ގއ. ވިލިނގިލީގައި ވިހެއިތަނުން ދަރިފުޅު މަރުވުން: މިނިސްޓްރީން މައްސަލަ ބަލަނީ
ސަތާރަ އަހަރަށްފަހު، އިއްޔެ ވިހެއި ދަރިފުޅު ގއ. ހޮސްޕިޓަލުގެ އިހުމާލުގެ ސަބަބުން މަރުވީ، މަންމައަށް ލިބެންޖެހޭ ފަރުވާ ނުލިބި ލަސްވުމުގެ ސަބަބުންކަމަށް ބުނެ އާއިލާއިން ކަންބޮޑުވުން ފާޅުކުރަނިކޮށް އެ ހާދިސާ ހިނގި ގޮތް ތަހުގީގުކުރަމުން އަންނަކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެެވެ. ހެލްތު މިނިސްޓްރީން މިއަދު "ސަން"އަށް ބުނީ އެ މައްސަލަ އެ މިނިސްޓްރީގެ ސަމާލުކަމަށް މިހާރު އައިސްފައިވާ ކަމަށެވެ. އަދި އެ ކަން ބެލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ބުންޏެވެ. މި ހާދިސާގައި މަރުވީ ގއ. ދާންދުއަށް ނިސްބަތްވާ އުމުރުން 38 އަހަރުގެ އަންހެނަކު ވިހެއި އަންހެން ކުއްޖެކެވެ. https://sun.mv/213965 މަރުވި އަންހެން މީހާގެ އާއިލާގެ ފަރާތުން މެންބަރަކު "ސަން"އާ ވާހަކަދައްކަމުން ބުނީ، މާބަނޑުއިރު، ރަހިމުގެ ދޮރާ ދިމާލުން ލޭ އަންނާތީ އެންމެ ފުރަތަމަ ދެއްކީ ގއ. ދާންދޫ ސިއްހީ މަރުކަޒަށް ކަމަށެވެ. ސިއްހީ މަރުކަޒުން ރިފާކުރީ މާލެއިން އައިޖީއެމްއެޗުން ޑޮކްޓަރަކަށް ދައްކަން ކަމަށް ބުންޏެވެ. އެެހެންވެ މާލެ އައިސް، ޑޮކްޓަރަށް ދެއްކުމުން ލޭ އަންނަ ކަމަށް ފާހަގަވީ، ރަހިމުގެ ދޮރާ ދިމާއިން ހުޅުވިފައި ހުރުމުން ކަމަށާއި، އެހެންވެ އެ ތަން ފަހައި، ރަނގަޅުވަންދެން ހޮސްޕިޓަލުގައި އެޑްމިޓް ކުރީ ކަމަށް އާއިލާއިން މައުލޫމާތު ދިން މީހާ ބުންޏެވެ. ހޮސްޕިޓަލުގައި ދުވަސްތަކެއް ހޭދަކުރުމަށްފަހު ރަނގަޅުކަމަށް ފާހަގަވުމުން ހޮސްޕިޓަލުން ދޫކޮށްލުމާއެކު، އަނެއްކާ ވެސް ދާންދޫއަށް އައީ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް މާ ގިނަ ދުވަހެއް އަނެއްކާ ވެސް ލޭ އަންނާތީ މި މަހުގެ ހަތްވަނަ ދުވަހުގެ ދަންވަރު ދިޔައީ ގއ. ވިލިނގިއްޔަށް އެ ރަށުގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ދައްކަން ކަމަށް ބުންޏެވެ. ނަމަވެސް އެ ރަށު ހޮސްޕިޓަލުގައި އެ ފަދަ ފަރުވާއެއް ދެވެން ނެތްކަން އެނގުމުން ވެސް މާލެއަށް ފޮނުވަން ޑޮކްޓަރު ދެކޮޅު ހަދަމުން ދިޔަ ކަމަށާއި، ބުނަމުން އައީ މާބަނޑު އަންހެން މީހާއާއި އޭނާގެ ބަނޑުގައި އޮތް ދަރިފުޅުގެ ވެސް ހާލު ރަނގަޅުކަމަށް ކަން އާއިލާގެ ފަރާތުން ވާހަކަދެއްކި މީހާ ބުންޏެވެ. އާއިލާއިން ބުނީ މާބަނޑު އަންހެން މީހާއަށް އެއްވެސް ތަދެއް ނުވާކަމަށް ބުނަމުން އައި ނަމަވެސް ތިން އިރު، ޕެރަސެޓަމޯލާއި، ތަދުކަނޑުވާ ބޭހާއި، ޕެނެޑޯލާއި އައިވީ ޑޮކްޓަރުގެ އެންގުމުގެ މައްޗަށް ދެމުން އައި ކަމަށެވެ. އެެހެންވެ ނަރުހުން ވެސް ސުވާލުކުރި ނަމަވެސް ޑޮކްޓަރު އެފަދައިން އަންގައިފައި އޮތުމުން މަޖުބޫރުވީ، ބޭސް ނަގަން ކަމަށް އާއިލާއިން ބުންޏެވެ. އެންމެފަހުން ރޭ ދަންވަރު 03:00 ހާއިރު ލޭ އައީ ވަރަށް ބޮޑަށް ކަމަށާއި، އައިއިރު ލޭ ހުރީ ގަނޑުގަނޑަށް ނުވަތަ ބްލަޑް ކްލޮޓްގެ ގޮތުގައި ކަމަށް އާއިލާއިން ބުންޏެވެ. އެއާއެކު ބަނޑުގައި އޮތް ކުޑަދަރިފުޅުގެ ލާމެދު އިތުރަށް އާއިލާއިން ކަންބޮޑުވެ ހޮސްޕިޓަލުން، ޑޮކްޓަރަށް ގުޅުމުން ވެސް ޑޮކްޓަރު ވާހަކަދެއްކީ ހިތްހަމަނުޖެހިގެން ކަމަށް އެނގުނު ކަމަށް އާއިލާއިން ބުންޏެވެ. އަދި ޑޮކްޓަރަށް އާދެވުނު އިރު އަންހެންމީހާ ވިހައިވެސްފި ކަމަށް އާއިލާއިން ބުންޏެވެ. އަދި ވިހެއީ ބާއްވާފައި އޮތް ވޯޑު ތެރެއަށް، އެނދުމައްޗަށް ކަމަށް ވެސް ބުންޏެވެ. ވިހެއިތަނުން ދަރިފުޅު މަރުވީއެވެ. މި މައްސަލައާ ގުޅިގެން ގއ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު "ސަން"އަށް ވިދާޅުވީ އާއިލާއިން މި މައްސަލަ ހުށަހަޅައިފިނަމަ، ހޮސްޕިޓަލުން ވެސް މިކަން ބަލާނެ ކަމަށާއި އޮންނަ އުސޫލުގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި ޑޮކްޓަރުގެ މައްސަލައެއްވާނަމަ ވަޒީފާއިން ވަކިކުރާނެކަމަށް ވެސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ