2.5 ބިލިއަން ޗާޕުކުރަނީ މުސާރަ ދޭނެ ފައިސާ ނެތިގެން

ސަރުކާރުން 2.5 ބިލިއަން ރުފިޔާ ޗާޕުކުރަނީ މުސާރަ ދޭނެ ފައިސާ ނެތިގެން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ތުހުމަތު ކުރައްވައިފި އެވެ.
ސަރުކާރުގެ ހަރަދުތައް މެނޭޖު ކުރުމަށް މަރުކަޒީ ބޭންކު އެމްއެމްއޭ މެދުވެރިކޮށް ވިއްކާ 2.4 ބިލިއަން ރުފިޔާގެ ބޮންޑުގެ މައްސަލައިގައި ޕެންޝަން އޮފީހުގެ ބޯޑު މެންބަރު އަހުމަދު ސަރުވަޝް އާދަމް ދާދިފަހުން އިސްތިއުފާ ދެއްވާފަ އެވެ. މި މުއާމަލާތުގެ ނަތީޖާއަކީ ފައިސާ ޗާޕުކުރުމުން ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. ނަމަވެސް ފިނޭންސް މިނިސްޓްރީން ވަނީ މިއީ ފައިދާ ކުރުވަނިވި މާލީ މުއާމަލާތެއް ކަމާއި މިއީ ފައިސާ ޗާޕުކުރުން ނޫން ކަމަށް ބުނެފަ އެވެ.
ޕީއެންއެފް އިން ރޭ ބޭއްވި ފްރޮންޓު އޮފީހުގެ ޖަލްސާގައި ވާހަކަދައްކަމުން ޔާމީން ވިދާޅުވީ ސަރުކާރުން 2.5 ބިލިއަން ރުފިޔާ ޗާޕުކުރަނީ އަމިއްލަ ފަރާތްތަކާއި ކޮންޓްރެކްޓަރުންނަށް ނުދެވި ހުރި ފައިސާ ދޭން ކަމަށް ކަމަށް ބުނާ ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށާއި އެއީ މިކަމުގެ ހަގީގީ މަގުސަދެއް ނޫން ކަމަށެވެ.
"މުސާރަ ދޭނެ ލާރި ވެސް ނެތީ. ކުރެވޭނެ އެއްވެސް ކަމެއް ނެތީމަ އެކަމަށް، މިވަގުތުން ވަގުތަށް އޮތް ހައްލަކީ މިއީ ކަމަށް ވާތީ މިކަން މި ކޮށްލަނީ،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވަނީ ސަރުކާރުން ރަސްމީ ސިފައެއްގައި ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް، އެކަމުގެ ހަގީގަތް ހިސާބު އަކުރުތަކުން ފެންނަން އެބަހުރި ކަމަށްވެސް ވިދާޅުވެފަ އެވެ.
މި ސަރުކާރުން ފައިސާ ޗާޕުނުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ. އަދި ސަރުކާރުން އަމިއްލަ ވިޔަފާރިތަކަށް ދައްކަންޖެހޭ ފައިސާ ދައްކާނީ ވެސް ފައިސާ ޗާޕުނުކޮށް ކަމަށް ދާދިފަހުން ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ