ގޫގުލް ޕްރޮޖެކްޓަށް ހިތަދޫއިން 160،000 އަކަފޫޓުގެ ބިމެއް ދޭން އެދެފި، ކައުންސިލުން ބުނަނީ އާމްދަނީ ނުލިބޭނަމަ ބިން ނުދޭނެ ކަމަށް! ގޫގުލް ޕްރޮޖެކްޓަށް ހިތަދޫއިން 160،000 އަކަފޫޓުގެ ބިމެއް ދޭން އެދެފި، ކައުންސިލުން ބުނަނީ އާމްދަނީ ނުލިބޭނަމަ ބިން ނުދޭނެ ކަމ

ގޫގުލްއިން އައްޑޫ ސިޓީ ހިތަދޫގައި، އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް ލޭންޑިން ސްޓޭޝަނަކާއި ނެޓްވޯކް ފެސިލިޓީއެއް ގާއިމުކުރަން ހިންގާ މަޝްރޫއުގެ ބޭނުމަށް 160،000 އަކަފޫޓު ނުވަތަ 1.5 ހެކްޓަރުގެ ބިމެއް ދޭން ސަރުކާރުން އެދިފައިވީ ނަމަވެސް ކައުންސިލަށް އާމްދަނީއެއް ނުލިބޭ ގޮތަށް ބިން ދޫނުކުރަން އައްޑޫ ސިޓީ ކައުންސިލުން މިއަދު ފާސްކޮށްފި އެވެ.
ކަނޑުއަޑީގެ ކޭބަލް ސިސްޓަމަކުން އޮމާނާއި ރާއްޖެ އާއި އޮސްޓްރޭލިއާގެ ހުޅަނގު ބިތުގައި އޮންނަ ކްރިސްމަސް އައިލެންޑްސް ގުޅާލާ މި މަޝްރޫއު ގޫގުލް އާއި ދިވެހި ސަރުކާރުން އިއުލާނުކުރީ ނޮވެމްބަރު 17، ގަ އެވެ. މި ކޭބަލް އަށް ކިޔަނީ "ދިވަރު" އެވެ.
މި މަޝްރޫއުގެ ބޭނުމަށް އައްޑޫއިން ބޮޑު ބިމެއް ހޯދަން ސަރުކާރުން އެދުނު މައްސަލަ ބެލީ މިއަދު ބޭއްވި އައްޑޫ ސިޓީ ކައުންސިލްގެ ބައްދަލުވުމުގަ އެވެ. އެ ބިމުގެ މައްސަލަ ކައުންސިލުގެ ބައްދަލުވުމަށް ހުށަހެޅީ ކައުންސިލްގެ ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ މުގައްރިރު ހިތަދޫ ކޮރަވަލު ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝިނާޒު އެވެ.
ސަރުކާރުން ހޯދަން އެދިފައިވާ ބިމަކީ މީގެ ކުރިން ސަރުކާރުން އެދިގެން ހިތަދޫ ހިއްކި ބިމުން ކޮންސްޓްރަކްޝަން މިނިސްޓްރީގެ ނަމުގައި މިހާރު ރަޖިސްޓްރީ ކޮށްފައިވާ ބިމެކެވެ. އެ ބިން އޭރު ރަޖިސްޓްރީ ކުރުމާމެދު ވެސް ކައުންސިލުން ދެކޮޅު ހެދި އެވެ.
ޝިނާޒު ފާހަގަކުރެއްވި ގޮތުގައި އޭރު ކައުންސިލުން ބިން ރަޖިސްޓްރީން ކޮށްދިނީ އެކި ގޮތް ގޮތުން ސަރުކާރުން ބްލެކްމެއިލް ކޮށްގެން ކަމަށެވެ. ރަޖިސްޓްރީ ކުރި އިރު ވެސް ބިމުގައި ކުރާ މަސައްކަތެއް ނުވަތަ ބިން ހޯދި ބޭނުމެއް ނާންގާ ކަމަށް އޭނާ ވިދާޅުވި އެވެ.
މި މައްސަލާގައި މިއަދު ވާހަކަދައްކަވަމުން ހިތަދޫ ރަސްގެދަރަ ދާއިރާގެ ކައުންސިލަރު ހުސެއިން ޒަރީރު ވިދާޅުވި ގޮތުގައި މި ބިން އޭރު ރަޖިސްޓްރީ ކޮށްދޭން ނިންމީ، އެ ބިން ނުދީފިނަމަ އައްޑޫގެ ލޭންޑް ޔޫސް ޕްލޭން ފާސްނުކޮށްދޭނެ ކަމަށް ސަރުކާރުން ބުނުމުންނެވެ.
އަލުން މި ބިމުގެ މައްސަލަ ތިލަވީ، ކޮންސްޓްރަކްޝަން މިނިސްޓްރީގެ ބަދަލުގައި އެ ބިން އިކޮނޮމިކް މިނިސްޓްރީގެ ނަމުގައި ރަޖިސްޓްރީ ކޮށްދޭން އެދުމުންނެވެ. ނަމަވެސް، މިހާރު އެ ބިމަކީ ގޫގުލް މަޝްރޫއަށް ހޯދާ ބިންކަން އެނގުމުން، އެ ބިމުން އައްޑޫއަށް އަދި އައްޑޫ ސިޓީ ކައުންސިލަށް އާމްދަނީއެއް ނުލިބޭނެހެން ބިން ދޫކޮށްލަން ނުފެންނަ ކަމަށް ބިމުގެ މައްސަލަތައް ދިރާސާކުރާ ކޮމިޓީން ވަނީ ނިންމައިފަ އެވެ.
އެ ކޮމިޓީން އިތުރަށް ހުށަހެޅި ކަންކަމުގެ ތެރޭގައި ގޫގުލް މަޝްރޫއު ހިންގުމަށް ކުއްޔަށް ދޭ ބިމުގެ ކުލި ކައުންސިލަށް ލިބޭނެހެން މިނިސްޓްރީ އާއެކު އެއްބަސްވުމެއް ހަދައިގެން ނޫނީ ބިން ދޫނުކުރަން ވަނީ ހުށަހަޅައިފަ އެވެ.
މިއަދުގެ ބައްދަލުވުމުގައި ފާސްވީ ކޮމިޓީން ހުށަހެޅި ކަންކަން އެގޮތަށް ކުރުމަށް ކައުންސިލަރު އައިމިނަތު އަދާލާ ހުށަހެޅުއްވި ހުށަހެޅުއްވުމެވެ. ކައުންސިލަރުން އަންދާޒާކުރާ ގޮތުގައި ސަރުކާރުން ގޫގުލް އަށް ދޭ ބިމުގެ މަހު ކުއްޔަށް 1.5 މިލިއަން ރުފިޔާ އަރާނެ އެވެ. އެއީ އަހަރަކަށް 18 މިލިއަން ރުފިޔާ އެވެ.
މި މަޝްރޫއުއާ ގުޅޭ ގޮތުން އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
އެގޮތުން، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގޫގުލް އިން މި މަޝްރޫއު ހިންގުމަށް މިދިޔަ ސަރުކާރަށް ވެސް ހުށަހެޅި ކަމަށާއި ނަމަވެސް އޭރު އެކަމަށް އެއްބަސް ނުވީ ކުރީ ސަރުކާރުން ރާއްޖެ އަކީ ސަބްމެރިން ކޭބަލް އަދި އައިސީޓީ ހަބަކަށް ހެދުމަށް ގެންގުޅުނު ސިޔާސަތަށް މި މަޝްރޫއުން ހުރަސް އެޅޭތީ ކަމަށެވެ.
"މިހާރު ހަމަ އެ މަޝްރޫއު ކުރިއަށް މިގެންދަނީ ތަފުސީލެއް ހާމަކުރުމެއްނެތި. މި މަޝްރޫއުއަކީ ރާއްޖެއަށް މި ދާއިރާއިން ލިބެން އޮތް ވާދަވެރި ފައިދާ އާއި މުސްތަގުބަލުގައި ރާއްޖެ އަކީ މި ސަރަހައްދުގެ ޑޭޓާ އަދި ކަނެކްޓިވިޓީ ހަބަކަށް ހެދުމަށް އޮތް ސިނާއަތަށް އޮތް ރިސްކެއް،" ފައްޔާޒު ލިޔުއްވާފައިވެ އެވެ.
މި މަޝްރޫއުގެ ދަށުން ކޭބަލް ލޭންޑިން ސްޓޭޝަނާއި ނެޓްވޯކް ފެސިލިޓީ ތަރައްގީކޮށް ހިންގުމުގެ ބާރު ބޭރުގެ ބަޔަކަށް ދިނުމުން ރާއްޖެއަށް ލިބެން އޮތް އެތައް ފައިދާއެއް ގެއްލި، ރާއްޖޭގެ އިގުތިސޯދު ސިންދަފާތުކުރުމަށް ހުޅުވުނު ދޮރެއް ބަންދުވެގެން ގޮސްފައިވާ ކަމަށް ވެސް ފައްޔާޒު ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ