢިމާރާތަށް ލޮޅުން އަރައި ރެނދުލާނެކަމެވެ. ޢިމާރާތް ބަލިކަށިވާނެ ކަމެވެ. މިކަންކަމަށް ހަމައެކަކުވެސް ދެކޮޅެއް ނުހަދާނެއެވެ.
ގެއެއް އަޅާނަމަ ބިންގާ ވަރުގަދަކުރަން އެންމެ ބޮޑަށް ސަމާލުކަންދޭ ސަބަބަކީ މިބުނި ޙަޤީޤަތް ޤަބޫލުކުރެވޭ ކަމެވެ. އެކަން ވިސްނުމުގައި ބަހައްޓައިގެން ރަނގަޅަށް އަޑުއަހާށެވެ!
ރޭ އަޅުކަމާއި ދެމަފިރިން އެކުގައި ރޭއަޅުކަން ކުރުމާއި ގުޅުވައިގެން ވަރަށް ގިނަ ވާހަކަތައް ޢިލްނުވެރިން ދައްކަވައެވެ. ވަރަށް މަދު ދެމަފިރިއަކަށް ނޫނީ އެއަޑުތަކެއް ނުއިވެއެވެ. ޢިލްމުވެރިންގެ އަޑު އެމީހުންނަށް ނުއިވުނަސް، ކައިވެނި ރޫޅި ހިތްދަތިކަން ކުރިމަތިވީމާ އެމީހުން ރޯރުއިމުގެ އަޑު ޢިލްމެރިން އައްސަވައެވެ.
ބައެއް މީހުން އެމީހުންގެ ކައިވެނިކުރަން ބޭނުންވާ މީހާގެ ސިފަތައް ކަނޑައަޅައި ނިންމާއިރު އަންހެން މީހާގެ ހުންނަން ނުޖެހޭ އެއްވެސް ސިފައެއް ވާކަމަކަށް ނުވެއެވެ. ޢިލްމުވެރިވާންޖެހެއެވެ. ކީރިތި ޤްރުއާން ހިތުދަސްވާން ޖެހެއެވެ. ރުޅި މަޑު ކެތްތެރި، ކިޔަމަންތެރިއަކަށްވެސް ވާން އެބަ ޖެހެއެވެ. އަދި ރީތީގެ ރާނީއަކަށްވެސް ވާން ޖެހެއެވެ. މިހެން ގޮސް ހުރިހާ ކަމަކުން ދުނިޔޭގެ އެންމެ ފުރިހަމަ އަންހެނާއަށް ވާންޖެހެއެވެ.
އަހަރެންގެ ސުވާލަކީ މިހުރިހާ ސިފަތަކެއް އަނބިމީހާގެ ގައިގައި ހުންނަން ޖެހޭނެ ކަމަށް ބުނާއިރު ތިމާގެ ޙާލަކީ ކޮބައިހެއްޔެވެ؟ އަނބިމީހާގެ ގައިގައި ހުންނަން ތިއަ ކަނޑައަޅާ އެއްވެސް ސިފައެއް ތިމާގެ އަމިއްލަނަފުސުގައި އެބަހުރިހެއްޔެވެ؟ އެންމެ ފުރަތަމަ ބަލަންވީ އެކަމެއް ނޫން ހެއްޔެވެ؟
ކައިވެނިކުރާއިރު ދެމީހުންވެސް ބަލަންޖެހޭނީ ތަޤްވާވެރިކަމަށެވެ. ރިވެތި އަޚްލާޤަށެވެ. އެކަންކަން އެކެއްގެ ކިބައިގައި ހުރެގެން ނުފުދޭނެއެވެ. ފުދޭނީ ދެ މީހުންގެ ކިބައިގައިވެސް ހުރެގެންނެވެ. ކޮންމެ މީހަކީ ޢިލްމުވެރިއަކަށް ނުވެވިދާނެއެވެ. ނަމަވެސް ކޮންމެ މީހަކީވެސް ކީރިތި ޤްރުއާނަށް ލޯބިކުރާ މީހަކަށް ވާންޖެހޭނެއެވެ. ރުޅިމަޑުކަމާއި ކެތްތެރިކަމާއި ކިޔަމަންތެރިކަން ދެމީހުންގެ ކިބައިގައިވެސް ހުންނަން އެބަޖެހެއެވެ. ބޭރުފުށުގެ ރީތިކަމަކީ އެއްވެސް މުހިންމު ސިފައެއް ނޫނެވެ. އެއީ ހަމަ ދާދި އަވަހަށް ގެއްލިގެން ހިނގައިދާނެ ކަމެކެވެ.
ކުރުކޮށްލާފައި ބުނާނަމަ ދެމަފިރިންގެ ކައިވެނި ކާމިޔާބު ވުމުގެ އަޞަލަކީ ހަމައެކަނި ﷲ ތަޢާލާއަށްޓަކައި ދެމީހުން އެކަކު އަނެކަކު ދެކެ ލޯބިން ކައިވެނިކުރުމެވެ. ހަމައެކަނި ﷲ ތަޢާލާއަށްޓަކައި ދެމީހުން އެކަކު އަނެކަކު ދެކެ ލޯބިން ކުރި ކައިވެންޏެއް ރޫޅިގެންދާނީ ވަރަށް މަދު ޙާލަތެއްގައެވެ. އެފަދަ ކައިވެންޏެއް ރޫޅުމަކީ ވަރަށް ނާދިރު ކަމެކެވެ. އެފަދަ ކައިވެންޏެއްގައި ދެމިތިބިނަމަ ދެން ކުރިމަތިވާ ހުރިހާ މައްސަލަތަކެއް ވެސް ދާނީ ޙައްލުކުރެވެމުންނެވެ.
އެންމެ ކާމިޔާބު ކައިވެނިތަކުގެ އެންމެ ބޮޑު ސަބަބަކަށްވެފައި އޮންނަނީ ދެމަފިރިން އެކުގައި ރޭއަޅޫކަންކުރުމާއި ދުޢާކުރުމެވެ. ދެމަފިރިނަ އެކުގައި ތިބެ ރޭއަޅުކަންކޮށް ދުޢާ ކުރާ ދެމަފިރިއަކު ނިކަމެތިވުމަކީ ވަރަށް ނުވާނެ ކަމެކެވެ. އެފަދަ ދެމަފިއަކު ދެކޮޅުވެރިވެ ވަކިވުމަކީވެސް ވަރަށް ނާދިރު ކަމެކެވެ. ވީމާ ދެމަފިރިނަ އެކުގައި ތިބެ ރޭއަޅުކަންކޮށް ދުޢާކުރުމަކީ ކައިވެނި ދެމެހެއްޓުމުގެ އެންމެ ކާމިޔާބު ވަސީލަތެވެ!
އަހުރެންނަށް މިހައިތަނަށް އެނގިފައިވާ ގޮތުގައި އެކުގައި ރޭއަޅުކަންކޮށް ދުޢާކުރާ ދެމަފިރިއަކު ވަކިވެގެން ގޮސްފައެއް ނުވެއެވެ. ތިއައިން މީހަކަށް އެނގޭނަމަ ނިކަން އަންގައިލަދީބަލާށެވެ! ބައްދަލުކޮށްލަން ބޭނުންވެއެވެ.
--ޑރ. ޢަބްދުﷲ ޙާކިމް ކްއިކްގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ