ޕާކިސްތާނުން އަފްގާނިސްތާނަށް ވައިގެ ހަމަލާތަކެއްދީ މަދުވެގެން 10 މީހުން މަރާލައި ބޯޑަރު ސަރަހައްދުގައި ދެ ދުވަސް ކުރިން ގާއިމު ކުރި ސުލްހައިގެ މުއާހަދާއާ ޕާކިސްތާނުން ހިލާފުވެފައިވާ ކަމަށް އަފްގާނިސްތާނުން ބުނެފި އެވެ.
ޖުމްލަ 48 ގަޑިއިރަށް ދެމިގެން ދިޔަ ހަނގުރާމަ ހުއްޓާލި އިރު، ދެ ފަރާތުގެ ސިފައިންނާއި އާންމުންގެ ގިނަ ބަޔަކު ވަނީ މަރުވެފަ އެވެ.
"ޕާކިސްތާނުން ވަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފުވެ، ޕަކްޓިކާގެ ތިން ސަރަހައްދަކަށް ބޮމުގެ ހަމަލާތައް ދީފައި،" ތާލިބާނުންގެ އިސް އޮފިޝަލަކު ނަން ނުޖެހުމަށް ޝަރުތުކޮށް އޭއެފްޕީ ނިއުސް އެޖެންސީއަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕްރޮވިންސަށް އެ ހަމަލާދީފައި ވަނީ ހުކުރު ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ.
"އަފްގާނިސްތާނުން ރައްދު ދޭނެ،" އޭނާ ވިދާޅުވި އެވެ.
އެ ޕްރޮވިންސްގެ ހޮސްޕިޓަލުގެ އޮފިޝަލަކު އޭއެފްޕީއަށް ވިދާޅުވީ އެ ހަމަލާތަކުގައި އާންމުންގެ 10 މީހަކު މަރުވެ، 12 މީހަކު ޒަހަމްވެފައިވާ ކަމަށެވެ. އަދި މަރުވި މީހުންގެ ތެރޭގައި ދެ ކުޑަކުދިން ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އަފްގާނިސްތާނު ސަރުކާރުގެ ތަރުޖަމާނަކު ވިދާޅުވީ ދެ ގައުމުގެ އޮފިޝަލުން އިއްޔެ ދޯހާގައި ބައްދަލު ކުރެއްވި ކަމަށެވެ.
އަފްގާނިސްތާނުގެ ޑިފެންސް މިނިސްޓަރު މުއްލާ މުހައްމަދު ޔައުގޫބް ހިމެނޭ ގޮތަށް އަފްގާނިސްތާނުގެ އިސް ވަފުދެއް ދޯހާއަށް ދަތުރު ކުރި ކަމަށް އޭނާ ވިދާޅުވި އެވެ.
ޕާކިސްތާނުގެ ދިފާއީ ވަޒީރު ހަވާޖާ އާސިފާއި އިންޓެލިޖެންސްގެ ވެރިޔާ ޖެނެރަލް އާސިމް މާލިކް ދޯހާއަށް ވަޑައިގަތް ކަމަށް ޕާކިސްތާނުގެ ދައުލަތުގެ ޓީވީން ވަނީ ބުނެފަ އެވެ.
އަފްގާނިސްތާން ކްރިކެޓް ބޯޑުން ނެރުނު ބަޔާނެެއްގައި ބުނީ ޕާކިސްތާނުން އެންމެ ފަހުން ދިން ވައިގެ ހަމަލާތަކުގައި، އެ ސަރަހައްދުގައި އޭރު ތިބި ތިން ކުޅުންތެރިންނާއި އިތުރު ފަސް މީހަކު މަރުވެފައިވާ ކަމަށާއި އިތުރު ހަތް މީހަކަށް އަނިޔާވެފައިވާ ކަމަށެވެ.
ޕާކިސްތާނުގެ ސަލާމަތީ ބާރުގެ އިސް އޮފިޝަލަކު އޭއެފްޕީއަށް ވިދާޅުވީ އަފްގާނިސްތާނުގެ ބޯޑަރު ސަރަހައްދުތަކުގައި ހާފިޒް ގުލް ބަހާދުރު ޖަމާއަތަށް އަމާޒުކޮށް ވައިގެ ހަމަލާތައް ދިން ކަމަށެވެ.
ހަމަނުޖެހުންތަކުގެ މައިގަނޑު އަސާސަކީ ސަލާމަތީ ކަންބޮޑުވުންތަކެވެ. ޕާކިސްތާނުން ތުހުމަތު ކުރާ ގޮތުގައި، އަފްގާނިސްތާނުން ދަނީ ޕާކިސްތާނުގެ ތާލިބާނުންގެ ބާރުގެ ދަށުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާއަތްތަކަށް ހިމާޔަތް ދެމުންނެވެ. ނަމަވެސް އެ ތުހުމަތު އަފްގާނިސްތާނު ބަލައެއް ނުގަނެ އެވެ.
މިދިޔަ ހަފުތާގެ ހޮނިހިރު ދުވަހުން ފެށިގެން ބޯޑަރު ސަރަހައްދުގައި ހިނގަމުންދާ ހަމަނުޖެހުންތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އަދި އެ ހަމަލާތައް އިތުރުވީ އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގައި ބޮމުގެ ހަމަލާތަކެއްދީ މުޅި ތަން ގުޑުވާލި ފަހުންނެވެ. އެކަންކަމާ މުނާސަބަތުވާ ގޮތަށް އަފްގާނިސްތާނުގެ ހާރިޖީ ވަޒީރު ވަނީ ޕާކިސްތާނުގެ އެންމެ ބޮޑު ދުޝްމަން، އިންޑިއާއަށް ދަތުރުފުޅެއް ފައްޓަވައިފަ އެވެ.
ތާލިބާނުން ވަނީ ޕާކިސްތާނުގެ ދެކުނުގެ ބޯޑަރު ސަރަހައްދަށް ހަމަލާ ދޭން ފަށައިފަ އެވެ. އަދި އެކަމުގެ ބަދަލު އިސްލާމްއާބާދުން ވަރުގަދައަށް ދޭނެ ކަމަށް ވަނީ ބުނެފަ އެވެ.
އެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލު ކުރުމަށް ނިންމާފައި އޮތީ އިއްޔެ މެންދުރު އެވެ. އިސްލާމްއާބާދުން ބުނީ އެކަން ދެމި އޮންނާނީ 48 ގަޑިއިރަށް ކަމަށެވެ. ނަމަވެސް ޕާކިސްތާނުން އެ އެއްބަސްވުމާ ހިލާފުނުވާހާ ހިނދަކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ދެމި އޮންނާނެ ކަމަށް ކާބުލް އިން ބުނެ އެވެ.
އަފްގާނިސްތާނުގައި ހުންނަ އދ.ގެ އެހީދޭ މިޝަނުން ބުނީ އެންމެ ފަހުން ދިން ހަމަލާއާ ހަމައަށް އަފްގާނިސްތާނުގެ ބޯޑަރު ސަރަހައްދުގައި 37 މީހުން މަރުވެ 425 މީހަކު ޒަހަމްވެފައިވާ ކަމަށެވެ.
ސުލްހައިގެ މުއާހަދާއާ ޕާކިސްތާނުން ހިލާފުވެފައިވާ ކަމަށް އަފްގާނިސްތާނުން ބުނެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ