ކުޑަކުދިންގެ އުފާފާގަތިކަމަށް އަހުމިއްޔަތުކަންދެއްވުންމަތީ ދެމިހުންނަވާނޭކަން ހާމަކުރައްވައި، ބައިނަލްއަޤުވާމީގޮތުން ފާހަގަކުރާ ކުޑަކުދިންގެ ދުވަހުގެ މުނާސަބުގައި ރައީސުލްޖުމްހޫރިއްޔާ މެސެޖެއް ފޮނުއްވައިފި

ދިވެހިރާއްޖޭގައި ކުޑަކުދިންނަށް، ރައްކާތެރިކަމާއި، އަބުރުވެރިކަމާއި، ފުރުޞަތުތައް ކަށަވަރުކޮށްދިނުމުގައި ދިވެހިން ތިބީ އެއް އަޒުމެއްގައިކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ބައިނަލްއަޤުވާމީގޮތުން ފާހަގަކުރާ ކުޑަކުދިންގެ ދުވަހުގެ މުނާސަބުގައި އެމަނިކުފާނުގެ ރަސްމީ އެކައުންޓުން ހިއްސާކުރެއްވި މެސެޖެއްގައެވެ.
އެމަނިކުފާނުގެ މެސެޖުގައި ދިވެހި ކުޑަކުދިން ސިފަކުރައްވާފައިވަނީ، މި ޤައުމުގެ އުންމީދު އަދި ފާގަތި މުސްތަޤުބަލެއްގެ ބިންގަލުގެ ގޮތުގައެވެ. އަދި ކޮންމެ ކުއްޖަކަށްވެސް، އެކުއްޖެއްގެ ފުރިހަމަ ޤާބިލިއްޔަތަށް ވާސިލުވެވޭނޭ ފަދަ ވެއްޓެއް ޤާއިމުކުރުމަށްޓަކައި، މުޅި މުޖުތަމަޢު ގުޅިގެން މަސައްކަތްކުރުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
ބައިނަލްއަޤުވާމީގޮތުން ފާހަގަކުރާ ކުޑަކުދިންގެ ދުވަހުގެ މުނާސަބުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ވަނީ، އެކަމަނާގެ އެކްސް އެކައުންޓުން މެސެޖެއް ހިއްސާކުރައްވާފައެވެ.
އެކަމަނާގެ މެސެޖުގައި ވަނީ، ކުޑަކުދިންގެ ވާހަކަތައް ކަނުލައި އަޑުއަހައި، އޯގާތެރިކަމާއެކު އެކުދިންނާ މުއާމަލާތުކުރުމަށް އިލްތިމާސްކުރައްވާފައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ކުޑަކުދިންގެ ހިތްވަރާއި، އުފެއްދުންތެރިކަމަށް އިޝާރާތްކުރައްވައި، ކުޑަކުދިންގެ ޝުޢޫރުތަކާއި ޚިޔާލުތަކަށް އިޙުތިރާމު ޙައްޤުކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި ކުޑަކުދިންނަށް މާނަވީ ގޮތެއްގައި ފުރުޞަތުތައް ހޯދައިދީ، އުންމީދުން ފުރިގެންވާ މުސްތަޤުބަލެއްގެ ތަސައްވުރު، އެކުދިންނަށް ހޯދައިދިނުމަކީ ޖަމަޢީ މަސްއޫލިއްޔަތެއްކަން އެކަމަނާ ހަނދުމަފުޅުކޮށްދެއްވިއެވެ.
ކޮންމެ އަހަރެއްގެ ނޮވެންބަރު މަހުގެ 20 ވަނަ ދުވަސް، ކުޑަކުދިންގެ ދުވަހުގެ ގޮތުގައި ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަކުރަނީ، ކުޑަކުދިންގެ ހެވާއި ލާބައަށް މަސައްކަތްކޮށް، އެކުދިންގެ ޙައްޤުތައް ނެގެހެއްޓުމަށް މުޅި ދުނިޔެ ހިއްސާކުރާ ޒިންމާ ހަނދާންކޮށްދޭ މުނާސަބަތެއްގެ ގޮތުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ