ހައުސިންއާ ބެހޭ ގޮތުން އިބުރާހިމު ދެއްކެވި ވާހަކަތައް ދޮގުކޮށް ކައުންސިލުން ބަޔާން ނެރެފި

ކުރީގެ ސަރުކާރުން ކުޅުދުއްފުށީގައި އިމާރާތްކުރަން ފެށި 400 ހައުސިން ޔުނިޓްގެ މަޝްރޫއު ހުއްޓުމުގައި ކައުންސިލްގައި އިހުމާލު އޮތް އޮތްކަމަށް ބުނެ އެ ކައުންސިލްގެ ޕީއެންސީ މެންބަރު އިބުރާހިމު އަހުމަދު ދެއްކެވި ވާހަކަތައް ދޮގުކޮށް ކައުންސިލުން ނޫސް ބަޔާން ނެރެފި އެވެ.
މި ސަރުކާރުގެ ފުރަތަމަ ދެ އަހަރަކީ ގެއްލުން ބޮޑު ދެ އަހަރު ކަމަށް ޑެޕިއުޓީ މޭޔަރު އަހުމަދު އަބުދުﷲ ވިދާޅުވުމުން އެކަމަށް ރައްދު ދެއްވުމުގެ ގޮތުން ކައުންސިލަރު އިބްރާހިމް ވިދާޅުވީ ވޭތުވެދިޔަ ސަރުކާރުން ފައިބައިގެން ދިޔައީ މުޅި ގައުމު ދަރުވާލާއި ބަނގުރޫޓްކޮށްލާފައި ކަމަށާއި 400 ހައުސިންގ ޔުނިޓް ކުރިއަށް ނުދިއުމުގައި ސިޓީ ކައުންސިލްގެ އިހުމާލު އޮތް ކަމަށެވެ.
އެކަމާ ގުޅިގެން މޭޔަރު އާތިފު އާއި ކައުންސިލަރު ރިލްވާން ވަނީ އިބުރާހިމް ވާހަކަތައް ދޮގު ސޯޝަލް މީޑިއާގައި ޕޯސްޓް ޖަހާފަ އެވެ.
އެކަމަކު މޭޔަރު އާތިފު ސޮއިކުރައްވައި މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ، 400 ހައުސިން ޔުނިޓްގެ މަޝްރޫއުއާ ބެހޭ ގޮތުން ކައުންސިލަރު އިބުރާހިމް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ވާހަކަތަކަކީ ރައްޔިތުންނަށް ކަމުގެ ހަގީގަތް އޮޅޭ ގޮތަށް، ކައުންސިލްގެ އިދާރީ މުވައްޒަފުން ހިމެނޭހެން މުޅި ކައުންސިލް ބަދުނާމުވާގޮތަށް ދައްކަވާފައިވާ އެއްވެސް އަސާސެއްނެތް ވާހަކަތަކެއް ކަމަށެވެ. އަދި ކައުންސިލަރު އެފަދައިން ވިދާޅުވިނަމަވެސް، އެ މަޝްރޫއު ހުއްޓުމުގައި ނުވަތަ މަސައްކަތް ކުރިއަށް ނުދިޔުމުގައި ކައުންސިލްގެ އެއްވެސް އިހުމާލެއް ނުވާނެކަމަށެވެ.
"މިފަދަ ބޮޑެތި މަޝްރޫއުތަކަކީ ދައުލަތުގެ މާލިއްޔަތު ގަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން، ނޭޝަނަލް ޓެންޑަރ ބޯޑުން އާންމުކޮށް ހުޅުވާލައިގެން ވާދަވެރި ބީލަމުގެ އުސޫލުން ކުރިއަށް ގެންގޮސް، އިވެލުއޭޓްކޮށް އެވޯޑު ކުރާ މަޝްރޫއުތަކެކެވެ. ނޭޝަނަލް ޓެންޑަރ ބޯޑުން މަޝްރޫއެއް ކޮންޓްރެކްޓަރަކާއި ހަވާލުކުރުމުގައި މަޝްރޫއު ނިސްބަތްވާ ރަށުގެ ކައުންސިލްގެ ލަފާ ހޯދުމަކީ އެއްވެސް ހާލަތެއްގައި އަމަލުކުރާ އުސޫލެއް ނޫނެވެ. އެހެންކަމުން ވަކި ފަރާތަކަށް މަޝްރޫއު ހަވާލުކުރުމަށް ކައުންސިލުން ލަފާދީފައި ވާކަމަށް ބުނެފައިވާ ބުނުމަކީ ތެދު ވާހަކައެއް ނޫނެވެ." ނޫސް ބަޔާނުގައިވެ އެވެ.
މައި ސަރުކާރުން ހިންގާ މަޝްރޫއުތަކަށް ފައިސާ ދޫކުރުމާއި ދޫކުރުން ހުއްޓުވުމަކީ އެއްވެސް ކައުންސިލަކަށް ލިބިގެންވާ ބާރެއް ނޫން ކަން ފާހަގަކޮށް ނޫސް ބަޔާނުގައި ބުނެފައިވަނީ މައި ސަރުކާރުން ފައިސާ ދޫކުރަނީ މަޝްރޫއު ހިންގާ ސަރުކާރުގެ ވުޒާރާއަކުން ފިނޭންސް މިނިސްޓްރީއަށް ބިލްތައް ފޮނުވުމުންކަމަށެވެ. އަދި މި މަޝްރޫއުއާއި ގުޅިގެން ބަލަންޖެހޭ މިންވަރަށް ނުބަލާ ކުރީ ސަރުކާރުން ފައިސާ ދޫކޮށްފައިވާނަމަ، މިސަރުކާރުން އެމައްސަލަ ބަލާ، އިހުމާލުވި ފަރާތްތަކާމެދު ވޭތުވެދިޔަ 02 އަހަރުގެ ތެރޭގައި ފިޔަވަޅު އަޅާފައިވާނެކަމަށް ގަބޫލުކުރާކަމަށްވެސް އެ ބަޔާނުގައިވެ އެވެ.
އަދި މި ކައުންސިލްގެ އިހުމާލެއް އޮތްނަމަ މިއިދާރާއަށްވެސް އެމައުލޫމާތު ރަސްމީކޮށް ހިއްސާކުރަންޖެހޭނެ ކަމަށް ގަބޫލުކުރާކަމަށްވެސް އެމްޑީޕީ މެޖޯރިޓީ އޮންނަ ކައުންސިލުން ނެރުނު ބަޔާނުގައިވެ އެވެ.
ބަޔާނުގައި އިތުރަށް ބުނެފައިވަނީ ވޭތުވެދިޔަ 04 އަހަރު ދުވަހަކީ ކައުންސިލްގެ އިދާރީ ހިންގުމަށް ބޮޑެތި ހެޔޮ ބަދަލުތަކެއް ގެނެވުނު މުއްދަތެއް ނަމަވެސް މި މަޝްރޫއުގެ ސައިޓް މޮބިލައިޒޭޝަންއާ ގުޅިގެން އެކަމަށް އަމާޒުކޮށް އިދާރީގޮތުން ވަކި ހާއްސަ ބަދަލެއް ކައުންސިލުން ގެނެސްފައި ނުވާ ކަމަށެވެ. އަދި އުސޫލާ ހިލާފަށް ފިނޭންސް މިނިސްޓްރީއިން މި މަޝްރޫއުގެ ފައިސާ ދޫކޮށްފައިވާކަމަށް ތުހުމަތުކުރިނަމަވެސް، މިކަމުގައި ކައުންސިލްގެ ކައުންސިލަރުންނާއި އިދާރީ މުވައްޒަފުންގެ އެއްވެސް އިހުމާލެއް ނޯންނާނެކަމަށެވެ.
ކައުންސިލުން ބުނީ، ހައުސިންގ މަޝްރޫއުއަކީ ކުޅުދުއްފުށި ސިޓީގެ ރައްޔިތުންގެ އެންމެ ބޮޑެތި އުއްމީދުތައް ގުޅިފައިއޮތް މަޝްރޫއަކަށް ވީއިރު، ޓައިމްލައިނާއި އެއްގޮތަށް މަސައްކަތް ކުރިއަށް ނުދިޔަނަމަވެސް، އެމަޝްރޫއު ހުއްޓުވަން ކައުންސިލުން މަސައްކަތްކުރުމުގެ ބަދަލުގައި، އަބަދުވެސް ސަރުކާރުގައި އެދެމުން ގެންދިޔައީ މަޝްރޫއު އެންމެ އަވަސްވާނެ ގޮތަކަށް ކުރިއަށް ގެންގޮސްދިނުމަށް ކަމަށެވެ.
އަދި މި މަޝްރޫއު ހުއްޓިފައި އޮންނާތީ މިސަރުކާރުގެ ކަމާ ގުޅުންހުރި ވަޒީރާއި ވުޒާރާގެ އިސް ބޭފުޅުންނާއި 2024 އަދި 2025 ވަނަ އަހަރުވެސް ކައުންސިލުގެ ފަރާތުން ބައްދަލުކޮށް އެކަމުގެ ކަންބޮޑުވުން އުފުލާ، އެމަޝްރޫއު އަވަސްކޮށްދެއްވުމަށް އެދިފައިވާނެ ކަމަށާއި މި ސަރުކާރުން ކުޅުދުއްފުށީގައި އިމާރާތްކުރުމަށް ވައުދުވެފައިވާ 2000 ހައުންސިންގ ޔުނިޓުގެ މަސައްކަތާއި ފަހިދިރިއުޅުން ކޯރޕަރޭޝަނާއި އެމެރިކާގެ ސްޓްރަކްޗާސް އަންލިމިޓެޑް ކުންފުންޏާ ދެމެދު ވެވިފައިވާ އެއްބަސްވުމުގެ ދަށުން ކުޅުދުއްފުށީގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ 1000 ހައުސިންގ ޔުނިޓްގެ މަސައްކަތްވެސް އަވަސްކޮށްދެއްވުމަށް ތަކުރާރުކޮށް އެދިފައިވާނެ ކަމަށް ބަޔާނުގައިވެ އެވެ.
"ކަންމިހެން އޮތްއިރު، ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ރައްޔިތުންނަށް ކަމުގެ ހަޤީގަތް އޮޅޭގޮތަށް ދޮގު މައުލޫމާތު ނުފެތުރުމަކީ މިކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ." ކައުންސިލުގެ ނޫސްބަޔާނުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ