ކުޅުދުއްފުށީ ދެ ބޭފުޅަކަށް ރެހެންދި އެވޯޑް ލިބިއްޖެ

މުޖުތަމައުއަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާ އަންހެން ބޭފުޅުންނަށް ދޭ، ރެހެންދި އެވޯޑް ކުޅުދުއްފުށީގެ ދެ އަންހެން ބޭފުޅަކަށް ލިބިއްޖެ އެވެ.
ރޭ މާލޭގައި ބޭއްވި މި އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި 15 ބޭފުޅަކަށް ރެހެންދި އެވޯޑް ލިބުނެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ފަސްޓް ލޭޑީ ސާޖިދާ މުހައްމަދެވެ.
މި އެވޯޑް ލިބުނު ކުޅުދުއްފުށީގެ ދެ ބޭފުޅުންނަކީ:
- ހިކިފިނިފެންމާގެ، އަސްމާ ހަސަން.
- ޓޯޓަލްގެ، އައިޝަތު ޠާއިފާ.
ދެ ބޭފުޅުންނަށްވެސް އެވޯޑް ލިބިލެއްވީ އިޖުތިމާއީ ގޮތުން ބާރުވެރިކުރުމުގެ ދާއިރާ އިންނެވެ.
އަސްމާ ހަސަން
އަސްމާ ހަސަންއަކީ ބްރޯޑްކާސްޓިންގް ދާއިރާގައި 32 އަހަރު މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.
1992 ވަނަ އަހަރު ޑީޕާޓްމަންޓް އޮފް އިންފޮރމޭޝަން، މިހާރުގެ ނަމުން ނަމަ މޯލްޑިވްސް ބްރޯޑް ކާސްޓިންގް ކޮމިޝަނާއި ގުޅިވަޑައިގެން، އެކި މަގާމުތަކުގެ ޒިންމާ އަދާކުރައްވުމަށްފަހު އަސްމާ މިހާރު ހުންނެވީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަންގެ އެސިސްޓަންޓް ޑިރެކްޓަރގެ މަގާމުގައެވެ.
މީގެއިތުރުން، މޯލްޑިވްސް ސްކައުޓް އެންޑް ގައިޑް ފެލޯޝިޕްގެ އާންމު މެންބަރެއްގެ ގޮތުން 2016 ވަނަ އަހަރު މަސައްކަތްކުރައްވާ އަދި 2018 – 2023 ވަނަ އަހަރާއި ހަމަށް އެގްޒެކެޓިވް ކޮމިޓީގެ މެންބަރެއްގެ ހައިސިއްޔަތުން ހިލޭ ސާބަހަށް ވެސް އަސްމާވަނީ މަސައްކަތްކޮށްދެއްވާފައެވެ.
އަސްމާއަކީ އަމިއްލަ އިސްނެގުމުގެ މަތިން ހިލޭ ސާބަހަށް ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާ އަދި މިހާރުވެސް ކޮށްދެއްވަމުން ގެންދަވާ ފަރާތެކެވެ. އެގޮތުން އެންމެ ފާހަގަ ކޮށްލެވޭ މަސައްކަތްތަކަކީ 2016 ވަނަ އަހަރުން ފެށިގެން ބައިސިކަލް އެސޯސިއޭޝަން އޮފް މޯލްޑީވްސް (ބައިކް މޯލްޑިވްސް) ގައި ކޮށްދެއްވާފައި ހުރި މަސައްކަތްތަކެވެ. މިގޮތުން، ބައިކް މޯލްޑިވްސް އުފެދުނީއްސުރެ އެ ޖަމުޢިއްޔާއިން ހިންގަމުންއަންނަ ހުރިހާ ހަރަކާތްތަކެއް ކާމިޔާބުކަމާއި އެކު ނިންމާލުމުގެ ފަހަތުގައި އަސްމާ ކުޅެފައިވާ ރޯލު ވަރަށް މުހިންމެވެ. މި މަސައްކަތް ފައްޓަވާފައިވަނީ ދުޅަހެޔޮ ޞިއްޙަތެއްގައި ތިބުމުގެ އާދަ އާންމުންގެ ތެރޭގައި އަށަގެންނުވުމުގެ އިތުރުން މުޖުތަމަޢުއަށް އަދި ޤައުމަށް ފައިދާ ހުރި މަސައްކަތްތަކެއް ކޮށްދިނުމުގެ ބޭނުމުގައި ކަމަށް އަސްމާ ހާމަކުރެއްވިއެވެ.
މީގެ އިތުރުން ތިމާވެށި ރައްކާތެރި ކުރުމު ގޮތުން، އިންޖީނުލީ އުޅަނދު މަދުކޮށް ބައިސްކަލަށް މީހުން އަހުލުވެރި ކުރުވުމަށް ވެސް ގިނަ މަސައްކަތްތަކެއް އަސްމާ ވަނީ ކޮށްދެއްވާފައެވެ. އަސްމާ ފާހަގަކުރެއްވީ، އުވެމުންދިޔަ މި ހަރަކާތްތަކަށް މީހުން ހޭލުންތެރިވެ މިކަން ކުރާ މީހުން އިތުރުވެގެން ދިޔުމަކީ އަސްމާގެ އެންމެ ބޮޑު ކާމިޔާބީކަމަށެވެ.
އައިޝަތު ޠާއިފާ
އައިޝަތު ޠާއިފާއަކީ 2012 ވަނަ އަހަރުން ފެށިގެން ގާލް ގައިޑް އެސޯސިއޭޝަންގެ ވޮލަންޓިއަރެއްގެ ގޮތުގައި އަންހެނުންނާއި އަންހެން ކުދިން ބާރުވެރިކުރުމަށް އަމަލީގޮތުން މަސައްކަތް ކުރައްވަމުން ގެންދަވާ ލީޑަރެކެވެ.
އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގައި މަސައްކަތް ކުރެއްވުމުގެ އިތުރުން 2014 ވަނަ އަހަރު ނެޝަނަލް ސެކްރެޓަރީކަމާއި 2019 ވަނަ އަހަރު ކޮމިޝަނާ އޮފް ލިޓްލް މެއިޑްގެ މަގާމުގެ އިތުރުން އައިޝަތު ޠާއިފާ މިހާރު ހުންނެވީ އެސޯސިއޭޝަންގެ އިންޓަނޭޝަނަލް ކޮމިޝަނަރުގެ މަޤާމުގައެވެ. ޒުވާން ލީޑަރެއްގެ ހައިސިއްޔަތުން ޠާއިފާ ވަނީ ބައިނަލްއަޤްވާމީ އެކި ފޯރަމްތަކުގައި ރާއްޖެ ތަމްސީލުކޮށް، ބައިނަލްއަޤްވާމީ ފުރުޞަތުތައް އަންހެން ކުދިންނަށް ހޯދުމާއި ތައްޔާރުކުރުމުގައި އިސް ދައުރެއް އަދާ ކުރައްވާފައެވެ.
ކޮމިޝަނަރުންގެ އޭޝިއާ ޕެސިފިކް ލީޑާޝިޕް އެވޯޑް ހާސިލްކުރައްވާފައިވާ ޠާއިފާ ވަނީ 2015 ވަނަ އަހަރު ކޮޕް 21 ގައި ރާއްޖެ އާއި ވޯލްޑް އެސޯސިއޭޝަން ތަމްސީލް ކުރައްވާފައެވެ. މީގެ އިތުރުން 2021 ވަނަ އަހަރު ޠާއިފާ އަށް ވަނީ ޒުވާނުންގެ ޤައުމީ އިނާމު ލިބިވަޑައިގެންފައެވެ. 2013 ވަނަ އަހަރުން ފެށިގެން ހޯޕް ފޯ ވިމެންގެ އެކްޓިވް މެމްބަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވަމުން ގެންދަވާ އެކަމަނާ ގެންދަވަނީ ޒުވާނުންނާއި އަންހެނުން ބާރުވެރިކުރުވުމަށް ޖެންޑާ ޓްރެއިނަރެއްގެ ގޮތުގައި އަމިއްލަ އަށް މަސައްކަތް ކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ