އަތޮޅު ކައުންސިލުތައް އުވައިލުން ގާނޫނުއަސާސީއާ ހިލާފުވުމުގެ އިތުރުން ރާއްޖެ އުފެދިފައިވާ ގޮތާ ވެސް އިދިކީލި: އަލީ ހުސެއިން އަތޮޅު ކައުންސިލުތައް އުވައިލުން ގާނޫނުއަސާސީއާ ހިލާފުވުމުގެ އިތުރުން ރާއްޖެ އުފެދިފައިވާ ގޮތާ ވެސް އިދިކީލި: އަލީ ހުސެއިން

އަތޮޅު ކައުންސިލުތައް އުވައިލުން ގާނޫނުއަސާސީއާ ހިލާފުވުމުގެ އިތުރުން ރާއްޖެ އުފެދިފައިވާ ގޮތާ ވެސް އެކަން މުޅިން އިދިކީލި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.
އަތޮޅު ކައުންސިލުތައް އުވާލުމަށްޓަކައި ގާނޫނުއަސާސީ އިސްލާހު ކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށައިފަ އެވެ. އަދި އަތޮޅު ކައުންސިލު ނުހިމެނޭ ގޮތަށް ގާނޫނު އިސްލާހު ކުރަން ވެސް މިހާރު ވަނީ ހުށަހަޅައިފަ އެވެ.
އެކަމާ ގުޅޭ ގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަލީ ވިދާޅުވީ ގުދުރަތީ ގޮތުން ރާއްޖެ އުފެދިފައި ވަނީ އަތޮޅުތަކަކަށް ކަމަށެވެ. އެއީ ދިވެހިވަންތަ ސިފައެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ، އަތޮޅު ކައުންސިލު އުވާލުން ރާއްޖެ އުފެދިފައިވާ ގޮތާ ދިމާ އިދިކީލި ކަމަށެވެ.
"އަތޮޅުތަކާއި އަތޮޅު ކައުންސިލްތައް އުވާލުމަކީ ގާނޫނު އަސާސީއާ ހިލާފު ކަމެއް. އަދި އެއީ ދިވެހިވަންތަކަމާ ދިވެހި ރާއްޖޭގެ ގުދުރަތީ ގޮތުން އުފެދިފައިވާ ގޮތާއި ދިމާ އިދިކީލި ކަމެއް،" އަލީ ވިދާޅުވި އެވެ.
އަތޮޅު ކައުންސިލު އުވައިލުމަކީ ރައީސް މުހައްމަދު މުއިއްޒު ގެންގުޅުއްވާ ވިސްނުމެވެ. އަތޮޅު ކައުންސިލުތަކުގެ އެއްވެސް ބޭނުމެއް ނެތް ކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވަ އެވެ.
"ކޮންމެ ރަށެއްގެ ރަށު ކައުންސިލް މިކަމަށް ހެކި ވާނެ. އެއީ އެއްވެސް ބޭނުމެއް އޮތް އެއްޗެއް ނޫން. އެހެންވީމާ ގާނޫނުއަސާސީ އަޅުގަނޑުމެން އިސްލާހު ކުރާނަން. ގާނޫނުއަސާސީ އިސްލާހު ނުކޮށެއް ނެތް މިކަމެއް ވާކަށް، އަތޮޅު ކައުންސިލްތައް އުވާލުމެއް،" އޯގަސްޓު، 2025، ގައި މުއިއްޒު ވިދާޅުވި އެވެ.
އަތޮޅު ކައުންސިލުތައް އުވައިލުމުގެ އިތުރުން، ރަށު ކައުންސިލުތަކުގެ ސައިޒު ކުޑަ ކުރުމަކީ ވެސް ސަރުކާރުގެ ސިޔާސަތެކެވެ. އެކަމަށް ގެންނަންޖެހޭ ބަދަލުތައް ވެސް ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފަ އެވެ. ސަރުކާރުން ބޭނުން ވަނީ 2000 މީހުން ހަމަނުވާ ރަށްރަށުގައި ކައުންސިލުގައި އެންމެ ތިން މެންބަރުން ބޭތިއްބުމަށެވެ.
އޭގެ އިތުރުން ވެސް، ލާމަރުކަޒީ ނިޒާމުން ރަށްރަށާއި އަތޮޅުތަކަށް ލިބިދީފައިވާ މިނިވަންކަމާއި ބާރުތައް އަތުލުމުގެ އެތައް މަސައްކަތެއް ސަރުކާރުން ދަނީ ކުރަމުންނެވެ. އޭގެ ތެރޭގައި، ވިޔަފާރި ކުރަން ލިބޭ މިނިވަންކަން ހަނި ކުރުމާއި ޕްރޮޖެކްޓު ހިންގާއި މުވައްޒަފުން ނަގަން ލިބޭ އަމިއްލަ ބާރު ވެސް ވަނީ ހަނިކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ