ބޮޑު މުޙައްމަދު ކަލޭފާނު: އެއް ގޮތަކުން ނޫން, އެތައް ގޮތަކުން ލީޑަރެއް!

ރަށުން ދޯންޏެއް ފުރައިގެން ގޮސްވެއްޖެއްނަމަ، ދޯނި ލަފައި ލޮތާރި އެއްލާންދެން ހޮޅުއަށީގައި އޮވެއެވެ. ދޯނިން މީހުން ފައިބައިގެން އެމީހަކު ގެއަކަށް އެމީހަކު ވަނުމުން ނޫނީ ގޮސް ގެއަކަށް ނުވަދެއެވެ. އަތުގައި ނެތް އެއްޗަކުންވިޔަސް މީހުންގެ މުހުތާދުތައް ފުއްދައިދެއެވެ. ކާން ތައްޓަށް އަޅާފައި ދޭ ބަތްތަށިން އެއްފަޅި ނުކައި ބަހައްޓައެވެ. ގޭގައި ދެން ތިބި މީހުން ކާނެ އެއްޗެއް ނުހުރެދާނެތީއެވެ. މިއީ ބޮޑުތިލަދުންމަތީ ކުޅުދުއްފުށީ ބޮޑު ކަލޭފާނު، ބޮޑު މުޙައްމަދުގެ ވާހަކައެވެ. ކަލޭފާނުގެ ލަޤަބު އެރުވޭންދެން އެއީ ކުޅުދުއްފުށީ ބޮޑު މުޙައްމަދެވެ. އިސްކޮޅުގެ ދިގުކަމާއި ޖާނުން ބޮޑު ކަމުން ކިޔުނު ނަމެއްކަމަށް ބެލެވެއެވެ. ބުނެވޭ ގޮތުގައި ބޮޑު މުޙައްމަދަކީ އެއްކަށިވީރެކެވެ. ވަރުގަދަ، ޖެހިލުންކުޑަ މީހެކެވެ. ރަށުގައި ފާހަގަކޮށްލެވޭ މޮޅު ކެޔޮޅެކެވެ. ރުއްގަލު ބޭސްވެރިކަން ކުރި ބޭސްވެރިއެކެވެ. ރަށަކީ، އޭރުގެ ނިސްބަތުން މަސައްކަތްތެރި، އުފެއްދުންތެރި ރަށެކެވެ. ރައްޔިތުންނަށް ފަސޭހައިން ވިޔާފަރި ކުރުމުގެ ފުރުސަތު ހޯދައިދިނުމަށާއި، ރައްޔިތުންގެ މާލިއްޔާއަށް ފައިސާ ހޯދުމަށް، އުސްގެ ކިޔާ ވިޔަފާރިގެއެއް މުޙައްމަދު ކަލޭފާނު އަޅައިދިނެވެ. ރައްޔިތުން ތައްޔާރުކުރާ މަހުގެ އެކި ބާވަތްތަކާއި، ކުފުރާ (ނާށިން ވަކިކޮށް ހިއްކާފައި ހުންނަ ކާށި) މި ވިޔަފާރިގެއަށް ނަގައެވެ. އަދި ބަދަލުގައި އޭގެ އަގަކަށް، ކާޑުގެ ބާވަތްތަކާއި، އަންނައުނާއި، ގެވެހި ކަންވާރު ފަދަ ޒަރޫރީ ސާމާނު ދެއެވެ. ރަށުން އުފައްދާ ތަކެތި މާލެ ފޮނުވުމުގެ އިތުރަށް އިންޑިއާއަށާއި ސިލޯނަށް އެކްސްޕޯޓް ކުރިއެވެ. ބޮޑުތިލަދުންމަތީގައި ބޭރު ދަތުރުކުރާ ބައްތެލިފަހަރު ހުއްޓެވެ. ފަހި ވަޑިންނާއި، ހުނަރުވެރި ކަނބުރުވެރިންނާއި މޮޅު ނެވިން ލިބުމުގައި ދައްޗެއް ނެތެވެ. ކުޅުދުއްފުށީ ބޮޑު މުޙައްމަދު ތަކުރުފާނު: މިއީ ވަރުގަދަ ލީޑަރެއް-- ރަށުން އެކްސްޕޯޓު ކުރާ ތަކެތީގެ ބަދަލުގައި ބޭރުން، ކާބޯތަކެއްޗާއި، އަންނައުނާއި އީޓުފަދަ ތަކެތި ސީދާ ރަށަށް އިމްޕޯޓުކޮށްގެން ރައްޔިތުންނަށް ފޯރުކޮށްދިނެވެ. 1962 ގައި ބޮޑު އިސްޓޯރު ހުޅުވައި، ރައްޔިތުންގެ މުދާ ވިއްކަން ޖެހޭނީ ހަމައެކަނި މާލޭ ބޮޑު އިސްޓޯރަށް ކަމަށް ނިންމުމާ ހަމައަށް މިގޮތަށް މި ވިޔަފާރިކޮށް އުޅުނެވެ. "މިހާ މިނިވަންކޮށް މުހުތާދުތައް ފުއްދަމުން ދާ ބަޔަކު، މިގޮތަށް މިކަން ކުރުމަށް ދޫކޮށްލައިގެން ތިބެއްޖެނަމަ، އަމިއްލަ ފައި މައްޗަށް ތެދުވާނެކަން" ސަރުކާރުގެ ވިސްނުމަށް އައީއެވެ. ރައްޔިތުންގެ މާލިއްޔާއަށް ފައިސާ ހޯދުމަށް، މުޙައްމަދު ކަލޭފާނު ރައްޔިތުންގެ ފާރޮށިގެ ކިޔާ ފާރޮށިގެއެއްވެސް ހިންގިއެވެ. އަމިއްލައަށް ކަމީރު ތައްޔާރުކޮށްގެން ފާރޮއްޓާއި ބަނަސް ހަދައިގެން ރަށަށާއި ރަށުން ބޭރަށްވެސް ވިއްކިއެވެ. ދުވަސްވަރަކީ ތައުލީމުގެ އަލިކަން ބޮޑުތިލަދުންމަތީގައި ފަނޑު ޒަމާނެކެވެ. އާބާދީ ބޮޑު ކުޅުދުއްފުށިވެސް އޮތީ އެފަދަ ޙާލަތެއްގައެވެ. ތައުލީމް ޙާސިލްކުރާނެ ފުރުސަތެއް ލިބިފައިނެތަސް ތައުލީމަށް ނުހަނު ލޯބިކުރި މުޙައްމަދު ކަލޭފާނުގެ ވިސްނުން ތައުލީމުގެ މުހިއްމުކަމަށް އެހާއިރުވެސް ހިނގިއެވެ. އެއީ 1940ގެ އަހަރުތަކެވެ. ރަށުގައި ބިނާކުރި ފުރަތަމަ އިސްކޫލު އެޅީ މުޙައްމަދު ކަލޭފާނުގެ މޭސްތިރިކަމުގެ ދަށުންނެވެ. ބޮޑުތިލަދުންމަތީ ކެލައަށް އިނގިރޭސިން ފައިބާތިބުމަށް އެ މީހުން ހެދި ގެތަކުގައި ޖަހާފައި ހުރި ޓިނު ކުޅުދުއްފުށްޓަށް ގެނެސް، އެ ޓިނުން އިސްކޫލެއް ބިނާކޮށް "އަމީރު އަމީން އިސްކޫލު"ގެ ނަމުން ނަންދިނެވެ. އިސްކޫލަށް ކިޔަވައިދޭނެ އެދުރުން ލިއެވެ. އަދި ކުޅިވަރު މުދައްރިއްސަކަށް އެރަށު އާދަމް އިސްމާޢިލް ހަމަޖައްސަވައި، ކުދިންނަށް ޖިމްނާސްޓިކާއި ފުޓްބޯޅައިގެ ތަމްރީނު ހޯދައިދިނެވެ. ކައިރި ރަށްރަށުގެ ކުދިން ކިޔަވަން ފައިބާ ތިބުމަށް ދަނާލެއްވެސް އަޅައިދިނެވެ. އޭގެ ފަހުން 1960ގެ އަހަރުތަކުގައި، އިނގިރޭސި ތައުލީމާ ނުލައި ދެން ކުރިއަށް ނުދެވޭނެކަން މުޙައްމަދު ކަލޭފާނަށް ވިސްނުނެވެ. އެއާއެކު ރަށު މާލިއްޔަތުން މަހަކު 500 ރުފިޔާގެ މުސާރައެއް ދޭ ގޮތަށް، އިނގިރޭސި ކިޔަވައިދޭނެ ޓީޗަރަކު ސިލޯނުން ގެނައެވެ. އެއީ އެރަށުގެ، މިހާރު އުމުރުން ހަތްދިހައިގެ އަހަރުތައް ގުނަމުންދާ ޖީލަށްވެސް އިނގިރޭސި "އަލިފުބާ" އަޅައިދިން ވެންޑަވަޓެވެ. ތައުލީމުގެ އަލިކަމެއް ލިބުނަސް ރަށުގައި އެހިނދަށް އޮތީ އަދި އަނދިރިކަމެވެ. މާލެ ފިޔަވައި މުޅި ރާއްޖޭގައިވެސް ކަރަންޓު ލިބެނީ އިނގިރޭސިން ތިބި އައްޑުއަތޮޅަށް އެކަންޏެވެ. އެއީ 1960ގެ އަހަރުތަކުން އަހަރެކެވެ. މާލޭގައި ރައްޔިތުންނަށް ކަރަންޓު ދިނުމަށް ސަރުކާރުން ހިންގަމުން އައި 27 ކިލޯވޯޓުގެ ޖަނަރޭޓަރު، މާލޭގެ އާބާދީއަށް ނުތަކައިގެން އެއްކައިރިކުރިއެވެ. ކުޅުދުއްފުށްޓަށް ކަރަންޓު ދިނުމަށްޓަކައި ރަށުގެ މާލިއްޔާއިން ހަތާވީސްހާސް ރުފިޔާ ސަރުކާރަށް ދައްކައިގެން މުޙައްމަދު ކަލޭފާނު މި އިންޖީނު ގަތެވެ. އަދި އަތޮޅު ބައްތެލި "ފަތުހުއްސަލާމު"ގައި ރަށަށް ގެނެސް، އިންޖީނު ބެހެއްޓުމުގެ މަސައްކަތަށް މާލެއިން ގެނައި ސިއްކަގޭ އިބްރާހީމް މަނިކުފާނާއި ކުޅުދުއްފުށީ ކަނބުރު އަޙުމަދުމެން ލައްވާ އިންޖީނު ހިންގައި، ރަށަށް ކަރަންޓު ފޯރުކޮށްދިނެވެ. މި އިންޖީނު ހިންގައި، މަރާމާތުކޮށް ބެލެހެއްޓީ ކުޅުދުއްފުށީ މީހުންނެވެ. ގިނައީ ކަނބުރު އާއިލާއަށް ނިސްބަތްވާ މީހުންނެވެ. ތަރައްޤީގެ މަޝްރޫޢުތައް އޭރު ހިންގީ ލިބެން ހުރި އެއްޗަކުންނެވެ. އެއްޗެއް ލިބެން ނެތިއްޔާ އެއްޗެއް އުފައްދައިގެންނެވެ. ފަޅު ކޮނުމަށާއި ރަށުގެ ކަނޑިންމަ ހެދުމަށް ބޭނުންކުރި ޖައްރާފަކީ، ތާނގި ފަޅިއަކަށް ދަނޑިއެއް ޖަހައި، ވާ އައްސައިގެން ތައްޔާރުކުރި އަމިއްލަ އުފެއްދުމެކެވެ. މި މަސައްކަތުގެ މޭސްތިރިއަކީވެސް މުޙައްމަދު ކަލޭފާނެވެ. ރޯޅިއެއްހެން ދުނިޔެއަށް އައި ތަރައްޤީއާއި ތަމައްދުންގެ ފިނިކަން ރާއްޖެތެރެއަށް ނުފޯރިޔަސް، ހަނގުރާމައިގެ އަސަރުން އައި ތަދުގެ ހޫނުކަމުން އެންމެ ބޮޑަށް ފިހުނީ ރާއްޖެތެރެއެވެ. އަމުދުން އުފެއްދުންތެރިކަން ނެތް ނިކަމެތި ރަށްރަށަށެވެ. ކުޅުދުއްފުށްޓަކީ ރުކާއި ބަނބުކެޔޮގަސް ގިނަ ރަށެކެވެ. ބޮޑުތަދާއެކު، ގަސްތަކާއި ރުއްތައް އެއްފަހަރުން "ސާފުކޮށްލިޔަނުދީ" ވީ އެންމެ ގިނަ ދުވަހަކު އެތަކެތި ކައިބޮއެ އުޅެވޭނެގޮތަށް، މުޙައްމަދު ކަލޭފާނުގެ ޙިކުމަތްތެރިކަމުން ގަސްތައް "ހިފަހައްޓާ" އިޤްތިސާދު ކުރުވިއެވެ. ނަމަވެސް ތަދުގެ އަސަރު ނުފިލައި ދިގުލައިގެން ގޮސް މީހުންގެ ހައިހޫނުކަން ދިޔައީ ދުވަހެއް ދުވަހަކަށް ބޮޑުވަމުންނެވެ. ބޮޑުތިލަދުންމަތީގެ އެހެން ރަށްރަށުގެ ޙާލު ވަކީން ބޮޑެވެ. މާލޭގައި ކާޑުގެ ބާވަތްތަކަށް އޮތް ދަތިކަމާ ރާއްޖެތެރޭ މީހުނަށް އޮތް ދަތިކަމުގެ ފަރަޤު ހާސްގުނަ ތަފާތެވެ. ރަދުން އަޅުއްވާ ފިޔަވަޅުތަކުން، ރައްޔިތުންނަށް ލިބެނީ ދަތިކަމާއި ތާށިކަމެވެ. ހައި ހޫނުކަމުގައި މީހުން މަރުވެސް ވަނީއެވެ. މިހާހިސާބަށް ކަންތައް ދިޔުމުން މުޙައްމަދު ކަލޭފާނު އިސްވެ، ބޮޑުތިލަދުންމަތީގެ ބޮޑުންނާއި ރައްޔިތުން އެއްކޮށްފައި "މިގޮތެއް ކަމަކު ނުދެޔޭ، މިއަށްވުރެ ރަނގަޅުގޮތެއް ހޯދުމަށް ހިނގާށޭ" ބުނެ، ފަސްސަތޭކަ ގަނޑެތީގައި ނުވަހާސް މީހުންނާއެކު ބޮޑު ދަތުރަށް ފެށީ، ތަދުގައިވެސް އަދުލެއް ނެތުމުންނެވެ. އެއްވެސް ޙާލެއްގައި ވެރިކަމުގައި ވަކި މީހަކު ހުރެގެން ކުރި އަސަރަކުން ނޫނެވެ. އަދި ވެރިކަން ކުރުމަށް ދަހިވެތިވެ، އަމިއްލަ އެދުމެއް އޮވެގެނެއްވެސް ނޫންމެއެވެ. އަމިއްލަ މަސައްކަތުން ކައިބޮއެ އުޅުނު ރައްޔިތުންގެ "ބަތްތަށީގައި" ސަރުކާރުން އަތްއަޅާތީ އެހެން ގޮތެއް ނެތިގެންނެވެ. މާލެއަށް އައި ދަތުރުގެ ހައިޖާނަށްފަހު، ބޮޑުދަތުރުގެ އެއްވެސް ބައިވެރިއަކަށް އަދަބު ނުދެއްވާނެކަމަށް ރައީސް މުޙައްމަދު އަމީން ދީދީ ވިދާޅުވުމުން، ދަތުރުގެ ބައިވެރިން އެނބުރި ރަށަށް ދިޔައެވެ. އޭގެ މަހެއްހާ ދުވަސްފަހުން، މާލެއިން ވަފުދެއް ގޮސް، މުޙައްމަދު ކަލޭފާނު ހިމެނޭހެން ބޮޑުދަތުރުގައި އިސްކޮށްތިބި މީހުން، "ޝަރީޢަތްކުރަން" މާލެ ގެންދިޔައެވެ. ޝަރީޢަތް ނިންމާ އުޤޫބާތް ކަނޑައެޅުނުއިރު އެންމެ ބޮޑު އަދަބެއް އައީ "އުތުރު ބަޣާވާތުގެ މޭސްތިރިޔާ" މުޙައްމަދު ކަލޭފާނަށެވެ. އެއީ ހަތަރުފަށް އެއްތެލުން ތަޅައި، އަރުވާލުމަށެވެ. މުޙައްމަދު ކަލޭފާނު އަރުވާލީ ފާފު އަތޮޅު ހިމިއްޗަށެވެ. އެދުވަސްވަރާ އަޅާބަލާއިރުވެސް އެންމެ ނިކަމެތި، ދަތި ރަށްރަށުގެ ތެރެއިން ރަށެކެވެ. އަމިއްލަ ބަނޑުފުރާނަ މުއްތިކުރާނެހާ ފަދަނެތް ރައްޔިތަކު ދިރިއުޅޭ ރަށެއްގައި، އަރުވާލާފައި ހުންނަ މީހަކަށް ޖެހޭނެ ހާލަކީ އަދި ކޮބައި ހެއްޔެވެ؟ ކުޅުދުއްފުށީ ބޮޑު މުޙައްމަދު ކަލޭފާނާއެކު އެކުގައި މަސައްކަތް ކުރެއްވި ބައެއް ބޭފުޅުން--- ހިމިއްޗަށް އަރުވާލައި ހުރި ދުވަސްވަރުން ދުވަހަކު، މުޙައްމަދު ކަލޭފާނު އެރަށު އަތިރިމަތީ ހުރި ހޮޅުއަށްޓެއްގައި އޮއްވާ، އެރަށު ކަތީބު އައިސް "މުޙައްމަދާއޭ އޮޑި ބާލަދޭން ކައިރިވެވޭނެ ހެއްޔޭ" އެހުމުން " މަ ނުކައި އޮންނަތާ ތިން ދުވަހޭ. އޮޑި ބާލައިދެވޭނީ ކާން ދިނީމައޭ" މުޙައްމަދު ކަލޭފާނު ބުނެފިއެވެ. މިހެން ބުނުމުން ކަތީބުމެންގެއަށް ގެންގޮސް ކާންދީފިއެވެ. ކައިގެން ދޯނި ބާލަން ގޮސް، ދެން ތިބި މީހުން ކައިރީގައި "ކަލޭމެން ދެ ފަރާތުގަ އޮޑި ހިފަހައްޓަން ތިބޭށޭ" ބުނެފައި، މުޙައްމަދު ކަލޭފާނުގެ ކޮނޑާއި އޮޑީގެ މައްޔާ ދޭތެރެއަށް ބާ ގޯންޏެއް ލައްވާފައި، ކޮނޑުން އަޅައި އެ ދޯނި މޫދަށް ކޮއްޕާލިއެވެ. މިތަންފެނި އެރަށުގެ ރައްޔިތުން ވަރަށް ޖެހިލުންވިކަމަށް ބުނެވެއެވެ. ކޮންމެއަކަސް މިދުވަހަށްފަހު، އެރަށުން ފައިބާންދެންވެސް މުޙައްމަދު ކަލޭފާނު އުޅުނީ ވަރަށް އިއްޒަތުގައި، އެރަށުގެ މީހުންގެ ޤަދަރާއި އިޙުތިރާމް ލިބިގެންނެވެ. އޭގެ ފަހުން އެރަށުގައި ހުރި ދުވަހެއްގައިވިއްޔާ އުޅުނީ ކަތީބުގެ މަސްދޯނީގެ އިސްކެޔޮޅަކަށެވެ. ބޮޑުދަތުރުގެ ޙުކުމުން ވީއްލުމުން އެނބުރި އައިސް ކަލޭފާނުކަމުގެ ޒިންމާތަކައިގެން އިހެކޭވެސް އެއްގޮތަށް ކުރިއަށް ދިޔައެވެ. ބޮޑުދަތުރުގެ ސަބަބުން ލިބުނު އަނިޔާއަކީ، މުޙައްމަދު ކަލޭފާނުގެ ޖެހިލުންކުޑަކަމަށް ކުޑަވެސް އަސަރެއް ކުރިކަމަކަށް ނުވިއެވެ. ހަތަރުފަށް އެއްތެލުން ތަޅަމުން ދިޔައިރު ގައިގެ ހަންގަނޑު ނޮޅި، ލޭ އޮހޮރެމުން ދިޔައިރުވެސް ހަމަ ކުކުރައިވެސް ނުލިއެވެ. އެތަން ފެނުނު އެ އަތޮޅު ނޮޅިވަރަމު މީހަކު ފަހުން މުޙައްމަދު ކަލޭފާނާ ބައްދަލުވެގެން، "އެދުވަހު ހަމަ ކުކުރައިވެސް ނުލީ ތަދު ފަހެ ނުވަނީތޯ" އެހުމުން، "ކިރިޔާ ކަމެއް ވެލާއިރަށް ހޭރިގަންނަން ޖެހޭހޭ" ބުނެ ނިންމާލިއެވެ. ބޮޑުދަތުރުގެ ފަހެވެ. ރައީސް އަމީން ތިލަދުންމަތީ އުތުރަށް (ހއ އަތޮޅަށް) ކުރައްވާ ދަތުރުފުޅެއްގައި، އާރުއޭއެފްގެ މަތިންދާ ބޯޓެއްގައި ވައިގެ މަގުން ފުރަތަމަ ވަޑައިގަތީ ކުޅުދުއްފުށްޓަށެވެ. ހއ އަށް ދަތުރުކުރައްވަން ޖެހިވަޑައިގަތީ ކުޅުދުއްފުށީ އުޅަނދެއްގައި ކަނޑުމަގުންނެވެ. ކުޅުދުއްފުށީ ވެރިޔަކަށް ހުރީ ވެރިކަން ވައްޓާލަން އުޅުމުގެ ތުހުމަތުގައި "ބުރިހަން" ނަގާފައި ހުރި ބޮޑު މުޙައްމަދު ކަލޭފާނެވެ. އަމީންގެ ދަތުރުފުޅަށް ދޯންޏެއް ހަމަޖައްސަން މުޙައްމަދު ކަލޭފާނު ކުރެން އެދުމުން، ކުޅުދުއްފުށީ ކޮއްކޮ އަހަންމަދުބެ ގޯތި ކަށިކެޔޮދޯނި ކިޔާ ރީތި ދޯންޏެއް ހަމަޖައްސައި، ކުރުނބާ އަރުވާ ދަތުރަށް ތައްޔާރުކޮށްދީފިއެވެ. އަދި ފަލި ޖަހާނެ އަށާރަ ފަލިވެރިން ހޯދައި، ކޮންމެ ފަލިވެރިއަކަށް އުސްގެއިން ހުދު މުންޑެއް ދިނެވެ. އަށާރަ ފަލިވެރިންނާއިއެކު ހއ އަށް ރައީސް އަމީން ދަތުރު ފައްޓަވައިފިއެވެ. ހުންގާނުގައި ހުރީ މުޙައްމަދު ކަލޭފާނެވެ. އަށާރަ ފަލީގައި ފައްސިޔަ ވައިގައި ދަތުރު ކުރަމުންގޮސް ކުޅުދުއްފުށްޓާ ކޭލަކުނާ ދެމެދަށް ދޯނި ނެރެފައި ހުންގާނުގައި ހުރި މުޙައްމަދު ކަލޭފާނު، ހުރިހާ ފަލިތަކެއް ދޯނިތެރެއަށް ދަމާލުމަށް ފަލިވެރިންނަށް އެންގިއެވެ. ފަލިވެރިން ދޯނި ތެރެއަށް ފަލިތައް ދަމާލުމުން، ހުންގާނުގައި ހުރެ އަހަފިއޭ! "މިއަދު ކަލޭމެންގެ ވެރިޔަކީ ކާކުހެއްޔެވެ؟" އަށާރަ ފަލިވެރިން އެއް އަޑަކުން ބުނެފިއޭ "ތިމަންމެންގެ ވެރިއަކީ މުޙައްމަދު ކަލޭފާނެވެ" ދެން މަޅު މަތީގައި އިންނެވި ރައީސް އަމީންއާ ދިމާއަށް އެނބުރިލާފައި އަހައިފިއެވެ. "ކަލެއަށް އަޑު އިވިއްޖެ ހެއްޔެވެ؟" އަނެއްކާވެސް ފަލިވެރިންނަށް އިޝާރާތްކޮށް އަހައިފިއެވެ. "މީނަ ކަނޑުފައްތާށޭ މަ ބުނެފިއްޔާ ކަލޭމެން އެކަން ކުރާނަން ހެއްޔެވެ؟" އަށާރަ ފަލިވެރިން އެއް އަޑަކުން އާނއެކޭ ބުނުމުން ރައީސް އަމީންއާ ދިމާއަށް އެނބުރިފައި " ކަލޭ ތިޔައިނީ މަގޭ އަތްދަށުވެފައޭ. މިއަދު ކޮންމެ ގޮތެއް ހެދިޔަސް ކުރެވޭނީ ކީއްހޭ. ކަލޭ މަށަށް ލައްކަ އަނިޔާކުރިޔޭ. އެކަމަކު މަ ކަލެއަށް އަނިޔާއެއް ނުކުރާނަމޭ" ބުނެ ދަތުރައިގެން ކުރިއަށް ދިޔައެވެ. ދަތުރަށް އެރުވި ކުރުނބާ ބުއީ އެ މީހެއްގެ ކުރުނބާ އެމީހަކު ކަނޑައިގެންކަމުން، ރައީސް އަމީންވެސް ކުރުނބާ ހިއްޕެވީ އަމިއްލަފުޅަށް ކަނޑުއްވައިގެންކަމަށް ވެއެވެ. (މި ލިޔުމުގައި ހިމެނޭ، މުޙައްމަދު ކަލޭފާނުގެ ގިނަ ވާހަކަތައް ކިޔައިދެއްވީ މުޙައްމަދު ކަލޭފާނަށް ކާފަ ކިޔާ، ކުޅުދުއްފުށީ މައިޓް އަބްދުއްރަޙްމާން އިސްމާޢީލްއެވެ.) އަބްދުއްރަޙްމާންގެ ބަފައިބެއަކީ، މި ދަތުރުގައި ފަލިވެރިއެއްގެ ގޮތުގައި ބައިވެރިވި ފަރާތެކެވެ. މުޙައްމަދު ކަލޭފާނު ރަށުގެ ވެރިކަމާ ޙަވާލުވެ ހުރިއިރު، ރައްޔިތުންގެ ފައިސާއަށް ކަމޭހިތީ އުފަން ދަރިޔަކަށްވެސް މީހަކު ކަމޭހިތާނެ އެންމެ ބޮޑުމިނަކަށެވެ. އަތޮޅުވެރިކަން ނޮޅިވަރަމްފަރުގައި ކުރި ދުވަސްވަރު، އަތޮޅުވެރިޔަކަށް މާލޭން ކަނޑައަޅާފައިހުރި މަލިންދޮހުއްތުގެ އަތޮޅުވެރިކަމުގައި، އެއްދުވަހަކު ކުޅުދުއްފުށްޓަށް އައިސް "އަތޮޅުގެ ހުރިހާ ރަށެއްގެ ތިޖޫރީވެސް ހުންނަންވާނީ އަތޮޅުވެރިކަން ކުރާ ރަށުގައޭ، އެހެންވެ މިއައީ މިރަށު ތިޖޫރީވެސް ވާރުގެއަށް ގެންދާށޭ" ބުނެފިއެވެ. މިހެން ބުނުމާއެކު، މުޙައްމަދު ކަލޭފާނު ރައްޔިތުންގެ ފައިސާ ފޮށި މަތީގައި އިށީނދެފައި "ނިކަން ގެންދެބަލާށޭ" ބުންޏެވެ. އަތޮޅުވެރިޔާ ފުރައިގެން ދިޔައީ ހުސްއަތާއެވެ. އިބްރާހީމް ނާޞިރުގެ ވެރިކަމުގައިވެސް، ރައްޔިތުންގެ މާލިއްޔަތުގައި ހުރި ފައިސާ ބަލައި ވަޒީރަކު ފޮނުއްވިއެވެ. "ނާޞިރު ކައިރީގައި ބުނާށޭ ކަލޭ ހޯދާފަ ހުރި ލާރިއެއް މިއަކު ނުހުންނާނޭ، މިއީ ކުޅުދުއްފުށީ ރައްޔިތުންގެ މިލްކެކޭ، އެންމެ ލޯ ލާރިއެއްވެސް ނުދޭނަމޭ" ބުނެ މުޙައްމަދު ކަލޭފާނު ރައްޔިތުންގެ ފައިސާގެ ހިމާޔަތުގައި ގަދައަޑުން ބަސް އިއްވިއެވެ. މުޙައްމަދު ކަލޭފާނުގެ ކިބައިން ފެނުނު އަމާނާތްތެރިކަމަކީ، ރައްޔިތުންގެ ހައްޤުތަކާ ޙަވާލުވެތިބި ކޮންމެ ވެރިޔަކަށްމެ އޮތް ފިލާވަޅެކެވެ. ކޮންމެ ދުވަހެއްގެ މަސައްކަތް ނިމުމުން، ރަށުގެ މާލިއްޔަތު ބެލެހެއްޓުމަށް އައްޔަނުކޮށްފައި ތިބޭ ދެ މުވައްޒަފުން ލައްވާ، މުޙައްމަދު ކަލޭފާނުގެ ކުރިމަތީގައި، ތިޖޫރީގައި ހުންނަ ފައިސާ ގުނުވައެވެ. މިގޮތަށް ތިޖޫރީގައި ހުންނަ ފައިސާ ގުނާ ހަމަނުކުރާ ދުވަހަކު މުޙައްމަދު ކަލޭފާނުގެ ވެރިކަމުގައި އިރެއް ނޯއްސެއެވެ. ކަލޭފާނުގެ ޒަމާނުގެ ފަހުކޮޅު މި މަސައްކަތް ކުރެއްވި ކުޅުދުއްފުށީ އާސާމް، މުޙައްމަދު ހަސަން އަދިވެސް ދުނިޔޭގައި އެބަހުންނެވިއެވެ. މުޙައްމަދު ކަލޭފާނުގެ ރަށުގެ ވެރިކަމުން ފޭބިއިރު، ރަށު ރައްޔިތުންގެ މާލިއްޔާގައި އަށް ލައްކައަށްވުރެ ގިނަ ރުފިޔާ ހުއްޓެވެ. ރަށުގެ ވެރިކަމުން ފޭބިއިރުވެސް، ދިރިއުޅޭ ގޯތި ހުރީ ފަނުންނެވެ. މުދަލަކަށް އޮތީ، "ހަންކެނޑި" ކިޔާ މަސް ދޯންޏަކާއި 12 ރިޔަނުގެ ވަދު ދޯންޏެކެވެ. "ހަންކެނޑި" ދޯންޏަށް ކިޔުނު ގޮތެއްކަމަށް ވަނީ، ދޯނި ބަންނަން ފަށައި، އެއްވާނަކުން ނިންމާލެވޭހާ ތަނަވަސްކަމެއް އަތުގައި ނެތުމުން ނުނިމި ދިގުލައިގެން ގޮސް "މި ދޯންޏެއް ބަންނަން އުޅެއުޅެ މިހާރު ހަންކެނޑިއްޖެ" އޭ މުޙައްމަދު ކަލޭފާނު ބުނުމުން ދޯނި ބަން ވަޑިން، ތިޔަހެންވިއްޔާ މި ދޯންޏަށް ކިޔާނީ "ހަންކެނޑި" އޭ ކިޔާފައި ކަމަށްވެއެވެ. ބޮޑު މުޙައްމަދަށް ކަލޭފާނުކަން ލިބުނީވެސް، އިސްނެގުމާއި ކެރުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. ރަށުގެ ވެރިޔަކަށްވީ އާއިލީ ވާރުތަވެރިކަމަކުން ނޫނެވެ. ބޮޑު ކަލޭފާނުކަން ލިބުމުގެ ކުރީގަޔާއި ފަހުގައިވެސް ބޮޑު މުޙައްމަދަކީ، ރަށާއި ރައްޔިތުންނާމެދު ވިސްނައި، ޙައްޤަށް ވަކާލާތު ކުރި ފަހުލަވާނެކެވެ. މީހަކު ކަން ކޮށްދޭނެކަމަށް ނުހުރެ ކަން ކުރަން އަމިއްލައަށް ނުކުމެ، ތަރައްޤީގެ މަގު ދެއްކި އާރުކާޓީއެކެވެ. ދުރަށް ވިސްނައި، ރައްޔިތުންގެ ހައްޤުގައި މުހިއްމު ނިންމުންތައް ފިސާރި ކެރިގެން ނިންމި ކެރޭ ބަޠަލެކެވެ. އަމާނާތްތެރިކަމުގައިވެސް ދެވަނައެއް ނެތްފަދަ މިސާލެކެވެ. ރައްޔިތުން އެދޭފަދަ ލީޑަރެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ