ހިމާޔަތްކޮށްފައި އޮތް ބަތަލާ ކުއްޔަށްދިނީ ގޯސްކޮށް، ކުލި ވެސް ހިސާބުނުކުރޭ: އޮޑިޓް

ބ. އަތޮޅު ބަޔޮސްފިޔާ ރިޒާވްގެ ގޮތުގައި ރައްކާތެރިކޮށްފައިވާ ސަރަހައްދެއްގައި ހިމެނޭ ކުޑަ ރަށެއްކަމަށްވާ ބަތަލާ ކުއްޔަށް ދޫކޮށްފައިވަނީ ގޯސްކޮށް ކަމަށް، އޮޑިޓް އޮފީހުގެ ރިޕޯޓުން ހާމަވެއްޖެއެވެ. އޮޑިޓު އޮފީހުން ނެރުނު ރިޕޯޓެއްގައި ބުނީ 2011 ވަނަ އަހަރުގެ ޖޫން ފަސްވަނަ ދުވަހު ބަތަލާ ހިމެނޭ ސަރަހައްދު ހިމާޔަތްކުރީ، 2010ވަނަ އަހަރުގެ ޑިސެމްބަރު ފަސްވަނަ ދުވަހު އެ ރަށް، އޭރުގެ ފިޝަރީޒް މިނިސްޓްރީން ކުއްޔަށް ދީފައިވަނިކޮށް އެ އެއްބަސްވުން ބާތިލްނުކޮށް ކަމަށެވެ. އަދި އެ ތަން ހިމާޔަތްކޮށްފައިވަނިކޮށް، މަގްސަދު ގެއްލޭގޮތަށް 2013ވަނަ އަހަރުގެ އޮކްޓޯބަރު 10ވަނަ ދުވަހު، ޓޫރިޒަމް މިނިސްޓްރީން އެ ރަށް އަމިއްލަ ކުންފުންޏަކަށް ފަތުރުވެރިކަމުގެ ބޭނުމަށް ލީސް އެއްބަސްވުމެއްގެ ދަށުން 20 އަހަރަށް ކުއްޔަށް ދިން ކަމަށް ވެސް ރިޕޯޓުގައިވެއެވެ. އަދި މި އެއްބަސްވުން ހެދީ ރައީސް އޮފީހުން އެ ރަށް ފަތުރުވެރިކަމުގެ ބޭނުމަށް ދޫކުރަން ނިންމުމުގެ ކުރިން ކަމަށް ވެސް ރިޕޯޓުގައިވެއެވެ. އެ ރަށް ކުއްޔަށް ދިނީ، އެއްބަސްވުމުގެ ތާރީޚުން ފެށިގެން ރަށުގެ ކޮންމެ އަކަމީޓަރަކަށް ހަތަރު ޑޮލަރު ދައްކަންޖެހޭ ގޮތަށެވެ. ނަމަވެސް ބިމުގެ ސައިޒު، މީރާއަށް އަންގައިފައިނުވާތީ، އެއްބަސްވުން އުވާލިއިރު ވެސް ކުލި ހިސާބުކުރެވިފައި ނުވެއެވެ. އަދި މީރާއަށް އެއްބަސްވުމެއް ހެދިކަމުގެ މައުލޫމާތު ވެސް ލިބުނީ 25 ޖުލައި 2016ގައި ކަމަށް ވެސް އޮޑިޓު ރިޕޯޓުގައިވެއެވެ. އެހެންކަމުން ހިމާޔަތްކޮށްފައިވާ ސަރަހައްދެއް ކަމަށް، މި ރަށް ހިމެނޭ ސަރަހައްދު ކަނޑައަޅައިފައިވީ ނަމަވެސް ހިމާޔަތްކޮށްފައިވާ ތާރީޚުން ފެށިގެން ތިން އަހަރާއި ދެ މަސް ވަންދެން މި ރަށަކީ އެހެން ފަރާތަކުން ކުލިދައްކާ ބޭނުންކުރުމުގެ ހުއްދަ އޮތް ރަށެކެވެ. މީގެ އިތުރުން ހޯދަން ޖެހޭ ހުއްދަތައް ނުހޯދައި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެ ރަށުގައި ކޮށްފައިވާ ކަމަށް ރިޕޯޓުގައިވެއެވެ. އަދި މިހާރު އެ ރަށް އެއްކޮށް ގިރައިގެން ގޮސްފައިވާ ކަމަށާއި އެހެން އެ ކަން މެދުވެރިވީ އެކަށީގެންވާ މިންވަރަށް ދިރާސާނުކޮށް ހުއްދަ ނެތި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރުމުން ކަމަށް ބެލެވޭކަމަށް ރިޕޯޓުގައިވެއެވެ. އަދި އެ މައްސަލަ ބަލައި ފިޔަވަޅު އަޅައިފައިނުވާ ކަމަށް ވެސް ރިޕޯޓުން ވަނީ އެނގިފައެވެ. މި މައްސަަލައާ ގުޅިގެން އޮޑިޓު އޮފީހުން ވަނީ އެންވަޔަރަމަންޓް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ނުހަދައި، ހުއްދަ ނުހޯދައި، ބަތަލާގެ ގޮނޑުދޮށް ހިމާޔަތްކުރުމާއި، ބައެއް އުމްރާނީ މަސައްކަތް ކޮށްފައިވާތީ އެ މައްސަލަ ދިރާސާކުރަން ކަމާބެހޭ ފަރާތްތަކަށް ލަފާދީފައެވެ. އަދި އެކަމާ ޒިންމާވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅައި، ރަށް އެއްކޮށް ގިރުމުން ލިބުނު ގެއްލުމުގެ ބަދަލު ދައުލަތަށް ހޯދަން ވެސް ލަފާ ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ