ނުކުޅެދުންތެރިކަން ހުންނަ 40 މީހަކަށް އެމްޕީއެލްއިން ވަޒީފާ ދީފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތު ޔަގީންކޮށްދިނުމަށް ޕްރޮގްރާމެއް ފަށައި، ނުކުޅެދުންތެރިކަން ހުންނަ 40 މީހަކަށް މިއަދު ވަޒީފާގެ ލިޔުން ދީފިއެވެ. އެމްޕީއެލްގެ "ފަހި ޕްރޮގްރާމް – އެކުއެކީ، ގުޅިގެން" ޕްރޮގްރާމް ރަސްމީކޮށް އިފްތިތާޙުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދެވެ. އެ ރަސްމިއްޔާތުގައި ސާޖިދާ ދެއްކެވި ވާހަކަފުޅުގައި، އެފަދަ ޕްރޮގްރާމްތަކުން ފަހިވާ ވަޒީފާގެ ފުރުސަތުތަކުން އިންސާނީ ކަރާމާތް ހިމާޔަތްކުރުމަށް އިސްކަންދެވި، ހުރިހާ ދިވެހިންނަކީ ހަމަހަމަ ބައެއްކަން އަމަލީގޮތުން ސާބިތުވާ ކަމަށް ވިދާޅުވިއެވެ. އަދި، އެއީ އެތައް ދިވެހި ރައްޔިތުންގެ ހިތްދަތި އިހްސާސްތަކާއި ވޭންތަކަށް ދެވުނު ފަރުވާއެއްކަމަށް ވެސް އެކަމަނާ ފާހަގަކުރެއްވިއެވެ. ސާޖިދާ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުން، ތާރީޚީ ގޮތުންވެސް ގައުމުތަކާއި އިންސާނިއްޔަތުގެ ތަރައްގީއާއި ކުރިމަގަށް އަގުނުކުރެވޭ ޚިދުމަތް ކޮށްދީފައިވާ ކަމަށެވެ. އަދި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވަނީ އެ ފަދަ ފަރާތްތަކާމެދު ދެކޭ ނަޒަރިއްޔާތު ބަދަލުކޮށް، ގަދަރާއި، ހިތްވަރާއި، އެހީތެރިކަން ފޯރުކޮށްދީ، އަމިއްލަ އަސާސީ ބޭނުންތައް އަމިއްލަ މަސައްކަތުން ފުއްދުމުގެ އަބުރުވެރި ފުރުޞަތު ފަހިވުން ކަމަށް އެ ކަމަނާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވާހަކަދައްކަވަނީ: ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީ ގައުމުގެ ތަރައްގީއަށް މުހިންމު ބައެއް----ފޮޓޯ: ރައީސް އޮފީސް އެމްޕީއެލްއިން ކުރިއަށްގެންދާ ޕްރޮގްރާމަކީ، ބައެއް ކަހަލަ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އާމްދަނީ ހޯދޭނެ މަގުތަކެއް ފަހިކޮށްދިނުމުގެ ގޮތުން ރައީސް ކަނޑައެޅުއްވި ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މިއަދުގެ ރަސްމިއްޔާތުގައި، އެ ކުންފުނީގެ ވެބްސައިޓުގައި އަލަށް ތަޢާރަފުކުރާ އެކްސެސިބިލިޓީ ފީޗާ ވެސް އިފްތިތާހުކޮށްފައިވެއެވެ. އެ ފީޗާ އިފުތިތާހްކޮށްދެއްވީ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. ޢާއިޝަތު ޝިހާމެވެ. އެމްޕީއެލްއިން ވަނީ "ފަހި ޕްރޮގްރާމް – އެކުއެކީ، ގުޅިގެން" ގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ 40 ފަރާތަކަށް ވަޒީފާ ދީފައެވެ. މިވަގުތުވެސް އެމްޕީއެލްގެ އެކި ދާއިރާތަކުގައި، ނުކުޅެދުންތެރިކަން ހުންނަ 32 މީހުން މަސައްކަތްކުރާ ކަމަށް އެ ކުންފުނިން ބުންޏެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދައުލަތުގެ ވަޒީފާތައް ހަމަޖެއްސުމަކީ ރައީސްގެ ވައުދުފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ