ދައުވާ ނުކުރަން ނިމިޔަސް ޕީޖީގެ ލަފައާއެކު ނޫނީ މައްސަލަތަކުގެ ރެކޯޑު ނައްތާނުލަން ފުލުހުންނަށް އަންގައިފި

ދައުވާ ނުކުރަން ނިންމާ ޖިނާއީ މައްސަލަތަކުގެ ލިޔެކިއުންތައް ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ)ގެ އޮފީހުގެ ލަފާ ހޯދައިގެން ނޫން ގޮތަކަށް ނައްތާނުލުމަށް އެ އޮފީހުން މިއަދު ފުލުހުންނަށް އަންގައިފި އެވެ.
ވީ ކިހިނެއް؟ - 'ފޮލިސް ރެކޯޑް ބެެލެހެއްޓުމާއި ދޫކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު' ބުނާ ގޮތުން، ފުލުހުންނަށް ހުށަހެޅޭ މައްސަލަތަކާ ގުޅޭ ލިޔެކިޔުންތަކާއި އެއްކުރާ ލިޔެކިޔުންތައް، ކަނޑައެޅޭ ނިޒާމުގެ ތެރެއިން ރައްކާކޮށް، ބަލަހައްޓަންވާނެ އެވެ.
ޖިނާއީ ބޮޑު ކުށެއް ހިމެނޭ މައްސަަލައެއް ނަމަ، އަށް އަހަރުދުވަހަށް އަދި އެ ނޫން މައްސަލަތަކުގެ ލިޔެކިއުންތައް މަދުވެގެން ތިން އަހަރު ދުވަަހަށް ބަހައްޓަންޖެހޭނެ ކަމަށް މި ގަވާއިދު ބުނެ އެވެ. 
އެކަމަކު ޖިނާއީ މައްސަލަތަކުގެ ތަހުގީގު ނިމި ދައުވާ އުފުލޭ މިންވަަަަރަށް ހެކި ލިބިފައިނުވާ ނަމަ ނުވަތަ ދައުވާ ނުކުރެވޭނެ ކަމަށް ޕީޖީން ނިންމައިފި ނަމަ، އަހަރުދުވަސް ތެރޭ އެ މައްސަލައެއްގެ ލިޔެކިއުންތައް ނައްތާލެވޭ ގޮތަށް މި ގަވާއިދު މިދިޔަ އަންގާރަ ދުވަހު ވަނީ އިސްލާހުކޮށްފަ އެވެ.
ބުނީ ކީކޭ؟ - މި އިސްލާހާ ގުޅިގެން ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މައްސަލައެއްގައި ދައުވާއެއް ނުކުރެވޭނެ ކަމަށް ނިންމިޔަސް، އެ މައްސަލައިގެ ލިޔެކިއުންތަކުގެ އަސްލު އެހެން މައްސަލަތަކުގެ ދައުވާތަކުގައި ބޭނުންކުރަންޖެހޭ ހާލަތްތަކެއް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ.
އެ ސަބަބަށްޓަކައި ދައުވާނުކުރަން ނިންމާ މައްސަލަތަކުގެ ލިޔެކިއުންތައް ރައްކާތެރިކުރުމާއި އެ ލިއުންތައް ނައްތާލުމާ ގުޅޭ އިރުޝާދެއް، ތަހުގީގީ އިދާރާތަކަށް ފޮނުވުމަށް އެ އޮފީހުން މަސައްކަތް ކުރަމުންދާ ކަމަށް އެ ތަނުން ބުންޏެވެ.
"އެ އިރުޝާދު ފުލުހުންނާ  ހިއްސާކުރެވެންދެން މި އޮފީހުގެ ލަފާ ލިޔުމުން ހޯދައިގެން މެނުވީ އެއްވެސް ޖިނާއީ މައްސަލައެއްގެ ލިޔެކިއުންތަކުގެ އަސްލު ނައްތާނުލުމަށް ފުލުހުންނަށް މިއަދު ވާނީ ދަންނަވާފަ އެވެ" ޕީޖީގެ ބަޔާނުގައިވެ އެވެ.
އެނގުން މުހިންމު - ޕޮލިސް ރެކޯޑު ބެލެހެއްޓުމުގެ ގަވާއިދަށް މިފަހުން ގެނައި އިސްލާހުގައިވާ ގޮތުން: 
ޖިނާއީ މައްސަލައެއްގައި ދައުވާ ނުކުރެވޭނެ ކަމަށް ޕީޖީން ނިންމައިފި ނަމަ، އެ ނިންމުން ނިންމި ތާރީހުން ފެށިގެން 1 އަހަރުދުވަހުގެ ތެރޭގައި އެ މައްސަލައިގެ ލިޔުންތައް ނައްތާލުމަށް ޕޮލިސް ރިކޯޑު ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށްފައިވާ އިދާރީ ބަހާގެ ވެރިޔާއަށް ނިންމިދާނެ
ތަހުގީގު ނިންމާފައިވާ ޖިނާއީ މައްސަލައެއްގައި އެ މައްސަލައަކީ ޖިނާއީ ބޮޑެތި ކުށްތަކުގެ ތެރޭގައި ނުހިމެނޭ އަދި ދައުވާ އުފުލޭ މިންވަރަށް ހެކި ލިބިފައިވާ މައްސަލައަކަށް ނުވާ ނަމަ އަދި އެފަދަ ހެއްކެއް އަލުން ލިިބިދާނެ ކަމަށް ނުބެލެވޭނަމަ އެ މައްސަލައެއް ފައިލް ކުރެވުނު ތާރީހުން ފެށިގެން 1 އަހަރުދުވަހުގެ ތެރޭގައި އެ މައްސަލައިގެ ލިއުންތައް ނައްތާލުމަށް ޕޮލިސް ރިކޯޑު ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށްފައިވާ އިދާރީ ބަހާގެ ވެރިޔާއަށް ނިންމިދާނެ
ދައުވާ އުފުލޭ މިންވަރަށް ހެކި ނެތްކަމަށް ޕީޖީން ނިންމާ ހާލަތުގައި އެ މައްސަލައިގެ ލިޔުންތައް ނައްތާލެވޭނީ، އެފަަދަ ހެއްކެއް ފަހުން ވެސް ނުލިބޭނެ އެ މައްސަލަ ތަހުގީގުކުރި ފަރާތާއި އެ ފަރާތުގެ ސުޕަވައިޒަރަށް ގަބޫލުކުރެވޭކަން ބަޔާންކޮށް ލިއުމުން ހުށަަހަޅައިގެން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ