ފީފާގެ ރައީސަށް ސަގާފީ މަރުހަބާއެއް

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މިއަދު ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އޭނާއަށް ސަގާފީ މަރުހަބާއެއް ކިޔައިފިއެވެ. އިންފަންޓީނޯ ރާއްޖެ ވަޑައިގަތީ ރަސްމީ ދަތުރުފުޅެއްގައެވެ. އެއާޕޯޓުގެ ވީއައިޕީ ޓާމިނަލުން އިންފަންޓީނޯ ނުކުމެވަޑައިގަތުމާ އެކު އޭނާއަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. އަދި، ސަގާފީ ބައެއް ހުށަހެޅުންތައް އޭނާއަށް ވަނީ ދައްކާލާފައެވެ. އޭނާގެ އިސްތިގުބާލުގައި ކުޅިވަރާ ގުޅުންހުރި އެކި ފަންތީގެ ބޭފުޅުން އެއާޕޯޓަށް ވަޑައިގެން ތިއްބެވިއެވެ. ދަތުރުފުޅުގެ ތެރެއިން އިންފަންޓީނޯއާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރައްވަން ހަމަޖެހިފައިވެއެވެ. އެ ބައްދަލުކުރެއްވުމުގައި ފުޓުބޯޅައިގެ ކުރިއެރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވަން ވަނީ ހަމަޖެހިފައެވެ. https://x.com/sunbrk/status/1981605509997249014 އެއަށް ފަހު، އިންފަންޓީނޯގެ ޝަރަފުގައި ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅެން ހަމަޖެހިފައިވަނީ މިއަދު ހަވީރު 4:00 އިން 6:00 އަށެވެ. މިއީ މިދިޔަ 19 އަހަރު ދުވަހުގެ ތެރޭގައި ފީފާގެ ރައީސަކު ދިވެހިރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. މީގެ ކުރީން 2006 ވަނަ އަހަރު އޭރުގެ ފީފާގެ ރައީސް، ސެޕް ބްލެޓާ ވަނީ ރާއްޖެއަށް ޒިޔާރަތްކުރައްވައިފައެވެ. އެއީ ސުނާމީގައި ގެއްލުން ލިބުނު ގައުމުތަކަށް ކުރެއްވި ދަތުރެއްގެ ތެރެއިން، އޭނާ ދެ ދުވަހަށް ރާއްޖެއަށް ކުރެއްވި ދަތުރެކެވެ. އެ ފަހަރު ބްލެޓާ ވަނީ އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއާ ވަނީ ބައްދަލުކުރައްވައިފައެވެ. ދާދި ފަހުން އެފްއޭއެމްގެ ރައީސް އަހުމަދު ޠާރިޤު ވަނީ ފީފާގެ ދަޢުވަތަކަށް އެ އިދާރާގެ ހެޑްކުއާޓާޒްގައި އޮތް ބައްދަލުވުމަކަށް ވަޑައިގެން އިންފަންޓީނޯއާ ބައްދަލުކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ