އޮޕް-އެޑް: ސަރުކާރުން ހެދި އެންމެ ބޮޑު ރެކޯޑަކީ "ލީގަލް ޑިކްޓޭޓާޝިޕަކަށް" ރާއްޖެ ބަދަލު ކުރުން
17 ނޮވެމްބަރ 2023 ގައި، މިހާރުގެ ރައީސުލްޖުމްހޫރިއްޔާގެ ޒަޢާމަތުގައި އުފެދުނު ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރަމުންދާއިރު، މިސަރުކާރުން ޙާޞިލުކޮށްފައިވާ އެންމެ ބޮޑު ރެކޯޑަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދެވަނަ މާއްދާއާ ކަނޑައެޅިގެން ޚިލާފަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ، ފައްކާވެފައިވާ ޚުދު މުޚުތާރު (އިސްތިބްދާދީ) ނިޒާމަކަށް ބަދަލުކޮށްލުންކަމާ މެދު، ދުސްތޫރީގޮތުންނާއި ޤާނޫނީގޮތުން ބަޙުޘުކުރާ އެއްވެސް މީހަކު ދެބަސްނުވާނެކަން ޔަޤީނެވެ. ފާއިތުވެދިޔަ ދެ އަހަރުގެ ތެރޭގައި "ޑިފެކްޓޯ އޮތޮރިޓޭރިއަން" ސިސްޓަމަކަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ ބަދަލުވެގެން ދިޔަގޮތް ކުރުގޮތަކަށް ޚުލާޞާކޮށްލުމަކީ މިދަނޑިވަޅުގައި މުހިއްމު ކަމެއްކަމުގައި ދެކެމެވެ؛ 1- މަކަރާއި، ޙީލަތާއި، އޮޅުވާލުމަކީ ކޮންޓްރެކްޓްގެ ބައިވެރިންގެ ރުހުމަށް އަޘަރުކުރާ ކަންކަން ކަމުގައިވާތީ، އެކަންކަމަކީ މަދަނީ ކޮންޓްރެކްޓްތައް ބާޠިލުވާ ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަންކަމުގައި ވާއިރު، މަދަނީ ޤާނޫނުގެ މި އުޞޫލަކީ އޮޓަމެޓިކުން އިންތިޚާބީ އިޖްރާއާތުތަކަށް ތަޠުބީޤުކުރެވޭ އުޞޫލެއް ނޫނެވެ. މަޖާޒީގޮތުން ބައެއްފަހަރު އިންތިޚާބަކީ ވޯޓުދޭ މީހުންނާއި، އިންތިޚާބުކުރެވޭ މީހާއާ ދެމެދު ވެވޭ ސޯޝަލް ކޮންޓްރެކްޓެއް ކަމަށް ސިފަކުރެވުނުކަމުގައި ވިއަސް، އެއީ ޙަޤީޤަތުގައި ޕަބްލިކް ލޯ އޭގެ މައްޗަށް ހިނގާ ސިޔާސީ އަދި ދުސްތޫރީ ޕްރޮސެސްއެކެވެ. އެހެންކަމުން، އިންތިޚާބީ ކެމްޕެއިންގެ ތެރޭގައި ކެންޑިޑޭޓުން ވާ ދޮގު ވަޢުދުތަކާއި، އޮޅުވާލުން ތަކުގެ ސަބަބުން ވޯޓުދޭ މީހުންގެ މިނިވަން "އިރާދަ" އަށް މާއްދީގޮތުން ނުފޫޒު ފޯރާފައިވާނަމަ، އަދި އިންތިޚާބުގެ ނަތީޖާއަށް އޭގެ ސަބަބުން ސީދާ އަސަރުކޮށްފައިވާ ނަމަ، އެކަންކަމަކީ ޕަބްލިކް ލޯގެ ދަށުން "އެލެކްޓޯރަލް ފްރައުޑް" އަކަށް ވާތީ އާއި، ކެމްޕެއިންގެ މަރްޙަލާގައި ހިންގާފައިވާ "މިސްރެޕްރެޒެންޓޭޝަން" އަކަށް ވާތީ، އެފަދަ އިންތިޚާބުގެ ނަތީޖާ، ކަމާބެހޭ ކޯޓަށް ހުށަހަޅައިގެން ބާޠިލު ކުރެވިދާނެކަމާމެދު ފަރަންސޭސި އަދި "އެންގްލޯސެކްސަން" ޖުރިސްޓުން އެއްބަސްވެއެވެ. 2- މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ރައީސްކަމަށް އިންތިޚާބުވުމަށްޓަކައި ހިންގި އިންތިޚާބީ ކެމްޕޭނަކީ މަތީގައި ބަޔާންކުރެވުނު ފަދަ ދޮގު ވަޢުދުތަކާއި އިންތިޚާބީ މަކަރާއި ޙީލަތް އޭގައި އިންތިހާއަށް އެކުލެވޭ އަދި ވޯޓުދޭ މީހުންގެ މިނިވަން އިރާދައަށާއި، އަޤީދާއަށް އޭގެ ނޭދެވޭ ނުފޫޒު ނުހަނު ބޮޑަށް ފޯރާފައިވާ ކެމްޕޭނެއްކަން، މާއްދީ ދަލީލުތަކުންނާއި އޯޑިއޯ ވީޑިއޯގެ ޒަރީޢާއިން އެއްވެސް ޝައްކެއް ނެތް މިންވަރަށް ޘާބިތުވާން އޮންނާތީ އެފަދަ އިންތިޚާބީ ނަތީޖާއެއްގެ މައްޗަށް ބިނާކޮށް މަޤާމަށް ހޮވިފައިވާ މީހަކީ، އޭނާގެ މަޤާމުގެ އަޚްލާޤީ އަދި ސިޔާސީ ޝަރްޢިއްޔަތު ނުވަތަ ލެޖިޓިމެސީ ގެއްލިފައިވާ މީހެއްކަމާމެދު އެއްވެސް ޝައްކެއް ނެތެވެ. 3- ދޮގު ވަޢުދާއި އޮޅުވާލުމުގެ ތެރެއިން، ރައްޔިތުންގެ މިނިވަން އިރާދައަށް ނުފޫޒު ފޯރުވައިގެން ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް އިންތިޚާބު ވުމަށްފަހު، ކޮށްގެން ހުރި ދުސްތޫރީ ހުވަޔާއި ޚިލާފަށް އަދި ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި ޚިލާފަށް ނަހަމަގޮތުގައި ބާރުތަކާއި އިޚްތިޔާރުތަކުގެ ބޭނުންކޮށްގެން ދިވެހިރާއްޖޭގެ ޖުމްހޫރީއްޔާ ވާޤިޢީގޮތުން އިސްތިބްދާދީ ނިޒާމަކަށް ނުވަތަ "ޑިފެކްޓޯ އޮތޮރިޓޭރިއަން" ސިސްޓަމަކަށް ބަދަލުކޮށްލަން ދައުލަތުގެ އެންމެ އިސްވެރިޔާގެ ޤިޔާދަތުގެ ދަށުގައި މިހާރުގެ ސަރުކާރުން (ސަރުކާރުގެ އެގްޒެކްޓިވި ބްރާންޗާއި ލެޖިސްލެޓިވެ ބްރާންޗް ހިމެނޭގޮތުން) ކުރަމުންދާ، އެންމެ ފާހަގަކުރެވޭ ކަންކަމުގެ ތެރޭގައި ޤާނޫނުއަސާސީއަށް ބަދަލު ގެންނަންޖެހޭ ފަދަ އެއްވެސް ޝަރްޢީ ނުވަތަ ލެޖިޓިމޭޓް ސަބަބެއް ނެތި، ޤާނޫނުއަސާސީގެ އަސާސީ ސިފަތަކާ ޚިލާފަށް މުޅި ޤާނޫނީ ނިޒާމު ކޮންޓްރޯލް ކޮށް، ޤާނޫނުއަސާސީއިން ކަށަވަރުކޮށްފައިވާ ރައްޔިތުންގެ ސިޔާދަތީ ބާރު ގެއްލިގެންދާ ފަދަ ގޮތަކަށް ޤާނޫނުއަސާސީއަށް ބަދަލު ގެނައުމާއި، ޤާނޫނުއަސާސީގެ "ސުޕްރެމަސީގެ" މަބްދައާއި ޤާނޫނީ ޤާޢިދާތަކުގެ ހައެރާކީގެ މަބްދައާ ޚިލާފަށް، ޢައިރުދުސްތޫރީ ޤާނޫނުތަކާއި ޤަވާޢިދުތައް ފާސްކުރުން ހިމެނެއެވެ. 4- ޢައިރުދުސްތޫރީ ޤާނޫނުތަކާއި ޤަވާޢިދުތައް ފާސްކޮށް، ޤާނޫނުއަސާސީއާ ޚިލާފު ޢައިރު ދުސްތޫރީ ޤަރާރުތަކުން ވެރިކަމުގެ ބާރު ހިންގުން ޢާންމުވެގެން ދިއުމާއި، ވެރިކަން ހިންގާ ބާރުގެ ފަރާތުން އެފަދަ ޢައިރުދުސްތޫރީ ޕްރެކްޓިސްތައް ތަކުރާރުކުރުމުގެ ސަބަބުން، ޢާންމު ރައްޔިތުންނަށް އެއީ ޤާނޫނީގޮތުން ޞައްޙަ ޕްރެކްޓިސްތަކެއް ކަމަށް ހީވެފައި އޮތުމުގެ ނަތީޖާއަކީ ބޭރުފުށުން ޤާނޫނީ ނިޒާމެއްކަމަށް ދައްކުވައިދޭ، ނަމަވެސް ވާޤިޢީގޮތުން ޚުދުމުޚުތާރު އިސްތިބްދާދީ ނިޒާމެއް އުފަންވެގެން ދިއުމެވެ. މިފަދަ ޤާނޫނީ ޝަރްޢިއްޔަތު ލިބިގެންވާ ޤާނޫނެއް ކަމަށް ހަޤީޤަތާއި ޚިލާފަށް ދައްކުވައިދޭ ނިޒާމެއްގެ ފަހަތުގައި ފޮރުވިފައިވާ ޚުދުމުޚުތާރު ނިޒާމަށް ދުސްތޫރީ ޢިލްމުވެރިން ކިޔައި އުޅެނީ "ކޮންސްޓިޓިއުޝަނަލް އޮޓޮކްރެސީ" ނުވަތަ “Authoritarian regime under the guise of legality” އެވެ. 5- ޢާންމުގޮތެއްގައި ޕޮލިސް ސްޓޭޓްތަކާއި ޑިކްޓޭޓަރޝިޕްތައް އުފަންވެގެން އައިސްފައިވަނީ ވެރިކަންހިންގުމުގެ ބާރުގެ ފަރާތުން ޤާނޫނުހެދުމުގެ ބާރު ކޮންޓްރޯލްކޮށް، ފާސްކުރާ ޢައިރުދުސްތޫރީ ޤާނޫނުތައް ބޭނުންކޮށްގެންނެވެ؛ މިސާލަކަށް ބަލާނަމަ، ޖަރުމަނުގެ ނާޒީ ރެޖީމްގެ ލީޑަރ އެޑޮލްފް ހިޓްލަރ ޖަރުމަނު ވިލާތުގެ ވެރިކަމަށް އައުމަށް ފަހު އެތަނުގެ ޕާރލަމެންޓް ބޭނުންކޮށްގެން 1933 ގައި Enabling Act / Ermächtigungsgesetz ގެ ނަމުގައި ޤާނޫނެއް ފާސްކުރުވައި އޭގެ ދަށުން ލިބިދޭ މުޠްލަޤު ބާރުތަކެއް ބޭނުންކޮށްގެން ދުނިޔެ ނުދެކޭފަދަ އިސްތިބްދާދީ ނިޒާމެއް ޤާއިމުކުރިއެވެ. ދިވެހިރާއްޖޭގައި މިހާރު ވެރިކަންކުރާ ނިޒާމުންވެސް ޤާނޫނުހަދާ މަޖިލސް ބޭނުންކޮށްގެ ކުރާ ކަމަކީ ބާރުތައް ޤައިދުކުރުމުގެ ބަދަލުގައި ލާމަޙުދޫދު ބާރުތަކެއް ސަރުކާރުގެ އަތްމައްޗަށް ނަގައި، އިސްތިޤުރާރުވެފައިވާ ދުސްތޫރީ މަބްދައުތަކުގެ އިތުރުން، ޤާނޫނުއަސަސީގެ 115 ވަނަ މާއްދާގެ (ނ) އާ ޚިލާފަށް ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ބަދަލުގައި އެ ޙައްޤުތައް ޤައިދުކޮށް ހިފެހެއްޓުމެވެ. މިފަހަކުން ފާސްކޮށްފައިވާ މީޑިއާ ތަންޡީމުކުރާ ޤާނޫނު މިސާލަކަށް ފުދެއެވެ. 6- ޤާނޫނުއަސާސީގެ އަސާސީ ސިފަތަކާ ޚިލާފަށް ޤާނޫނުއަސާސިއަށް މިފަހުން ގެނެވުނު އިޞްލާހުގެ ދަށުން ރައްޔިތުންގެ މަޖިލީހަކީ ޤާނޫނުއަސަސީއާ އެއްގޮތަށް ފަންކްޝަން ކުރުމަށް ނުކުޅެދިފައިވާ މަޖިލީހަކަށް ބަދަލުވެގެން ދިއުމާގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ޢައިރުދުސްތޫރީ ޢަމަލުތަކަކީ އެއާމެދު ސުވާލުނުކުރެވޭ، އިމިޔުނިޓީ ލިބިފައިވަ ކަންތަކަކަށް ވަނީ ބަދަލުވެފައެވެ. މިގޮތުން ބަލާއިރު، ސަރުކާރުން ދިވެހިރައްޔިތުންގެ މާލިއްޔަތަށް ބޭނުންގޮތަކަށް ތަޞައްރުފުކޮށް އެއަށް ޚިޔާނާތްތެރިވާއިރު، އެއީ ރައްޔިތުންގެ މަޞްލަހަތަށް ކުރާ ކަންކަމަށް ވަކާލާތުކޮށް، އޮޅުވާލުން ވަނީ ސިޔާސީ ޘަޤާފަތަކަށް ވެފައެވެ. މިސާލަކަށް ބަލާއިރު، ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) އާ ޚިލާފަށް ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގެ ވާޖިބު އަދާކުރުމަށްޓަކައި "ބޭނުންވާ މާޤާމުތަކަށް" މީހުން ޢައްޔަންކުރުމުގެ ނަމުގައި، ބުނެވުނު މަޤާމުގެ ވާޖިބު އަދާކުރުމަށްޓަކައި ޙަޤީޤަތުގައި ބޭނުން ނުވާ މިންވަރަށް ގިނަ ޢަދަދަކަށް ނާޤާބިލު މުވައްޒަފުން ޢައްޔަންކުރުމަކީ ބެލެވޭ ގޮތުން ވަކި ސިޔާސީ މަޤުޞަދެއް ޙާޞިލުކުރުމުގެ މަޤުޞަދުގައި ޢައްޔަންކުރާ ޢައްޔަންކުރުން ތަކެކެވެ. އެގޮތަށް، އެއްވެސް ރަޤާބާއެއް ނެތި، މުވައްޒަފުން ޢައްޔަންކޮށް ރައްޔިތުންގެ ބައިތުލް މާލުން އިސްރާފުކުރުމަކީ ޙަޤީޤަތުގައ ރައްޔިތުންގެ މާލިއްޔަތަށް ޚިޔާނަތްތެރިވުމެވެ. އެއީ ޤާނޫނުއަސާސީން ލިބިދޭ ބާރު، ކޮށްގެން ހުރި ހުވަޔާ ޚިލާފަށް ނަހަމަގޮތުގައި ބޭނުން ކުރުމެވެ. މީގެއިތުރުން، އިސްތިޤުރާރުވެފައިވާ ދުސްތޫރީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ދައުލަތުން ހިންގާ މަޝްރޫޢުތައް "ފެއިވަރިޓިޒަމް އާއި ނެޕޮޓިޒަމް" ގެ ތެރެއިން ދޫކުރުމަކީވެސް ރައްޔިތުންގެ މާލިއްޔަތަށް ޚިޔާނާތްތެރިވެ، ހިންގާ ބޮޑުވެގެންވާ މުންކަރާތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. 7- ޚުދުމުޚުތާރު ނިޒާމުތައް، އެ ނިޒާމުތަކަކީ ޤާނޫނީ ނިޒާމުތަކެއް ކަމަށް ބޭރުފުށަށް ދައްކަނީ އަބަދުވެސް ޤާނޫނުހަދާ މަޖިލީހާއި ކޯޓުތަކާއި، މިނިވަން މުއައްސަސާތަކާ އަދި ރަސްމީ އިޖްރާއާތު ތައް މެދުވެރިކޮށެވެ. މިގޮތުން ބަލާއިރު، ދިވެހިރާއްޖޭގެ ޢަދްލުގެ ނިޒާމަކީ މިނިވަން މުސްތަޤިއްލު ނިޒާމަކަށް ހެދުމަށް ޓަކައި، ޖުޑިޝަލް ސަރވިސް ކޮމިޝަން އެކުލެވުގެންވާ ގޮތަށާއި، އެ ކޮމިޝަންގެ އިޚްތިޞާޞްތަކަށް ދުސްތޫރީ ޢިޞްލާޙުތަކެއް ބޭނުންވާކަމަށް ވަކާލާތު ކުރެވޭތާ އެތައް އަހަރުތަކެއް ފާއިތުވެދިޔަ ނަމަވެސް، މިހާރުގެ ވެރިކަން ހިންގާ ނިޒާމުން އެކަން ކުރަން ބޭނުންނުވާ މައިގަނޑު ސަބަބަކީ، ވެރިކަން ހިންގާ ބާރުން ހިންގާ ޢައިރުދުސްތޫރީ ޢަމަލުތަކަކީ އެއަށް ޤަޟާއީ ރަޤާބާ ނުހިނގާ ކަންކަމުގެ ގޮތުގައި ބޭއްވުމެވެ. މިގޮތުން، ދާދިފަހުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއް އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއްގައި ވަކިކޮށްފައިވަނީ ފަނޑިޔާރުންނަށް ނޭދެވޭ ނުފޫޒު ފޯރުވުމުގެ މަޤުޞަދުގައި ކަމާމެދު އެއްވެސް ޝައްކެއް ނެތެވެ. 8- އިސްވެ ބިޔާންވެދިޔަ ބައެއް މިޘާލުތަކުން އެނގެނީ ދިވެހިރާއްޖޭގައި މިހާރު ވެރިކަން ކުރާ ނިޒާމަކީ ދޮގު ވަޢުދުތަކާއި އޮޅުވާލުމުގެ ތެރެއިން އުފެދިގެން އައިސްފައިވާ، ވެރިކަމުގައި ދެމި އޮތުމަށްވެސް ދޮގުހެދުމާއި އޮޅުވާލުމަށް ދެވިހިފައިފައިވާ ޚުދުމުޚުތާރު "ޑިފެކްޓޯ އޮތޮރިޓޭރިއަން" ނިޒާމެއް ކަމެވެ. އަދި މިއީ، އެ ނިޒާމުން ފާއިތުވެދިޔަ ދެ އަހަރުގެ ތެރޭގައި ޙާޞލުކޮށްފައިވާ އެންމެ މުހިއްމު އެއް ރެކޯޑެވެ. 9- ނިންމާލުމުގެ ކުރިން ތިން ފަރާތަކާ މުޚާޠަބުކޮށްލުމަކީ ކޮނެމެހެން މުހިއްމު ކަމެއްކަމުގައި ދެކެމެވެ؛(ހ) މިހާރުގެ ސަރުކާރުން ހިންގާ ފަސާދައާ ގުޅިގެން މީޑިއާގެ ތަފާތު ވަސީލަތްތައް ބޭނުންކޮށްގެން ރައްޔިތުން ހޭލުންތެރިކުރުވަން މަސައްކަތްކުރައްވާ އެންމެހައި ބޭފުޅުންނަށް ދަންނަވާލަން ބޭނުންވަނީ، ތިބޭފުޅުން ތިކުރައްވާ މަސައްކަތުގައި މާތް ﷲ ބަރަކާތް ލައްވާށިއެވެ. އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ ފާސިދު ވެރިން. އެމީހުންގެ ޢަމަލުތަކުގައި ދެމިތިބުމަށް މާތް ﷲ މުހުލަތު ދެއްވި ކަމުގައި ވީނަމަވެސް، އެއީ އެއްވެސް ނިމުމެއް ނެތި މާތް ﷲ އިހްމާލުކުރައްވާނެ ޢަމަލުތަކެއް ނޫންކަމެވެ. އަދި ابن القيم ވިދާޅުވެފައިވާ ފަދައިން، ޙައްޤުގެ މައްޗަށް ބާޠިލަށް ނަޞްރު ލިބިދާނެކަމަށް ހީކޮށްފި މީހާޔަކީ މާތް ﷲ އާ މެދު ކުށްހީ ކޮށްފި މީހެކެވެ. އެބަހީ އެއްވެސް ޙާލެއްގައި ޙައްޤުގެ މައްޗަށް ބާޠިލަކަށް ނަޞްރު ނުލިބޭނެކަމީ ޔަޤީންވެގެންވާ ކަމެކެވެ.(ށ) އިސްލާމީ ވަޤުފު މުދަލުން ހިންގާ، ހިލޭ ސާބަހަށް ކިޔަވައިދޭ ޔުނިވަރަސިޓީތަކުންނާއި، މަޢުހަދުތަކުން ޢިލްމު ޙާޞިލުކޮށްގެ ތިބި ބޭފުޅުންނަށް ދަންނަވާލަން ބޭނުންވަނީ ވެރިކަމުގައި ހުންނަ މީހާ މުންކަރާތްތަކަށް އަރައިގަންނަ ހިނދު، އޭނާޔަށް ނަޞޭޙަތް ތެރިވުމުގެ ދީނީ ވާޖިބު ދޫކޮށް، ހަނު ތިބުން ތިބޭފުޅުން އިސްކުރައްވަނީ ކޮން ދީނީ އަސާސެއްގެ މައްޗަށް ބިނާކޮށް ތޯއެވެ؟ މާއްދިއްޔަތަށް ގެއްލި ދީނީ ވާޖިބު ހަނދާން ނެތުނީތޯއެވެ؟ (ނ) ދިވެހި ލޮބުވެތި ރައްޔިތުންނަށް ގޮވައިލަން އޮތީ، 57 އަހަރު ފުރިފައިވާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގެއްލިފައިވާ ޖުމްހޫރިއްޔަތުގެ ސިފަތައް އަނބުރައި އިޢާދަކުރުމަކީ، އެންމެހައި ރައްޔިތުންގެ ޤައުމީ ވާޖިބެކެވެ. އެހެންކަމުން، ޚުދު މުޚުތާރު މުސްތަބިއްދު ވެރިން ދުސްތޫރީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ބަދަލުކުރުމަކީ ތިޔަ އެންމެހައި ރައްޔިތުންގެ ޙައްޤެކެވެ. އަދި، ތިޔަ އެންމެހައި ރައްޔިތުންނަކީ މާތް ﷲ ބުއްދި ދެއްވައި މާތްކުރައްވާފައިވާ ބަޔަކަށްވާއިރު، އެއްވެސް މުސްތަބިއްދު އަނިޔާވެރި ވެރިއެއްގެ އޮޅުވާލުމަށް ހެއްލުމަކީ މާތް ﷲ ރުހިވޮޑިގެންވާ ކަމެއް ނޫންކަން އަންނިވި އާޔަތުގެ ސިޔާޤުން އެނގެއވެ. މާތް ﷲ ވަޙީ ކުރައްވާފައިވަނީ: ﴿ فَاسْتَخَفَّ قَوْمَهُ فَأَطَاعُوهُ ۚ إِنَّهُمْ كَانُوا قَوْمًا فَاسِقِينَ﴾ [ الزخرف: 54] އެޑިޓަރުގެ ނޯޓް: މި ލިޔުން ލިޔުއްވީ, ޑރ. އަޙްމަދު ޢަބްދުالله ދީދީއެވެ. އެ މަނިކުފާނަކީ 2010 ވަނަ އަހަރު ދާއިމީ ސުޕްރީމް ކޯޓު އެކުލަވައިލި އިރު، އެ ކޯޓުގެ ބެންޗަށް އައްޔަން ކުރެވުނު ބޭފުޅެކެވެ. އެ މަނިކުފާނަކީ ޝަރްޢީ އަދި ޤާނޫނީ ދާއިރާއިން ޕީއެޗްޑީ ހާސިލް ކުރައްވައިގެން ހުންނެވި އަދި ރާއްޖޭގެ ހަތަރުވަނަ އުއްތަމަ ފަނޑިޔާރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ