ދިވެހިންނަށް ދެން ގާނޫނުގެ ހިމާޔަތް ލިބޭނީ މަގުމަތިން: އިބުރާ
ދިވެހީންނަށް ދެން ގާނޫނުގެ ހިމާޔަތެއް ލިބޭނީ އަނެއްކާ ވެސް މަގުމައްޗަށް ނިކުމެ، އަޑުއުފުލުމުން ކަމަށް، މާލެ ދާއިރާގެ ކުރީގެ މެންބަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހީމް އިސްމާއީލް (އިބުރާ) މިއަދު ވިދާޅުވެއްޖެއެވެ. ޖުޑީޝަލް ކޮމިޝަނުން ކުއްލިގޮތަކަށް ހައިކޯޓުގެ ފަސް ފަނޑިޔާރެއްގެ މައްސަލަތަކެއް ބަލަން ފަށާފައިވާކަން ހާމަކުރިކުރުމަށް އިޝާރާތްކުރައްވައި 'ފޭސްބުކް'ގައި އިބުރާ ލިޔުއްވާފައިވަނީ މިއަދު މި ފެންނަނީ ރާއްޖޭގެ ކޯޓުތައް އެޑްމިނިސްޓްރޭޓިވް ޓްރައިބިއުނަލްތަކަކަށް ބަދަލުކުރުމުގެ މަރުހަލާގެ ދެވަނަ ފިޔަވަހި ފެށުނު މަންޒަރު ކަމަށެވެ. އަދި މިއީ ކަންބޮޑުވުންހުރި ކަމެއް ކަމަށް ވެސް ސިފަކުރެއްވިއެވެ. އޭނާ ވިދާޅުވީ އެ ކަން ކުރެވެންދެން ސަރުކާރުން އެކި ހައްގުތައް ހިފަހައްޓާނެ ކަމަށް ވެސް ވިދާޅުވެފައެވެ. "ދިވެހީންނަށް ދެން ޤާނޫނުގެ ޙިމާޔަތެއް ދެންލިބޭނީ އަނެއްކާވެސް މަގުމަތީންނެވެ." އިބުރާގެ ޕޯސްޓުގައިވެއެވެ. "އެދުވަހެއް އަންނާންދެން، ދައުލަތުން ބޭނުންވިއިރަކު އަހަރެމެން ހައްޔަރުވެސް ކުރާނެއެވެ. އަނިޔާވެސް ކުރާނެއެވެ. މުދާ ވެސް އަތުލާނެއެވެ. ގެދޮރުންވެސް ނެރޭނެއެވެ، ދަތުރުކުރުން ވެސް ހުއްޓުވާނެއެވެ. ވިޔާފާރިތައް ބަންދުކުރުވާނެއެވެ. އުނގެނުމުން މަޙްރޫމުކުރުވާނެއެވެ. ދޫތައް ބަންދުކުރާނެއެވެ،" އޭނާ ވިދާޅުވިއެވެ. ސުޕްރީމް ކޯޓުގެ ކުރީގެ ތިން ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރާއި ހުސްނުއްސުއޫދު ކުއްލިގޮތަކަށް ސަސްޕެންޑުކުރި ދުވަހަކީ ރާއްޖޭގެ ކޯޓުތައް އެޑްމިނިސްޓްރޭޓިވް ޓްރައިބިއުނަލްތަކަކަށް ބަދަލުކުރުމުގެ މަރުހަލާ އައިކަން އެނގުނު ދުވަސް ކަމަށް އިބުރާ ލިޔުއްވާފައިވެއެވެ. ފަނޑިޔާރުން ސަސްޕެންޑުކުރި މައްސަލަ ހައިކޯޓަށް ހުށަހަޅައި ކާމިޔާބުނުވުމުން ސުޕްރީމް ކޯޓަށާއި ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް އެ މައްސަލަ އޭނާ ހުށަހެޅުއްވިކަމަށްވެސް އިބުރާ ލިޔުއްވާފައިވެއެވެ. އޭނާ ލިޔުއްވިގޮތުގައި، ހައިކޯޓުންނާއި ސުޕްރީމް ކޯޓުންނާއި މަޖިލީހުންވެސް މައްސަލަ ބަލައިނުގަތެވެ. އެމްޑީޕީގެ ފަރާތުން އެ ޕާޓީގެ ލީގަލް ޑިރެކްޓަރު އަހްމަދު މައުރޫފް މިއަދު 'ސަން'އަށް ވިދާޅުވީ، ހައިކޯޓުގެ ފަސް ފަނޑިޔާރެއްގެ މައްސަލަ ޖޭއެސްސީން ބަލަން ފެށުމަކީ ޤާބިލު ފަރާތްތައް ފަނޑިޔާރުކަމުން ވަކިކޮށް، ސިޔާސީގޮތުން އައްޔަންކުރެވޭ މީހުން ފަނޑިޔާރުކަމަށް ގެނައުމަށްފަހު ކޯޓުތައް ކޮންޓްރޯލްކުރުމަށް ޓަކައި ސަރުކާރުން ކުރާ މަސައްކަތެއް ކަމަށެވެ. "ސަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހައިކޯޓުގެ ބެންޗުގައި ހިމެނޭ 11 ފަނޑިޔާރުންގެ ތެރެއިން ފަސް ފަނޑިޔާރެއްގެ ސުލޫކީ މައްސަލަތަކެއް ޖޭއެސްސީއިން އަންނަނީ ބަލަމުންނެވެ. ރިޕޯޓްތައް ބުނާ ގޮތުން ހައިކޯޓުގެ 11 ފަނޑީޔާރުންގެ ތެރެއިން ޖޭއެސްސީން ސުލޫކީ މައްސަލަ ބަލަމުން އަންނަނީ އިސްފަނޑިޔާރުކަމުގެ މަސްއޫލިއްޔާތުން މި ހަފްތާގައި އިސްތިއުފާދިން މުހައްމަދު ފައިސަލްއާއި، ޖޭއެސްސީގައި ހައިކޯޓު ތަމްސީލް ކުރައްވާ މުހައްމަދު ނިޔާޒް އަދި ހުސެއިން މަޒީދުއާއި ހައިކޯޓުގެ ތިން އަންހެން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުން ކަމަށްވާ ފާތިމަތު ފަރުހީޒާ އަދި ދީބާނާޒް ފަހުމީގެ މައްސަލައެވެ. ފައިސަލްގެ ސުލޫކީ މައްސަލަތަކެއް ބަލަމުންދާ ކަމަށް ރިޕޯޓްތައް ލިބިފައިވާއިރު، ފައިސަލް ވަނީ ކުއްލި ގޮތަކަށް އިސްފަނޑިޔާރުކަމުގެ މަސްއޫލިއްޔާތު ތަކުން އިސްތިއުފާ ދެއްވައިފައެވެ. މާރިޗު މަހު ފައިސަލްއަށް އިސްފަނޑިޔާރުކަން ދޭން ޖޭއެސްސީން ނިންމި ނަމަވެސް، އަށް މަސްވެގެން ދިޔައިރުވެސް ފައިސަލްއަށް އެ މަގާމުގެ ފަތްކޮޅު ނާރުވައެވެ. ހައިކޯޓުގައި އެންމެ ގިނަދުވަސްވީ ފަނޑިޔާރު، ނިޔާޒްގެ މައްސަލަތަކެއް ބަލަމުންދާން ފަށާފައިވާއިރު، އޭނާވަނީ ސިއްހީ ސަބަބުތަކާހުރެ ފަނޑިޔާރުކަމުން ވަކިވާން ހުށަހަޅާފައެވެ. ފަނޑިޔާރު މަޒީރު، ފަރުހީޒާ އަދި ދީބާނާޒްގެ ސުލޫކީ މައްސަލަތަކެއް ބަލަމުން ދިޔަނަމަވެސް އޭގެ ތަފްސީލެއް ނުލިބެއެވެ. މަޒީދަކީވެސް ފަނޑިޔާރުކަމުގައި 15 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ސީނިއާ ފަނޑިޔާރެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ