ޝާހުގެ އުފަންދުވަހާ ގުޅުވައިގެން ފިލްމު ފެސްޓިވަލްއެއް ބާއްވަނީ

ބޮލީވުޑްގެ މަގުބޫލު އެކްޓަރު ޝާހްރުކް ޚާންގެ 60 ވަނަ އުފަންދުވަހާ ދިމާކޮށް އެކްޓަރުގެ ފިލްމުތަކަށް ޚާއްސަ ފިލްމު ފެސްޓިވަލްއެއް ބާއްވަން ނިންމައިފިއެވެ. އަންނަ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހު ޝާހުއަށް 60 އަހަރު ފުރުމާ ދިމާކޮށް ބާއްވާ ފިލްމު ފެސްޓިވަލް އިންތިޒާމު ކުރަނީ އިންޑިއާގެ އެންމެ ބޮޑު ސިނަމާ ޗެއިން އަދި ފިލްމު ޑިސްޓްރިބިއުޝަން ކުންފުނި ޕީވީއާރް އިނޮކްސްއިންނެވެ. ޕީވީއާރް އިނޮކްސްއިން އެކަން އިއުލާނުކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހުއެވެ. އެކަން އިއުލާނު ކުރުމާ ގުޅިގެން ދާދިފަހުން ނެޝަނަލް އެވޯޑު ކާމިޔާބުކުރި އެކްޓަރު ބުނީ އަލުން ޝާހުގެ ފިލްމުތައް ބަލާލުމުގެ ފުރުސަތު ބެލުންތެރިންނަށް ލިބުމަކީ އޯޑިއަންސާ އަލުން ބައްދަލުކުރެވޭ ކަމުގެ އިހުސާސެއް ކުރުވާނެ ކަމެއް ކަމަށާއި އެކަމާ ވަރަށް އުފާވެއްޖެ ކަމަށެވެ. 'ޝާހްރުކް ޚާން ފިލްމު ފެސްޓިވަލް'ގެ ނަމުގައި ބާއްވާ މި ފިލްމު ފެސްޓިވަލް ފަށަން ހަމަޖެހިފައި ވަނީ މި މަހުގެ 31ގައެވެ. ދެ ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ މި ފެސްޓިވަލް އިންޑިއާގެ 30އަށް ވުރެ ގިނަ ސިޓީގެ 75އަށް ވުރެ ގިނަ ސިނަމާތަކުގައި ކުރިއަށްގެންދަން ވަނީ ނިންމާފައެވެ. ޝާހު އެކި ފިލްމުތަކުގެ ޝޫޓިންގްތެރޭ ނަގާފައިވާ ފޮޓޯތަކެއް--ފޮޓޯ/ޕިންޓްރެސްޓް މި ފެސްޓިވަލްގައި ދެއްކުމަށް ހަމަޖެހިފައިވާ ފިލްމުތަކުގެތެރޭ "ކަބީ ހާ ކަބީ ނާ"، "ދިލް ސޭ"، "ދޭވްދާސް"، "މޭ ހޫ ނާ"، "އޯމް ޝާންތީ އޯމް" އަދި ފިލްމު "ޖަވާން"ގެ އިތުރުން "ޗެންނާއި އެކްސްޕްރެސް" ހިމެނެއެވެ. ފިލްމު "ޖަވާން"އިން ކެރިއަރުގެ ފުރަތަމަ ނެޝަނަލް އެވޯޑު ކާމިޔާބުކުރި އެކްޓަރު ބޮލީވުޑަށް ތައާރަފްވެފައި ވަނީ 1992 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ދީވާނާ"އިންނެވެ. އެ ފިލްމަށް ލިބުނު މަގުބޫލު ކަމާއެކު ޝާހު ވެފައި ވަނީ ބޮލީވުޑްގެ ކިންގް ޚާންގެ ނަމުން ގިނަ ބަޔަކު މުޚާތަބުކުރާ އިންޑަސްޓްރީގެ އެންމެ ނުފޫޒުގަދަ އެއް އެކްޓަރަށެވެ. ފިލްމު "ދުންކީ"އިން އެންމެފަހުން ބެލުންތެރިންނަށް ފެނުނު އެކްޓަރު އަންނަނީ ދަރިފުޅު ސުހާނާ ޚާންގެ ފުރަތަމަ ބޮޑު ސްކްރީން ފިލްމު "ކިންގް" މަސައްކަތް ކުރަމުންނެވެ. ވަރަށް ބޮޑު ބަޖެޓަކުން އުފައްދާ މި ފިލްމު ބެލުންތެރިންނަށް ގެނެސްދޭނެ ވަކި ތާރީޚެއް އަދި އިއުލާނެއް ނުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ