ހޯރަފުށިން ޝަކުވާ ގިނަ، އަވަސް ނަތީޖާއެއް ބޭނުންވާ ދެ ވައުދު!

ހއ. ހޯރަފުޓަށް ކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގަތް ވައުދުތަކުގެ ލިސްޓުގެ ކުރީގައި، ހޯރަފުށީގެ ބިން ހިއްކައި، ސިއްހީ ފަރުވާ ރަނގަޅުކޮށްދިނުމާއި ގެދޮރުވެރިކަމާއި ވަޒީފާގެ ފުރުސަތުތައް ކަށަވަރު ކޮށްދިނުން ހިމެނެ އެވެ. ކުރީގެ ސަރުކާރާ މެދު ރައްޔިތުން މާޔޫސްވި ސަބަބުތަކާ ގުޅުވައި ވެވެވަޑައިގަތް މި ވައުދުތަކުން މި ސަރުކާރާ މެދު ރައްޔިތުންގެ އޭރު އޮތީ ބޮޑު އުއްމީދެކެވެ.އެކަމަކު ނޮވެމްބަރު، 17، 2023، ގައި ވެރިކަމުގެ ހުވާކުރެއްވިތާ ދެ އަހަރު ފުރެން ގާތްވެފައިވާއިރު، ފެންނަން އޮތް ހަގީގަތަކީ އެ ވައުދުތައް ފުއްދުމުގެ ސްޕީޑު ލަސްކަމެވެ. ރައްޔިތުން އެދޭ ނަތީޖާ ނުނެރެވި ދިގުލައިގެން ދިއުމުން ރައްޔިތުންގެ ޝަކުވާތައް ވަނީ ގިނަވެފަ އެވެ.ހއ. ހޯރަފުށީ ސިއްހީ ފަރުވާ ރަނގަޅުކޮށްދިނުމަކީ 2023 ގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ޑރ. މުއިއްޒު ވެވަޑައިގެންނެވި ވައުދެކެވެ. ނަމަވެސް ރައީސް މުއިއްޒުގެ ސަރުކާރަށް ދެ އަހަރުވާން ދާއިރު ވެސް ހޯރަފުށީގެ ސިއްހީ ނިޒާމް އޮތީ ރައްޔިތުން "އިތުބާރު" ނުކުރާ ހިސާބެއްގައި އެވެ. ރައީސް ސޯލިހު ސަރުކާރުން ފެށި ހޯރަފުށީ ހޮސްޕިޓަލްގެ މަސައްކަތް ވެސް ދަނީ "ބަރަވެލި" ސްޕީޑްގައި އެވެ.ސުވާލަކީ ރައީސް މުއިއްޒު ވެރިކަމުގައި ހޯރަފުށީ ހޮސްޕިޓަލްގެ މަސައްކަތް ނިންމާ ހިދުމަތް ދެވޭވަރު ވާނެ ބާ އެވެ؟!؟!؟ހއ. ހޯރަފުށީ ބިން ހިއްކައި ދިނުމަކީ 2023 ގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ޑރ. މުއިއްޒު ވެވަޑައިގެންނެވި ދެވަނަ ވައުދެކެވެ. ނަމަވެސް ރައީސް މުއިއްޒުގެ ސަރުކާރަށް ދެ އަހަރުވާން ދާއިރު ވެސް ހޯރަފުށީގެ ބިންހިއްކުމުގެ މަސައްކަތުގެ އަޑު މިހާރު ވަނީ މަޑުވެފަ އެވެ. މި ސަރުކާރަށް މަރުދޭ މީހުނަށް މިކަންކަން ފެށޭނެ ދުވަހެއް ބުނެ ނުދެވި ސަރުކާރު ދިފާއު ކުރަން ވެސް ވަނީ ދަތިވެފަ އެވެ. އެހެން ކަމުން ހޯރަފުށީގެ ބިން ހިއްކައި، ސިއްހީ ފަރުވާ ރަނގަޅުކޮށްދިނުމުގެ ވައުދަށް ހާއްސަ ސަމާލުކަމެއް ސަރުކާރުން ދިނުމަކީ ރައްޔިތުންގެ އާދޭހެވެ. މި ކަމަށް ހާއްސަ ސަމާލުކަމެއް ދިނުން ބުއްދިވެރި އެވެ. މި ދެ ވައުދާ ގުޅިގެން ރައްޔިތުން ހުރި ކަންބޮޑުވުމާއި ޝަކުވާ އަންނަނީ އިތުރު ވަމުން ނެވެ.  މީގެ އިތުރުން ހޯރަފުށިން ވަޒީފާގެ ފުރުސަތު މަދުވެ އިގްތިސޯދީ އެއްވެސް ހަރަކާތެއް މިހާރު ނުހިގާތާ ދެ އަހަރުވީ އެވެ. ކުރިން ހުރި ބައެެއް ވަޒީފާތައް ވެސް މިސަރުކާރު ވެރިކަމާއި ހަވާލުވެ އުވާލުމުގެ ސަބަބުން މިފަހުން ފެނަކައިން ވެސް ވަނީ ގިނަ ޒުވާނުންގެ ވަޒީފާ ގެއްލިފަ އެވެ. ހޯރަފުށީ ޒުވާނުން އެދޭ އެދުމަކީ ރަށުން ވަޒީފާގެ ފުރުސަތު ފަހިވުމެވެ. އަދި ވަޒީފާގެ "ބިރުން" މިންޖުވުމެވެ. ހޯރަފުށިން މިފަހުން ވަނީ އެރަށުގައި ބިއްލޫރި ފުޅީގައި ފެން ބަންދުކުރަން ހަދަމުން އަންނަ ބޮޓްލިން ޕްލާންޓުގެ މަސައްކަތް ހުއްޓާލާ އެތަނުގެ މަސައްކަތް ކުރަމުން އަންނަ 15 މުވައްޒަފުން ކުއްލިއަކަށް ވަޒީފާއިން ވަކިކޮށްފައި އެވެ. މި ސަރުކާރަށް 23 މަސްވެ ފަސް އަހަރުގެ ދައުރު ނިމެން ދާއިރު ހޯރަފުށީ ދާއިރާގެ އުމްރާނީ ތަރައްގީގެ ކުރިމަގާއިމެދު ޖަވާބު ބޭނުން ގިނަ ސުވާލުތަކެއް މިހާރު ވަނީ އުފެދިފަ އެވެ. ވައުދު ވުމަކީ ސަމާސާއަކަށް މި ސަރުކާރުގެ ބައެއް ވެރިން މިއަދު ހަދައިފި އެވެ. އަދި އިންތިހާބުވި މީހުން ގޮނޑިތަކުގައި ހަމަޖެހިލުމަށްފަހު ވައުދު ލިސްޓް ނަނގާލީ ޑަސްބިނަށެވެ. އަދި ބައެއް ވައުދަކީ މީހަކު ބުނެގެން މީހަކަށް ވީ ވައުދުކަމަށް ބުނެ ވެސް އެކަމުން އަންނަނީ ބޯދަމައިގަންނަމުން ނެވެ. ނިމުނު މަޖިލިސް އިންތިހާބު ދުވަސްވަރު ހޯރަފުށި ދާއިރާއިން އިވުނީ ސަރުކާރުން ދައްކާ މީހާއަށް ވޯޓު ދިނުމުން ދާއިރާ ތަރައްގީ ވާނެ ވާހަކަ އެވެ. ރަށަށް އުންމީދާއި ދިރުން ލިބޭނެ ވާހަކަ އެވެ. ސަރުކާރުން ދައްކާ މީހާ ހޮވުމުން ކަންކަންވާ ފަސޭހަ ވާނެ ވާހަކަ އެވެ. ރައްޔިތުންގެ އަޑު އިއްވަން ފަސޭހަ ވާނެ ވާހަކަ އެވެ. ނަމަވެސް މިއަދު ރައްޔިތުން ސަރުކާރު ކެންޑިޑޭޓް އަރިހުގައި ސާބިތުވުމުން ދާއިރާ އަށް ލިބުނު މޮޅެއް ނެތެވެ. އިތުރަށް ކިޔާލަން: ސަރުކާރު ފަޅިން ހޮވިގެން ތަރައްގީގެ އަޑު މަޑުވީ ކީއްވެ..؟އެހެން ކަމުން އަންނަ ކައުންސިލް އިންތިހާބުގެ ކުރިން ރައީސް މުއިއްޒު ސަރުކާރުން ހޯރަފުއްޓަށް މި ވައުދުތައް ފުއްދަވާ ނަތީޖާ ނެރެދެއްވުން ވަރަށް މުހިންމެވެ. ރައްޔިތުންގެ ޝަކުވާތަކަށް ނިމުމެއް ގެނެސް ރައްޔިތުންގެ އިތުބާރު ދެމެހެއްޓުން ބުއްދިވެރި އެވެ. ރައްޔިތުން އަތަށް ވޯޓު ކަރުދާސް ކޮޅު ލިބުން ދާދި ގާތް ވެއްޖެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ