ސްކޭމަރުންގެ ނަމްބަރުތައް ހާމަކުރާ އެޕެއް ފުލުހުން ތައާރަފުކުރަނީ

އިންޓަނެޓް މެދުވެރިކޮށް ކުށްކުރާ މީހުން ބޭނުންކުރާ ނަމްބަރުތައް ހާމަކުރުމަށް، އެޕްލިކޭޝަނެއް ތައާރަފުކުރުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. ހުކުރު ދުވަހުގެރޭ ދައުލަތުގެ މީޑިއާއިން ގެނެސްދިން ޕްރޮގްރާމެއްގައި އިންސްޕެކްޓާ އޮފް ޕޮލިސް އަޒީފް އައްބާސް ވިދާޅުވީ، ސައިބާ ސްޕޭސް މެދުވެރިކޮށް ކުރާ ކުށްތަކަށް ހޭލުންތެރިކުރުމަށް 'ޕޮލިސް.އެމްވީ'ގެ ނަމުގައި ޚާއްސަ އެޕްލިކޭޝަނެއް އިފުތިތާހުކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ، މިފަދަ ކުށްތަކާއި، އެ ކަންކަމާ ގުޅޭގޮތުން އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ބޭނުންވާ މައުލޫމާތުތައް މި އެޕްލިކޭޝަން މެދުވެރިކޮށް ލިބޭނެ ކަމަށެވެ. މީގެ އިތުރުން، ސައިބާ ސްކޭމަރުން ބޭނުންކުރާ މޮބައިލް ނަމްބަރުތަކާއި، އެކައުންޓް ނަމްބަރުތަކާއި، ސްކޭމަރުން ބޭނުންކުރާ ފިޝިން ލިންކެއް އުޅޭނަމަ އެއާ ގުޅޭ މައުލޫމާތުތައް ވެސް އެޕުން ފެންނަން ހުންނާނެ ކަމަށް އަޒީފް ވިދާޅުވިއެވެ. މީހަކު ފޯނާ ކުޅެނީ: ޒަމާނީ ޓެކްނޮލޮޖީއާއެކު، ސްކޭމްކުރުމުގެ މައްސަލަތައް ވެސް އަންނަނީ އިތުރުވަމުން - ސަން ފޮޓޯ މި އެޕްލިކޭޝަންގައި ކޮންމެ އަށް ގަޑިއިރަކުން މަޢުލޫމާތުތައް އަޕްޑޭޓްކުރަމުން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކޮންމެ މީހަކު ވެސް ހުށަހަޅާ މައްސަލައިގެ އަޕްޑޭޓް އެޕްލިކޭޝަން މެދުވެރިކޮށް ބެލޭނެ ކަމަށް އަޒީފް ވިދާޅުވިއެވެ. "މި އެޕުގައި މި ހިމެނޭ ޑާޓާގެ އިތުރުން ސްކޭމް ކޯލެއް އިތުރު މީހަކަށް އައިމަ، މި ސްކޭމް ކޯލް އަންނަ ފަރާތުން އަޅުގަނޑުމެންނަށް އެ އިމްޕޯޓް އެބަ ކޮށްލެވޭ ޑޭޓާ. އެއަށްފަހު އަޅުގަނޑުމެން އޭތި ވެލިޑޭޓް ކޮށްފަ ޕަބްލިޝް ކުރާނަން. އެޕްގައި ހަމަ ސާޗް ކޮށްލީމަ ހުރިހާ ރައްޔިތުންނަށްވެސް ފެންނަ ގޮތަށް މި އެޕް އަޅުގަނޑުމެން މި ލޯންޗުކުރަނީ،" އޭނާ ވިދާޅުވެފައިވެއެވެ. މިދިޔަ އަހަރު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، ސައިބާ ކްރައިމްގެ އަމަލުތަކަކީ ކުށްކަމަށް ކަނޑައެޅުމަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނުމުގެ ބިލާއި އެފަދަ ކުށްތަކާބެހޭ މައުލޫމާތާއި ހެއްކާ ބެހޭގޮތުން އެހެން ގައުމުތަކާއެކު ގާނޫނީ އެހީތެރިކަން ބަދަލު ކުރެވޭގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިސްލާހު ތަސްދީގު ކުރައްވައިފައެވެ. https://sun.mv/212431 އެ އިސްލާހުތަކުގައި ވަނީ، ހުއްދަނެތި ކޮމްޕިއުޓަރު ސިސްޓަމަކަށް އެކްސެސްވުމާއި ހުއްދަނެތި ކޮމްޕިއުޓަރު ޑޭޓާ ނެގުން ފަދަ ކަންކަން ކުށުގެ ގޮތުގައި ހިމަނައިފައެވެ. ޒަމާނީ ޓެކްނޮލޮޖީއާއެކު ސްކޭމް ކުރުމުގެ މައްސަލަތައް ރާއްޖޭގައި ވެސް ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ މަހުގެ 28އިން މި މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ސްކޭމްގެ އެކި މައްސަލަތަކުގައި ތިން ލައްކަ ރުފިޔާ ގެއްލުނު ކަމަށް ފުލުހުންގެ ތަފާސްހިސާބުން ދައްކައެވެ. އޭގެ ތެރެއިން ދެ ލައްކަ ރުފިޔާ ހޯދައިފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ