ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެ ވަޑައިގެންފި ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެ ވަޑައިގެންފި

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ، ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ރާއްޖެ ވަޑައިގެންފި އެވެ.
ދުނިޔޭގެ ފުޓްބޯޅައިގެ މައި ޖަމިއްޔާގެ ރައީސަކު، ރާއްޖެ އަށް މި ވަޑައިގަންނެވީ 19 އަހަރަށް ފަހު އެވެ. އެންމެ ފަހުން ފީފާގެ ރައީސަކު ރާއްޖެ އަށް ވަޑައިގެންނެވީ 2006 ވަނަ އަހަރު، އޭރުގެ ރައީސް ސެޕް ބްލެޓާ އެވެ.
ފީފާގެ ރައީސް، އިންފަންޓީނޯ އަށް މަރުހަބާ ދެންނެވުމަށް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހަރަކާތްތަކެއް ރޭވިފައިވާއިރު، ސަގާފީ ހަރަކާތްތަކެއް ކުރިއަށްދާނެ އެވެ. އަދި، ގައުމީ ފުޓްބޯޅަ ޓީމާއި ގައުމީ ފުޓްސަލް ޓީމުގެ ކުޅުންތެރިންގެ އިތުރުން އެކަޑަމީތަކުގެ ކުދިން ވެސް އިންފަންޓީނޯ އަށް މަރުހަބާ ކިއުމުގެ މި އިވެންޓްގައި ބައިވެރިވެ އެވެ.
މި ދަތުރުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ސަރުކާރުގެ އޮފިޝަލުންގެ އިތުރުން ރާއްޖޭގެ ފުޓްބޯޅަ ކްލަބްތަކާ ބައްދަލުކުރާނެ އެވެ.
މީގެ އިތުރުން، މިއަދު ހަވީރު، 16:00-18:00 އަށް ގަލޮޅު ދަނޑުގައި ރައީސް ޑރ. މުއިއްޒު އާއި ފީފާގެ ރައީސް އިންފަންޓީނޯ ބައިވެރިވެވަޑައިގަންނަވާ ހާއްސަ މެޗު ކުރިއަށްދާނީ، 500 އަށް ވުރެން ގިނަ ކުދިން ހިމެނޭ ، އެކަޑަމީތަކުގެ ކުޑަކުދިން ބައިވެރިވާ ފެސްޓިވަލެއްގެ ތެރެއިންނެވެ.
މިއީ އިންފަންޓީނޯ ފީފާގެ ރައީސްގެ މަގާމު އަދާކުރައްވާ ތިން ވަނަ ދައުރެވެ. ފީފާގެ ރައީސްގެ މަގާމަށް ޔުއެފާގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ އިންފަންޓީނޯ، އެންމެ ފުރަތަމަ އިންތިހާބުވެވަޑައިގަތީ، ކޮރަޕްޝަނުގެ މައްސަލަތައް ބަލަން ފެށުމާ އެކު ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާ 2015 ވަނަ އަހަރު އިސްތިއުފާ ދެއްވުމުން ބޭއްވި އިންތިހާބު ކާމިޔާބު ކުރައްވައިގެންނެވެ.
ސްވިޒަލެންޑުގެ ޔުނިވާސިޓީއެއްގެ އެޑްމިނިސްޓްރޭޓިވް ރޯލަކުން ފާހަގަވެ، އެ ޔުނިވާސިޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުން މަސައްކަތް ފެށި އިންފަންޓީނޯ، ޔޫރަޕްގެ މައި ފުޓްބޯޅަ ޖަމިއްޔާ، ޔުއެފާއާ ގުޅުނީ 2000 ވަނަ އަހަރު އެވެ.
ޔުއެފާގެ ޑިރެކްޓާ އޮފް ލީގަލް އެފެއާޒްގެ މަގާމާއި ކްލަބް ލައިސަންސިން ޑިވިޝަންގައި މަސައްކަތް ކުރެއްވުމަށް ފަހު 2007 ވަނަ އަހަރު ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީގެ މަގާމު އިންފަންޓީނޯ އަށް ލިިބިވަޑައިގެންނެވި އެވެ.
މިހާރު އެފްްއޭއެމްގައި އޮތް، އެ އެސޯސިއޭޝަންގެ ރައީސް، އަހުމަދު ތޯރިގު (ޓޮމް)ގެ ޓީމަށް އިންފަންޓީނޯ ވަނީ ދާދި ފަހުން، ސޯޝަލް މީޑިއާ ޕޯސްޓެއް ކުރައްވައި، ތައުރީފް ކުރައްވައިފަ އެވެ. ތޯރިގު ވަނީ، އިންފަންޓީނޯ ރާއްޖެ ވަޑައިގަތުމަކީ، ދިވެހި ފުޓްބޯޅަ ކުރިއަރުވަން ކުރާ މަސައްކަތުގައި ލިބުނު ހިތްވަރެއް ކަމަށް ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ