ގަސްތުގައި މީހުން މަރާކަށް ނުވާނެއެވެ.

ޤަތުލު ޢަމްދު، ނުވަތަ ގަސްތުގައި މީހުން މެރުން މިއީ ޝަރުޢީ ޙުކުމެއް ނެތި އެއްވެސް މީހަކު ކޮށްގެން ވާނެ ކަމެއް ނޫނެވެ. އެއީ ބޮޑެތި ފާފައިގެތެރޭ ހިމެނޭ ކަމެކެވެ. މި ރާއްޖޭގައި ވެސް ގަސްތުގައި މީހުން މަރާފައި އެބަހުއްޓެވެ. މި ހިސާބުން އެއީ ކޮންކޮން ބައެއްކަން ވަރަށް ގިނަ މީހުންނަށް އެނގޭނެއެވެ. ހަނދާން ވާނެއެވެ. އަދި ޤާތިލުންނަށް ލިބެންވާ ޙައްޤު އަދަބު ނުލިބި ވާކަން ވެސް ހަނދާނަށް އަންނާނެއެވެ. އަދި މިހިންދުން ހިތަށްއަރާނެ އެއް ކަމަކީ އިސްލާމީ ޝަރީޢަތުގެ އެއް މަޤުޞަދަކީ ނަފުސު ހިމާޔަތްކުރުންކަމެވެ. އެއީ ޙައްޤަކައި ނުލައި އެއްވެސް ފުރާނައެއް ދުއްވައިލުން މަނާކުރުމެވެ. ދިވެހިންގެތެރޭގައި ވެސް މާރާމާރީ އާންމުވެ ޙައްޤަކައިނުލާ މީހުން މެރުން އަންނަނީ އިތުރުވަމުންނެވެ. ޒުވާން ޖޯޝުގައި ބާރުވެރި ގަދަކަން ދެއްކުމަށް، ނޫނީ ތިމާއަށް އެއީ ޢަދުލުވެރި ޙައްޤު އަދަބެއް ކަމަށް ފެންނާތީ ފުރާނައެއް ދުއްވައިލުން އެއީ އެއްވެސް ކަމަކަށް ނުވާ ހިސާބަށް އެ ނުބައި ޖަރީމާ ފޯރައިފިއެވެ. މީހުންގެ ގޯތިގެދޮރަށްވަދެ ހަމަލާދީ ނިދާފައި ތިއްބާ މީހުން މަރައިލަނީއެވެ. ރޯމާ ދުވާލު އެންމެގެ ތެރޭގައި ވެސް ތަޅާފޮޅާ މަރައިލާ ހިސާބަށް ގެންދާކަށް ބައެއް މީހުން ޖެހިލުން ނުވަނީއެވެ. ކުށަކަށް ފަހު ކުށެއްގެ ޝިކާރައަކަށް މީހުން ވަމުން ގޮސް އެކަކު އަނުކަކަށް އަނިޔާވެރިވެ އޭގެން ސަލާމަތްވާން ދޮގު ހަދަމުންހަދަމުން ގޮސް ދެ ފަރާތަށްމެ ގޮތްހުސްވެ ޝައިޠާނާގެ މަކަރުވެރި ވަކިތަކުގައިޖެހި، ބަނދެވި، އެންމެ ފަހުން އަނިޔާގެ އިންތިހާއީ ނިމުމަކަށްވަނީ އެކަކު އަނެކަކުގެ ފުރާނަ ހިފުމެވެ. މިއީ ހަމައެކަނި ޒުވާނުންގެ މެދުގައި ހިނގާ ކަމެކޭ ވެސް ބުނެވޭކަށް ނެތެވެ. ބޮޑެތި ހަރު މީހުން ވެސް މި ހިސާބަށް ފޯރާ ސަބަބުތައް މިއަދު އަޅުގަނޑުމެންގެ ތެރޭ އެބަ ހުއްޓެވެ. އޭގެތެރޭގައި ދެމަފިރިންގެ ދެމެދު ޖެހޭ މައްސަލަތަކަކީ ވެސް ހިމަނައިލެވިދާނެ ކަމެކެވެ. އަނިޔާވެރި ދިރިއުޅުމެއްގައި އުޅެންޖެހިފައި، އެ ކަމުން އަރައިގަންނާނޭ އެއްވެސް ގޮތެއް ނުފެނި މީހުން މާޔޫސްވީމާއި ބައެއް ފަހަރު އަމިއްލައަށް އަމިއްލަ ފުރާނަ ދުއްވައިލަނީއެވެ. ނޫނީ ބައިވެރިޔާގެ ފުރާނަ ހިފަނީއެވެ. އަދި ދަރިން ވެސް މިފަދަ ގެއްލުމުގެ ސަބަބެއް ކަމަށް ހަދާ މީހުން އުޅޭކަން މިއަދު ޚަބަރުތަކުން އިވިފައި އެބަހުއްޓެވެ. ދަރިންގެ ފުރާނަ މައިންބަފައިން އެއްވެސް ބިރެއް ޖެހިލުމެއް ނެތި ދުއްވައިލާ ކަމުގެ ޚަބަރު ބޮޑަށް ލިބިފައި ވަނީ ވިހާ ޅަކުދިންގެ މައްޗަށެވެ. އެ ކުޑަ މައުސޫމު ކުއްޖާގެ އެއްވެސް ކުށެއް ނެތެވެ. ތިމާ ކުޅަ ކުށެއްގެ އަނިޔާ ވެސް ތިޔަ ދެނީ އެހެން ފުރާނައަކަށެވެ. މިފަދަ އެތައް ޖަރީމާއެއް މިއަދު މި ދިވިހިރާއްޖޭގައި ހިނގަމުން ދާކަމީ ދިވެއްސެއްގެ ޙައިޘިއްޔަތުން އަޅުގަނޑު ވެސް ކުށްވެރިކަން އިޙުސާސްކޮށް ލަދު ހީވާ ކަމެކެވެ. ޙައްޤަކައި ނުލާ މީހަކު މެރުމަކީ ޤާތިލަށް ދެ ދުނިޔޭގައި ވެސް އެ ކަމުގެ ހިތާމަ ފޯރާނޭ ކަމެކެވެ. ނޫނީ ބާރުގަދަ ނުފޫޒުގަދަ މީހުންނަށް މި ދުނިޔޭގެ އަދަބުން ސަލާމަތްވެގެން ފިލައިގެން އުޅެވިދާނެއެވެ. އެހެނަސް އާޚިރަތުގެ ޢަދުލުވެރި އިންސާފުގެ ދަރުބާރުގައި އޭނާގެ ކުށްވެރިކަން ބޭޒާރުވެ ޙައްޤު އަދަބު ފުރިހަމައަށް ލިބޭނެއެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ﴿وَمَن يَقْتُلْ مُؤْمِنًا مُّتَعَمِّدًا فَجَزَاؤُهُ جَهَنَّمُ خَالِدًا فِيهَا وَغَضِبَ اللَّهُ عَلَيْهِ وَلَعَنَهُ وَأَعَدَّ لَهُ عَذَابًا عَظِيمًا﴾ (النساء: ٩٣‏) މާނައީ: "އަދި ޤަޞްދުގައި މުއުމިނަކު މަރާމީހާ ދަންނައެވެ! ފަހެ، އެ މީހާގެ ޖަޒާއަކީ ނަރަކައެވެ. އެ ތާނގައި ދެމިހުންނަނިވި ގޮތުގައެވެ. އަދި ﷲ، އެ މީހާގެ މައްޗަށް ކޯފާލައްވައި ލަޢްނަތް ލައްވައެވެ. އަދި ބޮޑުވެގެންވާ އަޒާބު އެ މީހާއަށް ތައްޔާރު ކުރެއްވިއެވެ." އަޅުގަނޑުމެންގެ ދިވެހިރާއްޖެއަކީ އިސްލާމީ މުޖުތަމަޢެކެވެ. މި ތަނުގައި އިސްލާމީ ޙުކުމް ހިނގަންވާނެއެވެ. ޢަދުލުވެރި ޝަރީޢަތް ތަންފީޒުކުރެވެންވާނެއެވެ. އެއީ ހުރިހާ އެންމެންގެ ރައްކާތެރިކަމާއި ހަމަޖެހުން އޭގައި ލައްވައިފައިވާ ޢަދުލުވެރި އިލާހުގެ ޙަޟްރަތުން ފޮނުއްވައިފައި އޮތް ޙައްލެވެ. ކަންކަމުގެ ފުރިހަމަ ނިމުން އޭގައި ހިމަނުއްވައިފައި ވެއެވެ. އޭގައި ވަނީ މުޖުރިމުންނަށް އަނިޔާވެރިނުވެ އޭނާ ހިންގި ޖަރީމާއާ އެކަށޭނަ ޙައްޤު މިންވަރަކަށް އަދަބު ދީފައި، އަނިޔާ ލިބުނު މީހުންނަށް ޙައްޤު ބަދަލު ދީފައި، އާންމުންގެ މަސްލަޙަތު ޙީމާޔަތްކުރުމަށް އިންތަކެއް ކަނޑައަޅުއްވައިފައެވެ. މި ނިޒާމުން އެހީވަނީ މުސްތަޤުބަލުގައި ޖަރީމާތައް ތަކުރާރު ނުވާނޭ އަމާން މުޖުތަމަޢެއް ޤާޢިމުކުރުމަށެވެ. ކަމުގެ ނުބައިކަމާއި މައްސަލައިގެ ގޯސްކަން މީސްތަކުންނަށް ވިސްނަވައިދެއްވުމަށް ޓަކައި މުސްލިމެއްގެ ފުރާނަ ނެތިކޮށްލުމުގެ ނުބައިކަން ބަޔާންކުރައްވައި ކީރިތި ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ޙަދީޘް ކުރައްވައިފައި ވެއެވެ. «لَزَوَالُ الدُّنْيَا أَهْوَنُ عَلَى اللَّهِ مِنْ قَتْلِ رَجُلٍ مُسْلِمٍ» [رواه الترمذي رقم: 1395 (وصححه الألباني)] މާނައީ: " މުސްލިމެއް ޤަތުލު ކޮށްލުމަށްވުރެ ދުނިޔެއާއި ދުނިޔޭގައި ވާހައި އެއްޗެއް ނެތި ފަނާވެގެން ދިޔުން ވެސް މާތް ﷲގެ ޙަޟުރަތުގައި ލުއިވެގެން ވެއެވެ. މުސްލިމެއްގެ ފުރާނައާ ކުޅުމަކީ އާދައިގެ ކަމެއް ނޫނެވެ. އެހެން މީހެއްގެ ފުރާނަ ވިޔަސް އަމިއްލަ ނަފުސުގެ ފުރާނަ ވިޔަސް މެއެވެ. ނުބައި ޖަރީމާތަކުގެ ޝިކާރައަކަށް ވުމުން އަޅަމެން ސަލާމާތްކޮށްދެއްވާނދޭވެ! އަދި ނުބައި ޖަރީމާތަކަށް އަރައިގަނެވުމުގެ ނުބައިކަމުން ވެސް އަޅަމެންނަށް ރައްކާތެރިކަންދެއްވާނދޭވެ! آمين.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ