މިތަނުގައި އަހުރެން ފާހަގަކުރަން ބޭނުންވާ ކަމެއް އެބައޮތެވެ. ފިރިހެނުން ފަދައިން މިހާރުގެ ގިނަ މައިންވެސް ތިބެނީ ކިޔަވައިގެންނެވެ. ނަމަވެސް ޙާޞިލްކުރި ޢިލްމުގެ ތެރޭގައި ޤުރްޢާނާއި އިސްލާމް ނުހިމެނޭނަމަ ދަރިންނަށް ޤުރްއާން އުނގަންނައިދިނުމަށާއި އިސްލާމީ ތަރުބިއްޔަތުގެ މަތީގައި ދަރިން ތަރުބިއްޔަތުކުރަން އުނދަގޫތަކެއް ހުންނާނެއެވެ. ވީމާ އޮތީ އެޢިލްމް އަނބިމީހާގެ ކިބައިގައި ނެތްނަމަ އުނގަންނައިދިނުމެވެ.
ގިނަ ފިރިން އެމީހުންގެ އަނބިން ކިޔަވަން ހުރަހެއް ނުއަޅައެވެ. ނަމަވެސް ވަޤުތު ހޯދައިއިނުދެނީއެވެ. އެހީތެރިނުވަނީއެވެ. މިއީވެސް އިޞްލާޙްކުރަންޖެހިފައިވާ ކަމެކެވެ. ބައެއް އަންހެނުންނަކީ ކުޑައިރު ޢިލްމް އުނގެނުމުގެ ފުރުޞަތު ނުލިބި ތިބޭ ބައެކެވެ. އެފަދަ އަންހެނުން ކައިވެނިކުރުމަށްފަހު ކިޔަވަން ބޭނުންވެއެވެ. އަންތބަކު ކިޔަވަން ބޭނުންވެއްޖެނަމަ އެކަމަށް މަގުފަހިކޮށްދީ އެހީތެރިވާންވާނެއެވެ.
އަދި މިހައި ހޭލުންތެރި ޒަމާނެއްގައިވެސް އަންހެންދަރިންނަށް މަތީތައްލީމް ޙާޞިލްކުރަން ބައެއް ބެލެނިވެރިން އެބަ ހުރަސްތައް ކުރިމަތިކުރުވައެވެ.
އިސްލާމް ދީން އެންމެ ބޮޑަށް ބާރުއަޅާއެއްކަކީ އުނގެނުމެވެ. ތިމާވެސް އުނގެނުމަށެވެ. އަނބިދަރިންނަށް އުނގަންނައި ދިނުމަށެވެ. ނަމަވެސް ހިތާމައަކީ އަދިވެސް އަންހެން ކުދިންނަށް ކިޔަވައި ދިނުމަށް، ޚާއްޞަކޮށް މަތީ ތައުލީމަށް ކިޔެވުމަށް ހުރަސްއެޅޭކަމެވެ. އަދިވެސް ގިނަ ބައަކަށް ޤަބޫލުކުރެވެނީ މަތީ ތައުލީމް އުނގަންނައިދޭން ޖެހޭނީ ހަމައެކަނި ފިރިހެން ދަރިންނަށް ކަމަށް ޤަބޫލުކުރެވޭ ކަމެވެ.
އެއީ ވަރަށް ބޮޑު ކުށްހީއެކެވެ. އަންހެން ދަރިއަކަށް ކިޔަވައިދީފިނަމަ ކިޔަވައި އެދެވެނީ ހަމައެކަނި އޭނާއަކަށް ނޫނެވެ. އޭނާއަށް ﷲ ތަޢާލާ ދެއްވަވާނެ ދަރިންނަށާއިވެސް އެކުގައެވެ. ނަމަވެސް ފިރިހެން ދަރިއަކަށް ކިޔަވައިދީފިނަމަ ކިޔަވައި އެދެވެނީ ހަމައެކަނި އެދަރިފުޅަށެވެ.
ބައެއް މީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ އަންހެން ދަރިންނަށް ކިޔަވައިދީފިނަމަ އޭނާ ވަޒީފާ އަދާކުރަން އޮފީހަކަށް ދާނެ ކަމަށެވެ. އެކަމުގެ ސަބަބުން އޭނާގެ ދިރިއުޅުމަށް ގެއްލުންތަކެއް ލިބޭނެ ކަމަށެވެ. އަންހެން ދަރިންނަށް ތައުލީމް ޙާޞިލުކޮށްދޭންވީ ކޮންހެން ފުއްޖައްސައި ސެންޓުލައްވާފައި އޮފީހަކަށް ފޮނުވާކަށް ނޫނެވެ. އޮފީހަށް ދިއުމާއި ނުދިއުމަކީ އެމީހެއްގެ އިޚްތިޔާރީ ކަމެކެވެ.
އަންހެން ދަރިންނަށް ތައުލީމް ހާޞިލުކޮށްދޭންވީ އެންމެ ބޮޑު ސަބަބަކީ ހަރުދަނާ އިސްލާމީ މުޖުތަމަޢައެއް ބިނާ ކުރުމެވެ. މުސްތަޤްބަލުގެ ޖީލް ބިނާކުރާނެ ބައަކީ މިއަދުގެ މައިންނެވެ. ވީމާ މައިންގެ ކިބައިގައި ޢިލްމުނެތި، ހޭލުންތެރިކަން ނެތި ހަރުދަނާ ޖީލެއް ބިނާކުރަން ކުރާ ހުރިހާ މަސައްކަތްތަކެއްވެސް ދާނީ ފޭލްވަމުންނެވެ.
ދަރިން އިލްމުވެރިކުރުވުމަކީ ރަސޫލް (ﷺ)ގެ އަމުރުފުޅެކެވެ. އެ އަމުރުފުޅުގައި މަތީ ތައުލިމުގެ މަރުހަލާ އިސްތިސްނާ ކުރައްވާފައެއް ނުވެއެވެ. އެއީ އެކަނބަލުން ޢިލްމުވެރިވުމުން މުޖުތަމައުއަށް ކުރާނެ ބޮޑު ފައިދާއަށްޓަކައެވެ.
-- ޑރ. ޢަބްދުއްﷲ ޙާކިމް ކްއިކްގެ ދަރުސަކުން
މައިންނަށް އުނގަންނައިދީގެން ނަމަވެސް ޢިލްމްވެރިކުރުވުމަކީ ދަރިންނަށްޓަކައިވެސް ކުރަންޖެހޭ ކަމެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ