އެޕަލްގެ އެންމެ ތުނި 'އައިފޯން 17 އެއާ' މޮޑެލް ތައާރަފުކުރަނީ ސެމްސަންގް ގެލެކްސީ އެސް25 އެޖާއި ވާދަކުރުމަށް

އެޕަލްއިން މިރޭ ރާއްޖޭ ގަޑިން 10 ޖަހާއިރު ކުންފުނީގެ ކެލިފޯނިޔާގެ ކުޕާޓީނޯގައި ހުންނަ މައި އޮފީހުގައި ބާއްވާ ހަފްލާގައި އާ އައިފޯން 17 ސީރީޒް ތައާރަފުކުރާނެ އެވެ. މީގެ ތެރޭގައި އާ 'އައިފޯން 17 އެއާ' މޮޑެލްވެސް ހިމެނޭނެކަމަށް ކަމާބެހޭ މާހިރުން ލަފާކުރެއެވެ.
ބެލެވޭގޮތުގައި މިއީ އާ ތުނި އައިފޯން 17 އާއި އައިފޯން 17 ޕްރޯގެ މެދުގައި ވިއްކުމަށް ނިންމާފައިވާ މޮޑެލެކެވެ. މިއީ ސެމްސަންގްގެ ގެލެކްސީ އެސް25 އެޖާއި ސީދާ ވާދަކުރާނެ ފޯނެކެވެ. އަދި މިއީ 2026 ވަނަ އަހަރު އެޕަލްއިން ތައާރަފުކުރާނެކަމަށް ބެލެވޭ ލަނބައިލެވޭ އައިފޯނެއްގެ ކުރީގެ ފިޔަވަޅެއްކަމަށްވެސް މާހިރުން ފާހަގަކުރެ އެވެ.
ބްލޫމްބާގްގެ ރިޕޯޓަރު މާކް ގުރުމަންގެ ރިޕޯޓުގައި ބުނާގޮތުން، އައިފޯން 17 އެއާގެ ބޯމިނަކީ އެންމެ 5.5 މިލިމީޓަރެވެ. މިއީ މިހާރުގެ އާންމު އައިފޯނުގެ 7.8 މިލިމީޓަރުގެ ބޯމިނާއި ޕްރޯ މޮޑެލްގެ 8.3 މިލިމީޓަރުގެ ބޯމިނަށްވުރެ ވަރަށް ބޮޑުތަން ތުނި މޮޑެލެކެވެ.
ނަމަވެސް މި ތުނިކަމުގެ ސަބަބުން، ފޯނުގައި އެންމެ ކެމެރާއެއް ހަރުކުރެވޭނެކަމަށާއި ބެޓެރީވެސް ކުޑަވާނެކަމަށް ބެލެވެ އެވެ. މިފަދަ ލިމިޓޭޝަންތަކުގެ ސަބަބުން މިމޮޑެލް ވިއްކުމަށް ދަތިވެދާނެކަމަށް އެނަލިސްޓުން ފާހަގަކޮށްފައިވެ އެވެ. ސެމްސަންގްގެ ވަރަށް ތުނި ގެލެކްސީ އެސް25 އެޖް ފޯނުވެސް ގިނަ އަދަދަކަށް ވިކިފައިނުވާކަން ފާހަގަކުރެވެ އެވެ.
މީގެ އިތުރުން، އެޕަލްއިން އައިފޯން 17 ސްޓޭންޑަޑް މޮޑެލް، އައިފޯން 17 ޕްރޯ، އަދި އައިފޯން 17 ޕްރޯ މެކްސްވެސް ތައާރަފުކުރާނެކަމަށް ބެލެވެއެވެ. އައިފޯން 17 އެއާއަކީ ކުރިން ވިއްކަމުން އައި ޕްލަސް މޮޑެލްގެ ބަދަލުގައި ގެނެސްފައިވާ މޮޑެލެކެވެ.
އެޕަލްއިން މިއަހަރު ތައާރަފުކުރާ އައިފޯންތަކުގެ އަގުތައް 50 އާއި 100 ޑޮލަރު ބޮޑުވެދާނެކަމަށް ވޯލް ސްޓްރީޓް އެނަލިސްޓުން ލަފާކުރެ އެވެ. އެޕަލްއިން އަންދާޒާކުރާގޮތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޓެރިފްތަކުގެ ސަބަބުން މިހިނގާ މާލީ ކުއާޓަރުގައި ބިލިއަނެއްހާ ޑޮލަރު ކުންފުންޏަށް ޚަރަދުވާނެ އެވެ.
މީގެ އިތުރުން، އެޕަލްއިން އާ އެޕަލް ވޮޗް ސީރީޒް 11 އަދި އެޕަލް ވޮޗް އަލްޓްރާ 3 އާއި އެޕަލް އެއާޕޮޑްސް 3 ވެސް ތައާރަފުކުރާނެކަމަށް ބެލެވެ އެވެ. ނަމަވެސް އާ އައިފޯންތަކުގައި ސިރީ އެސިސްޓަންޓްއަށް މާބޮޑު އަޕްގްރޭޑެއް ނުލިބޭނެކަމަށް ބެލެވެ އެވެ. އެޕަލްއިން ސިރީގެ ބޮޑު އަޕްޑޭޓެއް ޖެހިގެން އަންނަ އަހަރަށް ފަސްކޮށްފައިވެ އެވެ.
އައިފޯން 17 އެއާ އަދި ސްޓޭންޑަޑް އައިފޯން 17 މޮޑެލްތަކުގައި އެޕަލްގެ އައު A19 ޕްރޮސެސާ ހިމެނޭނެ ކަމަށާއި، ޕްރޯ މޮޑެލްތަކުގައި ބާރުގަދަ A19 ޕްރޯ ޗިޕްސެޓް ހިމެނޭނެކަމަށް ރިޕޯޓުތަކުގައި ބުނެފައިވެ އެވެ. މިއީ ދެވަރުގެ ޕްރޮސެސަރެއް ބޭނުންކޮށްގެން އެޕަލްއިން ފޯނުތަކުގެ ފެންވަރު ތަފާތުކުރާ ކުންފުނީގެ އާދަކާދައެކެވެ.
އެޕަލް ފޭން ވެބްސައިޓް މެކްރޫމާސްއިން ބުނާގޮތުގައި، އެނަލިސްޓް ޖެފް ޕުގެ މައުލޫމާތަށް ބިނާކޮށް، އައިފޯން 17 ޕްރޯ މޮޑެލްތަކުގައި އަޕްގްރޭޑްކުރެވިފައިވާ ޓެލެފޮޓޯ ލެންސްތަކެއް ހިމެނޭނެ އެވެ. އަދި ކެމެރާ ބަމްޕްގެ ޑިޒައިންވެސް ބަދަލުކޮށް، މިހާރުގެ އައިފޯން 16 ޕްރޯއާ ތަފާތުކޮށްފައިވާނެ އެވެ. މީގެ އިތުރުން، އައިފޯން 17 ސްޓޭންޑަޑް މޮޑެލްގެ ސްކްރީން ސައިޒް ކުރީގެ 6.1 އިންޗިން 6.3 އިންޗިއަށް ބޮޑުކުރެވޭނެކަމަށްވެސް ބެލެވެ އެވެ.
އެޕަލްއިން ތައާރަފުކުރާ އެޕަލް ވޮޗް ސީރީޒް 11 ގައި މާބޮޑު ބަދަލުތަކެއް ނުހުންނާނެކަމަށް ބެލެވޭއިރު، އެޕަލް ވޮޗް އަލްޓްރާ 3 ގައި ސެޓެލައިޓް މެސެޖިން ފީޗާ ހިމެނުމާއި ބޮޑު ސްކްރީނެއް ލިބިދާނެކަމަށްވެ އެވެ. މި ފީޗަރއަކީ ހައިކިންގްފަދަ ހަރަކާތްތަކުގައި ނެޓްވޯކް ނުލިބޭ ތަންތަނުގައި އެހީއަށް އެދުމަށް ބޭނުންކުރެވޭނެ ފީޗާއެކެވެ. މީގެ އިތުރުން، އެޕަލްއިން އެންޓްރީ ލެވެލް އެޕަލް ވޮޗް އެސްއީގެ އާ ވާޝަނެއްވެސް ތައާރަފުކުރާނެކަމަށް ބެލެވެއެވެ.
އާ އެއާޕޮޑްސް 3 ގައި ހާޓްރޭޓް ޓްރެކިން ފީޗާ ހިމެނިދާނެކަމަށްވެސް ބެލެވެ އެވެ. އެޕަލްއިން މިހާރުވެސް މިފަދަ ފީޗާއެއް ޕަވާބީޓްސް ޕްރޯ 2 އީއާބަޑްތަކުގައި ހިމަނާފައިވުމާއެކު، މިފަދަ ފަންކްޝަނަލިޓީއެއް ކުންފުނީގެ މަޝްހޫރު އެއާޕޮޑްސްތަކަށްވެސް ގެނައުމަކީ އެކަށީގެންވާކަމެކެވެ.
އެޕަލްގެ މިރޭގެ ހަފްލާއަކީ ކުންފުނީގެ އެންމެ ބޮޑު އަހަރީ އިވެންޓްތަކުގެ ތެރެއިން އެކެކެވެ. މި ހަފްލާގައި އެޕަލްގެ ސީއީއޯ ޓިމް ކުކް އިއުލާންކުރާ ޕްރޮޑަކްޓްތަކަކީ ކުންފުނީގެ ވިޔަފާރީގެ އެންމެ މުހިންމު ބައެކެވެ. ޚާއްސަކޮށް އައިފޯން ވިޔަފާރިއަކީ އެޕަލްގެ އާމްދަނީގެ ބޮޑު ބައެއް ހިއްސާކުރާ ބައެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ