ބަހުރޭނުގެ މަނަމާގައި މިހާރު ކުރިއަށްދާ ތިން ވަނަ އޭޝިއަން ޔޫތު ގޭމްސްގައި ރާއްޖޭގެ ޒުވާން އެތުލީޓުން ދައްކަމުން އަންނަ ކުޅުމުގެ ސަބަބުން ރާއްޖޭގެ ކުޅިވަރުގެ މުސްތަގުބަލާ މެދު ކުރެވޭ އުންމީދު ބޮޑުވާ ކަމަށް ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) ވިދާޅުވެއްޖެ އެވެ.
އޭޝިއަން ޔޫތު ގޭމްސްގައި މި ފަހަރު ރާއްޖޭން ވާދަކުރަނީ، ބީޗްވޮލީ، ހޭންޑްބޯލް، އެތުލެޓިކްސް، ބާސްކެޓްބޯޅަ 3x3، ބެޑްމިންޓަން، ސްވިމިން އަދި ޓޭބަލް ޓެނިސްގަ އެވެ.
އޮލިމްޕިކް ކޮމިޓީގެ މީޑިއާ ޓީމަށް ދިން އިންޓަވިއުއެއްގައި، ރާފިއު ވިދާޅުވީ، ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ކޮންޓިންޖެންޓުގައި 90 އަށް ވުރެން ގިނަ މެމްބަރުންތެރޭގައި، 50 ކުޅުންތެރިން ހިމެނޭއިރު، ކުޅިވަރުތަކުގައި ވާދަކޮށް އެ އެތުލީޓުން ހިތްވަރު ދައްކަމުން އަންނަ ކަމަށެވެ.
ރާފިއު ވިދާޅުވީ، އޭޝިއަން ޔޫތު ގޭމްސް ނަތީޖާތަކާއި މެޗުތަކުގައި ކުޅުންތެރިން ދައްކާ ކުޅުމުގެ ސަބަބުން ރާއްޖޭގެ ކުޅިވަރުގެ މުސްތަގުބަލު އުޖާލާކޮށް ފެންނަ ކަމަށެވެ.
ހާއްސަކޮށް، އިއްޔެ އާއި ކުރީދުވަހާ އެއްކޮށް ކުޅެވިގެންދިޔަ، ބީޗްވޮލީގައި ވެސް އަޅުގަނޑުމެން ވަރަށް ހާއްސަ ކާމިޔާބީތަކެއް ހާއްސަކޮށް، އަންހެން ޓީމު ހޯދިތަން އަޅުގަނޑުމެންނަށް ފެނިގެންދިޔައީ، ފިރިހެން ޓީމުން ވެސް ސެޓުތަކެއް ނަގާފައި މި ހުރީ، އަޅުގަނޑު ދެކޭގޮތުގައި އެހެން ކުޅިވަރުތަކުން ވެސް ކުރިއަށްވުރެން ރަނގަޅަށް، އަޅުގަނޑުމެންގެ އެތުލީޓުން ޕާފޯމްކުރާނެ ކަމަށް އުންމީދުކުރެވޭ،" ރާފިއު ވިދާޅުވި އެވެ.
މިއީ، ރާއްޖޭގެ އެތުލީޓުންނަށް ކުޅިވަރުގެ ދުރު މުސްތަގުބަލަށް ބަލާއިރު، ލިބޭ ވަރަށް ބޮޑު ފުރުސަތުތަކެއްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. ރާއްޖޭގެ ކުޅިވަރުގެ ތެރެއިން، ޒުވާން ކުޅުންތެރިން ތަމްރީނުކޮށް ތަޖުރިބާ ހޯދައިދީ، އަވަސް މުސްތަގުބަލެއްގައި ނަތީޖާ ނެރުމުގެ މަސައްކަތްތައް ކުރަން އަށަގަންނުވަން ވެސް އޮތް ފުރުސަތެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވި އެވެ.
"ހަމައެކަނި އެކްސްޕީރިއަންސެއް ނޫން (ތަޖުރިބާއެއް ނޫން) މި ސްޓޭޖުގައި ވެސް ވިނިން ފޯމިއުލާ އަށް ދާނެ ގޮތް އެކުދިން ދަސްކޮށް، އެ އެޕްލައި ކުރަން ލިބޭ ވަރަށް ބޮޑު ފުރުސަތަކަށް ވެގެންދަނީ، އަޅުގަނޑު ދެކޭގޮތުގައި، މިއީ، ވަރަށް ރަނގަޅު ފުރުސަތެއް، އަޅުގަނޑުމެންގެ އެތުލީޓުންނަށް ކުރިއަށް ވުރެ ރަނގަޅު ކާމިޔާބީތަކަކާ އެކު، މި ގޭމްސް ނިންމާލައިގެން ރާއްޖެ އަށް ދެވޭނެ ކަމަށް އުންމީދުކުރަން،" ރާފިއު ވިދާޅުވި އެވެ. "ކުރީގައި ވެއްޖިއްޔާ އަޅުގަނޑުމެން ދަންނަވަނީ ޔަންގް ޓީމެއް މި ދަނީ އެކްސްޕީރިއަންސް ކޮށްލާށޭ. ސީނިއާ ޓީމޭ މޮޅުވާން ދަނީ، އެހެނެއް ނޫން، މި ކުދިންގެ އަޒުމުގައި މި އޮތީ މޮޅުވާން. ވަރަށް ރަނގަޅަށް މެންޓަލީ ޕްރެޕެއާ ވެފައި ތިބި ކުޅުންތެރިންތަކެކޭ ދަންނަވާނީ،"
ރާފިއު ވިދާޅުވީ، ކުޅިވަރުން ކާމިޔާބީ ހާސިލްކުރުމުގައި ކުރަން ޖެހޭ ކަންކަމަށް ބާރު ލިބޭ ގިނަ ކަންތައްތަކެއް މި ފަަހަރުގެ އޭޝިއަން ޔޫތު ގޭމްސްގައި މިހާތަނަށް ވެސް ފެނިގެން ގޮސްފައިވާ ކަމަށެވެ. އަދި، މި ކަންކަމުގައި ކުޅުންތެރިން ކުރާ ހިތްވަރު ފާހަގަކޮށް، ރާއްޖޭގެ ކޮންމެ ރައްޔިތެއް ވެސް މި ކުޅުންތެރިންނާ ބައިވެރިވެ، ސަޕޯޓް ކުރުމަކީ އޭގެ ނަތީޖާ ކުރިއަށް އޮތްތަނުގައި ފެނިގެންދާނެ ކަމެއްގެ ގޮތުގައި ރާފިއު ފާހަގަކުރެއްވި އެެވެ.
ދުރު ވިސްނުމަށް ބަލާއިރު، ކުޅިވަރު ހިންގުމުގައި ހާސިލްކުރަން ބޭނުންވާ ކަމަކީ، ރާއްޖޭގެ އެތުލީޓުންނަކީ އޭޝިއާ ލެވަލްގެ މުބާރާތްތަކުގައި ވެސް ވަނަ ހޯދައިގެން ޕޯޑިއަމް ފިނިޝް އަކާ ހަމައަށް ދާނެ އެތުލީޓުންނަށް ހެދުމަށް ކަމަށް މިިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިސްރާބު ޖަހާގައި މި ހުރީ އެ ދިމާލަށް އެކަން ކުރަން ކުރަންޖެހޭ ކަންތައްތައް ކުރަމުން އެބަދަން ހުރިހާ ލެވަލެއްގައި ވެސް، އެއީ މިނިސްޓްރީ ވިޔަސް، އެހެން މުއައްސަސާތަކުން ވިޔަސް، އަދި އެސޯސިއޭޝަނުން ވެސް މި ތިބީ އެ ވިސްނުމުގައި، އެކަން މި ފެނިގެންދަނީ، އެތުލީޓުންގެ ފަހަތުގައި އޮތް ޓީމު ބަދަހިކަމާ އެކު ގުޅިގެން އެއް ގޯލެއް އެޗީވްކުރަން މަސައްކަތް ކުރާ މަންޒަރު މި ފެނިގެންދަނީ،" ރާފިއު ވިދާޅުވި އެވެ.
"ކުދިންނަށް ދޭންވާ އިނާއަތްތައް ދިނުމާއި އަދި އެ ކުދިންގެ އެހެނިހެން ޒަރޫރީ ބޭނުންތަކަށް އެކަން ފަސޭހައިން ކުރެވޭނެ ކަންކަން މަގުފަހިކޮށްދިނުން މިއީ އަޅުގަނޑުމެންގެ އަތުގައި މިހާރު އޮތް ކަަމަކީ، މި ބަލަނީ، މޮޅަށް ދިވެހި ކުޅުންތެރިއަކު ކުޅެންވީ ކީއްވެގެންކަން، އެ ސުވާލަށް ޖަވާބު ދެވޭތޯ އަޅުގަނޑުމެން މި މަސައްކަތް ކުރަނީ. ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެންމެ ގުޅިގެން އެ ސުވާލަށް ޖަވާބު ދެވޭ ދުވަސް އެއީ އެތުލީޓުން، އަޅުގަނޑުމެން، ހީވެސް ނުކުރާ ކާމިޔާބީ ހޯދައިގެން އެނބުރި ގައުމަށް ދާނެ ދުވަހެއް،"
ރާފިއު ވަނީ، މި ފަހަރު ގޭމްސްގައި ވާދަކުރާ ކޮންމެ ކުޅިވަރެއްގެ ވެސް ކުޅުންތެރިން، ޖޯޒީގައި ގައުމުގެ ދިދަ ޖަހައިގެން ނުކުމެ ތިބެ މެޗުތަކުގައި ވާދަކުރާއިރު، ފަހުރުވެރިކަމާ އެކު، ގައުމު ތަމްސީލުކޮށް، ކޮންމެ މެޗެއްގައި ވެސް 100 ޕަސެންޓް ދިނުމަށް އިލްތިމާސްކުރައްވައިފަ އެވެ.
އޭޝިއަން ޔޫތު ގޭމްސް އިން ރާއްޖޭގެ ކުޅިވަރަށް ލިބެނީ އުންމީދު: މިނިސްޓަރު އޭޝިއަން ޔޫތު ގޭމްސް އިން ރާއްޖޭގެ ކުޅިވަރަށް ލިބެނީ އުންމީދު: މިނިސްޓަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ