ރޭންކިން މެޗުގައި ރާއްޖެ ބަލިކޮށް ނޭޕާލަށް ފަސްވަނަ

ބަންގްލަދޭޝްގައި ބޭއްވި ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) މެންސް ކަޕް 2025ގެ ރޭންކިންގެ ފަހު މެޗުގައި ނޭޕާލް އަތުންވެސް ރާއްޖެ ބަލިވެއްޖެއެވެ. ނޭޕާލާ ވާދަކޮށް ރާއްޖެ ބަލިވެފައިވަނީ 3-1 ސެޓުންނެވެ. މިއީ މުޅި މުބާރާތުގައި ވެސް ރާއްޖެއަށް ސެޓެއް ކާމިޔާބުކުރެވުނު ހަމައެކަނި މެޗެވެ. އެހެން މެޗުތަކުގައި ރާއްޖެއިން ވަނީ ސެޓެއް ކާމިޔާބުކުރުމާ ގާތަށް ޖެހިފައެވެ. ނަމަވެސް ސެޓުގެ ފަހުކޮޅު ހަދާ ގޯސްތަކުން ދިވެހި ޓީމަށް އެ ސެޓު ގެއްލެނީއެވެ. އިއްޔެއާ ހަމައަށް ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ކުރިއަށްދިޔަ މި މުބާރާތް ރާއްޖެ ނިންމާލީ ހުރިހާ މެޗަކުންވެސް ބަލިވެގެންނެވެ. ރޭންކިން މެޗުގެ ފުރަތަމަ ދެ ސެޓު ނޭޕާލުން ކާމިޔާބުކޮށްފައިވަނީ 29-27 އަދި 25-20 އިންނެވެ. މެޗުގެ ތިންވަނަ ސެޓު ރާއްޖެއިން ގެންދިޔައީ 37-35 އިންނެވެ. ނަމަވެސް ހަތަރުވަނަ ސެޓު 25-20 އިން ކާމިޔާބުކޮށް، ނޭޕާލުން ވަނީ މުބާރާތުގެ ފަސްވަނަ ހޯދާފައެވެ. މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ތުރުކުމެނިސްތާނުންނެވެ. އެ ޓީމު ޗެމްޕިއަންކަން ހޯދީ ފައިނަލުގައި އަފްގާނިސްތާނާ ވާދަކޮށް 3-2 ސެޓުން ކުރިހޯދައިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ