ހުކުރުޚުޠުބާ: މާތް الله ގެ ވަލިއްޔުންގެ މޫނުތައް ޤިޔާމަތް ދުވަހު ވާނީ ނޫރުން އުޖާލާވެފަ! އެމީހުން ވާހުށީ ނޫރުންވާ މިންބަރުތަކުގަ! މީސްތަކުން ޤިޔާމަތްދުވަހުން ބިރުގަންނަހިނދު އެބައިމީހުން ބިރެއްނުގަންނާނެ!

މާތް الله ގެ ވަލިއްޔުންނަކީ ކޮންބައެއްކަން ދަންނާން ޖެހެއެވެ. އިންސާނާއަށް، އެކަލާނގެ ވަލިއްޔުންގެ ދަރަޖައަށް ވާސިލުވެވޭނީ ކިހިނަކުންކަން ދަންނާން ޖެހެއެވެ. އެކަލާނގެ ވަލިއްޔުންނަށް ދެއްވަވާ ދަރަޖައާއި ޖަޒާއަކީ ކޮބައިކަން ދެނެގަންނާން ޖެހެއެވެ. މި ސުވާލުތަކުގެ ޖަވާބު މާތް اللهގެ ކަލާމްފުޅުގައި އެކަލާނގެ އަންގަވައިފައި ވެއެވެ. މާތް الله ވަޙީކުރައްވައިފައި ވެއެވެ. ----މާނައީ: "ދަންނާށެވެ! ހަމަކަށަވަރުން، اللَّهގެ ވަލިއްޔުންގެ މައްޗަކަށް އެއްވެސް ބިރެއްނެތެވެ. އަދި އެއުރެންނީ ހިތާމަކުރާނޭ ބަޔަކު ކަމުގައިވެސް ނުމެވޭމެއެވެ. އެއުރެންނަކީ إِيْـمَانވެ، تقوىވެރިވެއުޅުނު މީހުންނެވެ. ދުނިޔޭގެ حَيَاةُގައްޔާއި، آخِرَةُގައި އެއުރެންނަށް އުފާވެރިކަމުގެ خَبَرُ ހުށްޓެވެ. اللَّهގެ كَلِمَةފުޅުތަކަށް ބަދަލުވުމެއް ނާންނަހުށްޓެވެ. ބޮޑުވެގެންވާ نَصِيْبُލިބުމަކީ ހަމަ އެއީއެވެ." اِبْنُ كَثِيْر -رَحِمَهُ اللهُ- ވިދާޅުވެފައިވެއެވެ. "މާތް الله މި އާޔަތުގައި އެކަލާނގެ ވަލިއްޔުންނަކީ، އީމާންވެ ތަޤުވާވެރިވީ މީހުންކަމަށް އަންގަވައިފައި ވެއެވެ. ފަހެ ތަޤުވާވެރިވާ ކޮންމެ މީހަކީ، މާތް اللهގެ ވަލިއްޔެކެވެ. ޤިޔާމަތްދުވަހުގެ ބިރުވެރިކަމާ ބައްދަލުކުރާ އިރު، އެބައިމީހުންގެ މައްޗަށް އެއްވެސް ބިރުވެރިކަމެއް ނެތެވެ. އަދި ދުނިޔެމަތީގައި އެބައިމީހުން ދޫކުޅަ ކަންތަކަށް ހިތާމައެއްވެސް ނުކުރާނެއެވެ."([1])  
މާތް اللهގެ ވަލިއްޔަކަށް ވެވޭނީ، މައިގަނޑު ދެ ޝަރުތެއް ފުރިހަމަވެގެންނެވެ. ފުރަތަމަ ޝަރުޠަކީ، މާތް اللهއަށް ފުރިހަމަޔަށް އީމާންވުމާއެކު އެކަލާނގެއާ އެއްވެސް އެއްޗެއް ޝަރީކުނުކުރުމެވެ. ދެވަނަ ޝަރުޠަކީ، އެކަލާނގެއަށް ތަޤްވާވެރިވުމެވެ. އެއީ، މާތް الله އެންގެވި އެންމެހައި އަމުރުފުޅުތަކަށް ކިޔަމަންގަނެ، އެކަލާނގެ ނަހީކުރެއްވި އެންމެހައި ކަންކަމުން ދުރުހެލިވުމެވެ. اللهُ سُبْحَانَهُ وَتَعَالَى ރުހިވޮޑިނުގަންނަވާ އަދި ނަހީކުރައްވައިފައިވާ ކަންތައްތަކާ ދުރުހެލިވުމަކީ، އެކަލާނގެއާ ކުއްތަންވުމުގެގޮތުން އިންސާނާއަށް ކުރެވޭނޭ އެންމެ މަތިވެރި އެއް ޢަމަލެވެ. اَلْإِمَامُ الْحَسَنُ الْبَصْرِي -رَحِمَهُ اللهُ- ވިދާޅުވެފައިވެއެވެ. "މާތް الله ނަހީކުރައްވައިފައިވާ ކަންތައް ނުކޮށް ދޫކޮށްލުމަށްވުރެ ރަނގަޅު ކަމެއް، އެކަލާނގެއަށް ޓަކައި އަޅުތަކުން ނުކުރެއެވެ."([2]) 
މާތް اللهގެ ވަލިއްޔުންގެ ދަރަޖައަކީ، ވަރަށް މަތިވެރި ދަރަޖައެކެވެ. އެއީ ނަބިއްޔުންނާއި ޝަހީދުން ވެސް އެ ދަރަޖައަކަށް ނުހަނު ބޮޑަށް ޝައުޤުވެރިވެވަޑައިގަންނަވާ، އެ ބޭކަލުންނަށް ވެސް ލިބުމަށް އެދިވަޑައިގަންނަވާ ދަރަޖައެކެވެ. މާތް اللهގެ ވަލިއްޔުންނާ ބެހޭގޮތުން ނަބިއްޔާ z ޙަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ހަމަކަށަވަރުން، މާތް اللهގެ އަޅުތަކުންގެ ތެރެއިން ބަޔަކު ވެއެވެ. އެއީ ނަބީބޭކަލުންނެއް ނޫނެވެ. އަދި ޝަހީދުންނެއްވެސް ނޫނެވެ. ޤިޔާމަތްދުވަހު، މާތް اللهގެ ޙަޟްރަތުގައި ވަލިއްޔުންގެ ދަރަޖަ ނަބީބޭކަލުންނާއި ޝަހީދުންނަށް ފެނިވަޑައިގަތުމުން، އެ ބޭކަލުން އެ ދަރަޖައަށް ދަހިވެތިވެވަޑައިގަންނަވާނެއެވެ." އަޞްޙާބުބޭކަލުން ދެންނެވިއެވެ. اللهގެ ރަސޫލާއެވެ! އެބައިމީހުންނަކީ ކޮންބައެއްކަން އަހަރެމެންނަށް އަންގަވައިދެއްވާށެވެ!  އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "އެބައިމީހުންނަކީ، އެކަކު އަނެކަކާ ދެމެދު އެއްވެސް ގާތްތިމާގެ ގުޅުމެއް ނެތި، އެކަކު އަނެކަކަށް މުދަލެއް ދިނުމަކާ ނުލައި، އެކަކު އަނެކަކު ދެކެ މާތް اللهއަށް ޓަކައި ލޯބިވީ މީހުންނެވެ. މާތް الله ގަންދީ ޙަދީޘްކުރައްވަމެވެ. އެބައިމީހުންގެ މޫނުތަކަކީ ނޫރުން އުޖާލާވެފައިވާ މޫނުތަކެކެވެ. އަދި އެބައިމީހުން ވާހުށީ ނޫރުންވާ މިންބަރުތަކުގައެވެ. މީސްތަކުން ޤިޔާމަތްދުވަހުން ބިރުގަންނަހިނދު އެބައިމީހުން ބިރެއްނުގަންނާނެއެވެ. އަދި މީސްތަކުން ހިތާމަކުރާ ހިނދު އެބައިމީހުން ހިތާމައެއްނުކުރާނެއެވެ."([3]) އެއަށް ފަހު މި އާޔަތް ކިޔަވައިވިދާޅުވި އާޔަތުގެ މާނައީ މާނައީ: "ދަންނާށެވެ! ހަމަކަށަވަރުން، اللهގެ ވަލިއްޔުންގެ މައްޗަކަށް އެއްވެސް ބިރެއްނެތެވެ. އަދި އެއުރެންނީ ހިތާމަކުރާނޭ ބަޔަކު ކަމުގައިވެސް ނުމެވޭމެއެވެ." 
ކިތަންމެ މާތް އިންސާނެއްކަމުގައިވިޔަސް، ކިތަންމެ ތަޤްވާވެރި އަޅަކުކަމުގައިވިޔަސް، އެ މީހަކު މި ދުނިޔެ ދޫކުރުމަށް ފަހު ދެން އަހަރެމެންނަށް އެހީތެރިވުމުގެ ގޮތުން އެއިން ބޭކަލަކަށް ކޮށްދެއްވޭނޭ އެއްވެސްކަމެއް ނޯންނާނެއެވެ. އިސްލާމީ އުންމަތުގެ ބައެއް ޤައުމުތަކުގައި ކޮށްއުޅޭ އެންމެ ނުރައްކާތެރި އެއް ކަމަކީ، ޞާލިޙު އަޅުންނާއި، ވަލީވެރީންކަމުގައި ދެކޭ ބައެއް މީހުންގެ ޤަބުރު ވަށައިގެން ރާނައި، އެ ތަނަށް ދޮންވެލިލައި، ވޮށް ދިއްލައި، ޒީނަތްތެރިކޮށް، އެ ތަންތަނަށް ނަދުރު ބުނެ،ޒިޔާރަތްކުރުން ފަދަ ކަންކަންކޮށް އުޅުމެވެ. އަދި އެއަށް ވުރެ ނުރައްކާތެރި ކަމަކީ، އެ ޒިޔާރަތްތަކުގައި ފަސްދާނުލެވިފައިވާ މީސްމީހުންގެ ކިބައިން ކަންކަމަށް އެދި ދެންނެވުމެވެ. އެއީ ކަނޑައެޅިގެންހުރި ޝިރުކުގެ ޢަމަލެކެވެ. މިވެނިކަމެއް ވެއްޖެއްޔާ އެވެނި ޒިޔާރަތަކަށް ދިދަ ހަދިޔާކުރާން ނަދުރުބުނުމާއި، ބައެއް ޒިޔާރަތްތައް ހުންނަ ރަށްރަށުގައި ކުޑަކުދީން ދޮންކެއު ނުވަތަ ކަންޖާއަޅައި ކިރުމާއި، އެ ތަކެތި ޒިޔާރަތުގެ ނަމުގައި ހަދިޔާކުރުމާއި، އެ ތަންތަން ބަލަހައްޓާ ފަރާތްތަކުން، އެތަންތަނަށް އަންނަ މީހުންގެ އަތުން އެކިއެކި ނަންނަމުގައި ފައިސާއާއި ތަކެތި ނަގައިއުޅުމަކީ މި ރާއްޖޭގައި ވެސް ކޮށްއުޅުނު ޝިރުކުގެ ޢަމަލުތަކެވެ. މިއީ ތައުޙީދުގެ އަހުލުވެރީން ކޮށްގެންވާނޭ ކަންކަމެއްނޫނެވެ. މި ފަދަ ޢަމަލުތަކަކީ، މާތް الله ފިއަވައި، ބުދަށް އަޅުކަންކުރާ މީހުން ކުރާ ޢަމަލުތަކާ އެއްގޮތް ޢަމަލުތަކެކެވެ. މިއީ ތައުބާނުވެ މަރުވެއްޖެނަމަ ނުފުއްސަވާނޭ ފާފައެކެވެ. މިފަދަ ޝިރުކުގެ ޢަމަލުތަކާ ދުރުހެލިވުމަށް ތިޔަބައިމީހުންނަށް ގޮވައިލަމެވެ.  
މާތް الله، އެކަލާނގެ ވަލިއްޔުންނާ ބެހޭގޮތުން، ވަރަށް ތަފުސީލުކޮށް، ޤުދުސީ ޙަދީޘެއްގައި ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ތިމަންރަސްކަލާނގެ ވަލީއަކާ ޢަދާވާތްތެރިވެއްޖެ މީހާ ދަންނާށެވެ! ފަހެ، ތިމަންރަސްކަލާނގެ އޭނާއާ ދެކޮޅަށް ހަނގުރާމަ އިއުލާނުކުރައްވައިފީމެވެ! އަދި ތިމަންރަސްކަލާނގެ އަޅާގެ މައްޗަށް ތިމަންރަސްކަލާނގެ ފަރުޟުކުރެއްވި ކަންތައްތައް އަދާކުރުމަށްވުރެ، ތިމަންރަސްކަލާނގެ ޙަޟުރަތުގައި ލޮބުވެތިކަންބޮޑު ޢަމަލަކުން އެ އަޅާ ތިމަން ރަސްކަލާނގެއާ ކުއްތަންވާކަމުގައި ނުވެއެވެ. އަދި ތިމަންރަސްކަލާނގެ އެ އަޅާ ދެކެ ލޯބިވެވޮޑިގެންފުމަށް ދާންދެން، އެ އަޅާ ސުންނަތް އަޅުކަންތައް ކޮށް، ތިމަންރަސްކަލާނގެއާ ކުއްތަންވުން މަތީ ދެމިހުރެއެވެ. އަދި އެ އަޅާ ދެކެ ތިމަންރަސްކަލާނގެ ލޯބިވެވޮޑިގެންފި ނަމަ، އެ އަޅާ އަޑުއަހައި އުޅޭ އިވުންކަމުގައި، އަދި ބަލައި އުޅޭ ބެލުންކަމުގައި، އަދި ހިފައި އުޅޭ އަތްކަމުގައި، އަދި ހިނގައި އުޅޭ ފައިކަމުގައި ތިމަންރަސްކަލާނގެ ވެވޮޑިގަންނަވާހުށީމެވެ. (އެބަހީ: الله، އެ އަޅާގެ އަމަލުތައް އިޞްލާހުކޮށްދެއްވައި، ސީދާކުރައްވާނެތެވެ. އަދި އެ ގުނަވަންތަކުން އޭނާ ކޮށްއުޅޭނީ މުޅިން ވެސް الله ރުހިވޮޑިގަންނަވާ އަމަލުތަކެވެ.) އަދި ތިމަންރަސްކަލާނގެ ޙަޟުރަތުން އެ އަޅާ ކަމަކަށް އެދި ދަންނަވައިފި ނަމަ، ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެކަމެއް އެއަޅާއަށް ދެއްވާހުށިކަން ކަށަވަރެވެ. އަދި ތިމަންރަސްކަލާނގެ ޙަޟުރަތުން އެ އަޅާ ރައްކާތެރިކޮށްދެއްވުމަށް އެދި ދަންނަވައިފި ނަމަ، ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެ އަޅާއަށް ރައްކާތެރިކަން ދެއްވާހުށިކަން ކަށަވަރެވެ."([4]) 
އިސްވެދިޔަ ޙަދީޘުން ސާފުކޮށް ބަޔާންވި ގޮތުގައި، މީހަކު ފަރުޟު އަޅުކަމުގެ އިތުރަށް، ސުންނަތް އަޅުކަންތަކުން މާތް اللهއާ ކުއްތަންވެ، އެ މީހެއްގެ ގުނަވަންތައް މާތް اللهގެ އަމުރުފުޅުތަކާ އެއްގޮތަށް ކިޔަމަންކޮށް، ޙަރާމްކުރެއްވި ކަންތަކުން އެއްކިބާކޮށް، އެކަލާނގެ ލޯބިވެވޮޑިގަންނަވާ ގޮތަށް އުޅުމުން، މާތް الله އެ މީހަކަށް ވާގިވެރިވެވޮޑިގަންނަވާނެއެވެ. އެމީހެއްގެ ޙާޖަތްތައް ފުއްދަވައި، ޢަދާވަތްތެރީންގެކިބައިން ރައްކާތެރިކޮށްދެއްވާނެތެވެ. މިއީ ކޮންފަދަ މާތް މަތިވެރި ދަރަޖައެއްހެއްޔެވެ؟ ދުނިޔޭގައި އަމާންކަމާއި ކާމިޔާބީ ލިބުމުގެ އިތުރަށް، އާޚިރަތުގައިވެސް އަމާންކަން ލިބި، ސުވަރުގެއިން މަތީ މަޤާމުލިބޭނެތެވެ. މިއީ އަހަރެމެންގެތެރެއިން ކޮންމެ މީހަކު ވެސް ހާސިލުކުރުމަށް މަސައްކަތް ކުރަންޖެހޭ ދަރަޖައެކެވެ.  
ހިތާމައަކީ، މާތް الله މިހައި މަތީ ދަރަޖަ ދެއްވައިފައިވާ ވަލިއްޔުންނަށް އިޙްތިރާމުކުރުމުގެ ނަމުގައި، ޝިރުކާއި ބިދުޢަތައް މުސްލިމް އުންމަތުގެތެރޭގައި ފެތުރިފައިވުމެވެ. މީގެ އެންމެ މަޝްހޫރު އެއް މިސާލަކީ عَبْدُ الْقَادِر الْـجِيْلَانِي -رَحِمَهُ اللهُ- އާ ބެހޭގޮތުން ދެކެވޭ ވާހަކަތަކެވެ. މި ޞާލިޙު ޢިލްމުވެރިޔާއާ ބެހޭ ގޮތުން ހަދަހަދައިގެން އެކިއެކި ވާހަކަތައް ދައްކައެވެ. އަދި އެ ކަލޭގެފާނުގެ ފުށުން ނުފެންނަ އެތައް ކަމެއް އެ ކަލޭގެފާނަށް ނިސްބަތްކޮށް، ކަރާމާތުގެ ނަމުގައި ފަތުރައިއުޅެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ