އަހަރަކު 10 މިލިޔަން ރުފިޔާ ލިބޭ ވަގުފް އިމާރާތުގެ މަސައްކަތް ހަވާލުކޮށްފި

ދައުލަތަށް އާމްދަނީގެ ގޮތުގައި އަހަރަކު 10 މިލިޔަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރެވޭ ދާރުލްއަރުގަމް ވަގުފް އިމާރާތުގެ މަސައްކަތް، ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުއާރުސީ)އާ މިއަދު ހަވާލުކޮށްފި އެވެ.
ވީ ކިހިނެއް؟ - ރާއްޖޭގައި އަޅާ ދެ ވަނަ ވަގުފް މިި އިމާރާތުގެ މަސައްކަތަށް ދައުލަތުން 39 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ހޭދަކުރެ އެވެ.
ބާރަ ބުރީގެ މި އިމާރާތް އެޅުމުގެ މަސައްކަތް އާރުއާރުސީއާ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި، އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އާދަމް ރަހީމެވެ.
ތަފްސީލް - އެންމެ ޒަމާނީ ވަސީލަތްތަކާ އެކު ގާއިމް ކުރާ މި އިމާރާތް ކުއްޔަށް ދީގެން ލިބޭ ފައިދާގެ ގޮތުގައި، ދައުލަތަށް އަހަރަކު 10 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ލިބޭނެ ކަމަށް ލަފާ ކުރެވެ އެވެ
އިމާރާތުގެ ބައެއް ތަފްސީލު:
އިމާރާތުގެ ބޭސްމެންޓާއި ގްރައުންޑު ހަދަނީ އެތަނުގައި ޕާކުކުރެވޭ ގޮތަށް
ދެ ވަނަ ބުރީގައި ކޮންފަރެންސް ހޯލް، އަދި ފުރަތަމަ ބުރިން 12 ވަނަ ބުރިއަށް ޒަމާނީ އޮފީސް ބައިތަކާއި މީޓިން ރޫމުތައް ހުރޭ
އިމާރާތުގެ ރޫޕްޓޮޕް ހަދަނީ، އޯޕަން ޓެރަސްއެއްގެ ގޮތަށް
އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި ގާތްގަނޑަކަށް 18 ވަރަކަށް މަހުގެ ތެރޭގައި ނިމޭނެ ކަމަށް ލަފާކުރާ މި މަޝްރޫއަށް ފަންޑު ކުރަނީ، ބޭންކް އޮފް މޯލްޑިވްސްގެ އިސްލާމިކް ފައިނޭންސިންނެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި:
އިމާރާތުން ލިބޭ ފައިސާގެ %20 ޖަމާކުރާނީ ޒަކާތު ހައުސްއަށް
ބާކީ %80 ޖަމާކުރާނީ ވަގުފް ފަންޑަށް
އެނގުން މުހިއްމު - ދާރުލްއަރުގަމްގެ އިތުރުން ހުޅުމާލޭގައި ވަގުފް އިމާރާތަކާއި މާލޭގައި ގުރުއާނަށް ހާއްސަ އެ ފަދަ އިމާރާތެއް އެޅުމަށް ވަނީ ނިންމާފަ އެވެ. އަދި އައްޑު އާއި ފުވައްމުލަކާއި ގދ. ތިނަދޫ އާއި ހދ. ކުޅުދުއްފުށީގެ އިތުރުން ގއ. ވިލިގިނލީގައި ވެސް ވަގްފު މަޝްރޫއުތައް ފެށުމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ ނިންމަވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ