ޚިޔާލު ބަދަލެއް ނުވޭ، އެކަމަކު ނަތީޖާއަށް އިހުތިރާމުކުރަން: އައިބީ
އައްޑޫ ސިޓީ ކައުންސިލް އޮންނާނެ ގޮތަކާ މެދު ހުޅުދޫއާއި މީދޫއާއި ފޭދޫ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނެގި ވޯޓުގައި ރައްޔިތުންގެ ނިންމުމަށް އިހުތިރާމުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ (އައިބީ) މިއަދު ވިދާޅުވެއްޖެއެވެ. އޭނާގެ ނަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ފޮނުވާފައިވާ ކަމަށް ބުނާ ސިޓީއެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުކުރަމުންނެވެ. އެ ސިޓީގައި ވަނީ ފޭދޫ ވަކި ސިޓީއެއްގެ ގޮތުގައި ގާއިމުނުކުރުމަށް އައްޑޫ ފޭދޫ މީހުން ނިންމި ނިންމުން ގަބޫލުނުކުރާ ކަމަށް ބުނެފައެވެ. އަދި، ފޭދޫގެ ގިނަ ރައްޔިތުން ވޯޓުގައި ބައިވެރިނުވާކަން ފާހަގަކޮށް، ނަތީޖާ އުވާލުމަށް ސިޓީގައި އެދިފައިވެއެވެ. https://sun.mv/213114 މި ވާހަކަތައް ދޮގުކުރައްވަމުން އައިބީ ވިދާޅުވީ، މި ސިޓީގައި ވަނީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށާއި ކާކުކަން ނުދަންނަ އެކްސް އެކައުންޓަކުން އޭނާގެ ސޮއި ފޯޖްކޮށްފައިވާ ސިޓީއެއް ދައުރުކުރަމުންދާ ކަމަށެވެ. އަދި، ސިޓީގައިވާ އެއްވެސް ވާހަކައެއް އޭނާ ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވިއެވެ. އައިބީ ވިދާޅުވި ގޮތުގައި އޭނާ ފޭދޫ ވަކި ކައުންސިލެއްގެ ގޮތުގައި ގާއިމުކުރަން ތާއީދުކުރެއްވިޔަސް ފޭދޫ ރައްޔިތުންގެ ނިންމުމަށް އިހުތިރާމުކުރައްވައެވެ. އައްޑޫގައި ކައުންސިލް އޮންނަންވީ ގޮތާ ގުޅޭ ގޮތުން ޚިޔާލު ހޯދުމުގެ ވޯޓުލުން -- ފޮޓޯ/ ޕީއެސްއެމް އިލެކްޝަންސް ކޮމިޝަނުން ވަނީ އައްޑޫ ރައްޔިތުންގެ މެދުގައި ނެގި ފެންނަ ނުފެންނަ ވޯޓުގެ ވަގުތީ ނަތީޖާ ރޭ އިއުލާނުކޮށްފައެވެ. ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި، ވަކި ކައުންސިލެއް ހަދަން ފެންނަ ކަމަށް ފޭދޫން 616 މީހަކު ވޯޓުދިންއިރު، ނުފެންނަ ކަމަށް 1،784 މީހަކު ވޯޓުދިނެވެ. ހަމަ އެހެންމެ މީދޫން 847 މީހަކު ވަކި ކައުންސިލެއް ހަދަން ފެންނަ ކަމަށް ވޯޓުދިންއިރު ނުފެންނަ ކަމަށް 144 މީހަކު ވޯޓުދިނެވެ. އަދި، ހުޅުދޫގައި ވަކި ކައުންސިލެއް ހަދަން 623 މީހަކު ވޯޓުދިންއިރު ނުފެންނަ ކަމަށް ވޯޓުދިނީ 329 މީހުންނެވެ. https://sun.mv/213116 މުޅި ރެފަރެންޑަމްގައި ވޯޓުލީ ޖުމުލަ 4493 މީހުންނެވެ. އެއީ ވޯޓުލެވޭ އާބާދީގެ 47 ޕަސެންޓެވެ. ފާހަގަކޮށްލެވޭ ގޮތުގައި އައްޑޫގެ ކައުންސިލް އޮންނާނެ ގޮތަކާ މެދު ގޮތް ނިންމުމަށް، ވޯޓުލެވޭ އާބާދީގެ ދެބައިކުޅަ އެއްބައިވެސް ވޯޓުގައި ބައިވެރިވެފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ