އަނބިމީހާއަށް އޭނާގެ ޢާއިލާއަށް ޒިޔާރަތްކުރަން ބައެއް ފިރިން ހުރަސްއަޅާކަމުގެ ޝަކުވާތައް ލިބޭތީ ބުނަމެވެ. ރަޙިމުގެ ގުޅުން ކެނޑޭނެ ކަމަކަށް ކުރާ އަމުރު ވާނީ ބާޠިލް އަމުރަކަށެވެ. ﷲ ތަޢާލާ އަންގަވާފައިވަނީ ރަޙިމުގެ ގުޅުން ދެމެހެއްޓުމަށެވެ. ވީމާ އެކަމަށް ކުރަންޖެހޭ ކަންކަން ކުރަން ހުރަސްއެޅުމެއް ނެތެވެ. ފިރިމީހާއަށްވެސް އަދި މައިންބަފައިންނަށްވެސް ކިޔަމަންތެރިވާން އޮތީ ﷲ ތަޢާލާއަށް އުރެދުމެއް ނުވާ ކަންކަމުގައެވެ.
އަނބިމީހާގެ މައިންބަފައިންނަކީ ތިބާއަށް ނުރުހޭ މީހަކުނަމަ އެފަދަ ބަހެއްވެސް ބުނެފާނެއެވެ. އެކަމަށް ވިސްނުމެއް އަދި ރުޅިއައުމެއްވެސް ނެތެވެ. އަނބިމީހާއަކަށް އެމީހުންގެ އަނގައަކު ނުހިފެހެއްޓޭނެއެވެ. އެމީހުން ކޮންމެ ގޮތަކަށް ބުނިނަމަވެސް އަނބިމީހާ ތިބާއަށް ކިޔަމަންތެރިނަމަ އަނބިމީހާ އެހުރީ ޙައްޤު ގޮތުގައެވެ. ބުއްދިވެރި ފިރިންނަކީ ތިމާއަށް ނުރުހޭ މައިދައިތައިންނަށާއި ބަފައިބެއިންނަށް ހެޔޮކޮށް ހިތައި އެމީހުން ތިމާގެ ފަރާތަށް ލަންބުވާލަން އެނގޭ މީހުންނެވެ. އެއިރުން އެއޮތީ އެމައްސަލަވެސް ޙައްލުކުރެވިފައެވެ.
މިގެނެސްދެނީ އެމައްސަލައިގައި ޑރ. ޢަބްދުއްﷲ ޙާކިމް ކްއިކް ދެއްވާފައިވާ ދަރުސެއްގެ ޚުލާޞާއެކެވެ.
އިސްލާމް ދީނުގައި އަނބިންނަށްވެސް އަދި ފިރިންނަށްވެސް އިންތަކެއް ވެއެވެ. ކައިވެނި ކުރެވޭ ވަގުތުން ފެށިގެން ދެމަފިރިންނަށް ހުއްދަވެގެންވާ އިންތަކާއި ހުއްދަ ނުކުރެވޭނެ ކަންކަން އިސްލާމް ދީނުގައި ވަނީ ބަޔާންވެގެންނެވެ. ވީމާ އެއިގެ ބޭރުންކިތަންމެ ކުޑަ ކަމެއް ނަމަވެސް ކޮށްގެން ނުވާނެއެވެ.
އަމިއްލައަށް އިންތައް ހަދައި އެކަކު އަނެކަކަށް ފިއްތުންތައް ކުރިމަތިކޮށްގެން ނުވާނެއެވެ. ފިރިމީހާވެސް އަދި އަނބިމީހާވެސް އޭނާއަށް ލިބިދޭ އިންތަކުން އެންމެ މިލިމީޓަރެއްވެސް ބޭރަށް ނުކުމެގެން ނުވާނެއެވެ.
މިހާރަކަށް އައިސް އިސްލާމް ދީނަށް އަމަލުކުރުމުގެ ނަމުގައި އަނބިންނަށް ފިއްތުންތައް ކުރިމަތިކުރުވައެވެ. ގޮތަކަށް އަނބިން ތަޅުލައެވެ. އެފަދަ ވިސްނުމުގެ މީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ އެމީހުންގެ ދީންވެރިކަން ކުރިއަރާނީ އަނބިންނަށް ފިއްތުންތައް ކުރިމަތިކުރުވި ވަރަކަށް ކަމަށެވެ. ނަމަވެސް އަނބިން އަޅުވެތިކުރި ވަރަކަށް ތިމާގެ ދީންވެރިކަން އިތުރުވާނެ ކަމަށް ޤަބޫލުކުރުމަކީ މުސްލިމުންގެ ސިފައެއް ނޫނެވެ. އެއީ އިސްލާމް ދީން ބާވައިލެއްވެވުމުގެ ކުރިން ޖާހިލުން އަމަލުކުރި ސިޔާސަތެކެވެ.
އިސްލާމް ދީނުގެ އެންމެ ފުރިހަމަ ކަމަކީ މިބާވަތުގެ ކަންކަމުގައި ދެބަސްވާން ނުޖުހޭނެ ގޮތަށް ހުރިހާ ކަންކަން ބަޔާންވެގެންވާ ކަމެވެ. މައްސަލަ މިއުފެދެނީ އިސްލާމް ދީނުގައި ކަންކަން ބަޔާންވެގެންވާ ގޮތަށް ނުބަލައި އަމިއްލަ ޙުކުމްތަކާއި އިންތައް ނެރޭތީއެވެ.
ވަރަށް ކުޑަކުޑަ މިސާލެއް ބުނެފާނަމެވެ. އަނބިމީހާ އޭނާގެ ޢާއިލާގެ ގާތަށް ޒިޔާރަތްކުރަން ބޭނުންވާ ކޮންމެ ފަހަރަކު ފިރިމީހާގެ ޚާއްޞަ ހުއްދައެއް ނަގަންޖެހޭނެ ގޮތަށް އަމުރުތައް އެބަކުރެއެވެ. އެފަދަ އަމުރުކުރުމުގެ ބަދަލުގައި ފުރަތަމަވެސް ކުރަން އޮތް ކަމަކީ އަނބިމީހާގެ ޢާއިލާގެ ގާތަށް ގިނަގިނައިން އަނބިމީހާ ގޮވައިގެން ފިރިމީހާ ދިއުމެވެ. އެއީ ފިރިމީހާ ކުރަންޖެހޭނެ ކަމެކެވެ. ކައިވެނިކުރުމަށްފަހު ދެފަރާތުގެ ޢާއިލާއަކީވެސް ހަމަ ތިމާގެވެސް ޢާއިލާއެވެ.
އަދި ކީއްހެއްޔެވެ؟ އެއީ ޘަވާބު ދެއްވަވާ އަޅުކަމެއްވެސްމެއެވެ. ހިތާމައާއިއެކު ބުނަން ޖެހެނީ ކަން އޮތީ މިފަދައިންނަމަވެސް އެކަންކުރުމުގައި ގިނަ ފިރިންވަނީ ވަރަށް ބޮޑަށް އިހްމާލްވެފައެވެ. އިހްމާލްވެގެންތިބެމެ އަނބިމީހާއަށް އޭނާގެ ޢާއިލާއަށް ޒިޔާރަތްކުރަން އެބަ ހުރަސްތައް ވެސް ކުރިމަތިކުރެއެވެ. މިއީ ކިހިނަކުން ހުއްދަވާނެ ކަމެއް ހެއްޔެވެ؟
-- ޑރ. ޢަބްދުއްﷲ ޙާކިމް ކްއިކްގެ ދަރުސަކުން
އަނބިންނަށް އެމީހުންގެ ޢާއިލާއަށް ޒިޔާރަތްކުރުން މަނާކުރަންވީއެއް ނޫނެވެ! ތިބާ އަނބިމީހާ އާއިއެކު ގިނަގިނައިން ޢާއިލާގެ ގޭގެއަށް ދިއުމަކީވެސް ޘަވާބުދެއްވަވާނެ ކަމެކެވެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ