ބޯހިޔާވަހިކަމުގެ ހައްގަށް މި ސަރުކާރުން އަރައިގެންފައިވާތީ އޮކްޓޫބަރު 31، ގައި އެމްޑީޕީން ބޮޑު އެއްވުމެއް ބާއްވަނީ ބޯހިޔާވަހިކަމުގެ ހައްގަށް މި ސަރުކާރުން އަރައިގެންފައިވާތީ އޮކްޓޫބަރު 31، ގައި އެމްޑީޕީން ބޮޑު އެއްވުމެއް ބާއްވަނީ

ދިވެހިރާއްޖޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ހައްގަށް މި ސަރުކާރުން އަރައިގަންނަމުންދާ ކަމަށް ބުނެ މިމަހުގެ 31، ގައި ބޮޑު އެއްވުމެއް ބާއްވަން ނިންމާފައިވާ ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފި އެވެ.
އެ ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު، މައުރޫފް ޒާކިރު ވިދާޅުވީ އޮކްޓޫބަރު 31، ގައި ބާއްވާ އެއްވުމަކީ ބޯހިޔާވަހިކަމަށް ހާއްސަ އެއްވުމެއް ކަމަށެވެ.
"ދިވެހި ރައްޔިތުންގެ ބޯހިޔާވަހިކަމަށް ރައީސް މުއިއްޒު އަރައިގަންނަމުންދާ އަރައިގަތުން ހުއްޓުވުމަށްޓަކައި އެމްޑީޕީން އޮކްޓޫބަރު 31، ގައި މި ބާއްވަނީ ބޮޑު އެއްވުމެއް، ބޯހިޔާވަހިކަމަށް ހާއްސަ،" މައުރޫފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ނޮވެމްބަރު 17، ގައި އޮންނަ ބޮޑު އެއްވުމުގެ ކުރިން ބޯހިޔާވަހިކަމަށް ހާއްސަ ބޮޑު އެއްވުމެއް ބާއްވަން ނިންމީ މާލެ ސަރަހައްދާއި ރާއްޖޭގެ އެހެނިހެން ސަރަހައްދުތަކުގައި ދިރިއުޅޭ އާންމު ރައްޔިތުންގެ ބޯހިޔާވަހިކަމާ ގުޅިފައިވާ ކަންބޮޑުވުމުގެ އަޑު ސަރުކާރަށް އިއްވުން ކަމަށެވެ.
ދިވެހި ރައްޔިތުންގެ އަސާސީ ހައްގުތަކުގެ ތެރެއިން އެންމެ ބޮޑު އަދި އެންމެ މުގައްދަސް ހައްގަކީ ބޯހިޔާވަހިކަމުގެ ހައްގު ކަމަށްވާއިރު، ބޯހިޔާވަހިކަމުގެ ހައްގުން މަހުރޫމް ކޮށްފައިވާ ހުރިހާ ރައްޔިތުން އެމްޑީޕީގެ އެއްވުމުގައި ބައިވެރިވުމަށް މައުރޫފް ގޮވައިލެއްވި އެވެ.
އޮކްޓޫބަރު 31، ގައި އެއްވުން ބާއްވަން ނިންމާފައި ވަނީ ކޮބާ ކޮބާ މަގޭ ގޯތި، ކޮބާ ކޮބާ މަގޭ ފްލެޓުގެ ނަމުގައި ކަމަށް މައުރޫފް ވިދާޅުވި އެވެ. އެ އެއްވުން ކުރިއަށް ގެންދާނީ ކާނިވާ ސަރަހައްދުގައި ކަމަށާއި އެ ހަރަކާތުގައި މަގުތަކަށް ނުކުމެ މުޒާހަރާ ނުކުރާނެ ކަމަށް މައުރޫފް ވިދާޅުވި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު، މުހައްމަދު އިބްރާހިމް (ކުޑޫ) ވަނީ މިދިޔަ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބުނު މީހުންނަށް ފްލެޓުތައް ހަވާލު ކުރުމުގައި ވެސް އެކިފަހަރު އެކި ގޮތަށް މި ސަރުކާރުން ވާހަކަދައްކަމުން ދާ މައްސަލައިގައި ހުރި ކަންބޮޑުވުންތައް ހިއްސާ ކުރައްވައިފަ އެވެ.
މި ސަރުކާރު ވެރިކަމަށް އައުމަށްފަހު ގެދޮރުވެރިޔާ ސްކީމާ ގުޅިގެން އެކި ގޮތްގޮތަށް އަމަލު ކުރަމުން ގޮސް އެ ފްލެޓުތައް ހަވާލު ކުރަން ފެށިއިރު، ވެސް އެތައް ބައިވަރު ކަންބޮޑުވުންތަކެއް ހުރިކަން އޭނާ ފާހަގަކުރެއްވި އެވެ.
އެގޮތުން ދެމަފިރިންނަށް ވެސް ކޮންމެ މީހަކަށް ފްލެޓެއް ދިނުމާއި ކުރީ ސަރުކާރުން ކަނޑައެޅި ކުއްޔަށްވުރެ ބޮޑު ކުއްޔެއް އެ ފްލެޓުތަކަށް ކަނޑައެޅުމުގެ އިތުރުން ބައެއް ފްލެޓުތައް ވިއްކަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ކުޑޫ ވިދާޅުވި އެވެ.
އެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށް ތަކުރާރުކޮށް އެކި ގޮތްގޮތަށް މަސައްކަތް ކުރެއްވި ނަމަވެސް އެއްވެސް ޖަވާބެއް މިހައިތަނަށް މިނިސްޓަރުގެ ފަރާތުން ވެސް ލިބިވަޑައިގެންފައި ނުވާ ކަމަށް ކުޑޫ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ފްލެޓުތަކުގެ ކަންބޮޑުވުންތަކާ ގުޅިގެން ހައުސިން މިނިސްޓަރު، އަބްދުالله މުއްތަލިބު މަޖިލީހަށް ހާޒިރު ކުރުމަށް އެދުމުން އެކަން ކުރައްވާފައި ނުވާ ކަމަށާއި ލިޔުމުން ޖަވާބު ދޭން އެދުމުން އެކަން ވެސް ނުކުރެއްވި ކަމަށެވެ.
"އަޅުގަނޑުމެން މިކަމާ ގުޅިގެން އެއްވުން ބާއްވަން އަޑު އުފުލަން މި ނިންމީ އަޅުގަނޑުމެން މަޖިލިސް މެންބަރުން އެމްޑީޕީން މިކަމުގައި މާޔޫސްވެ ގޮތް ހުސްވެ ދެން ހަދާނެ ގޮތެއް ނެތުމުން، އަޅުގަނޑުމެން ދެކެނީ މިއީ އަނިޔާއެއް ކަމުގައި،" ކުޑޫ ވިދާޅުވި އެވެ.
މި ސަރުކާރުން ކަންކުރި އަދި ކަންކުރަމުންދާ ގޮތުން އަނިޔާ ލިބިފައިވާ ހުރިހާ އެންމެން އެ މުޒާހަރާގައި ބައިވެރިވުމަށް ކުޑޫ ގޮވައިލެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ