ފައިނޭންޝަލް ހަބު ތަރައްގީކުރާ އޮތޯރިޓީގެ ވެރިޔަކަށް މެލޭޝިއާގެ ތަޖުރިބާކާރެއް

މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރު (އެމްއައިއެފްސީ) ތަރައްގީކޮށް، އެހީތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ ހަވާލުކޮށްފައިވާ ދިވެހި ސަރުކާރުގެ އިދާރާ، މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ (މިފްސާ) އިން އެ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރު ކަމުގެ މަގާމަށް މެލޭޝިއަގެ ތަޖުރިބާކާރު ދާތޯ އިސްކަންދަރު މުޙައްމަދު ނޫލީ އައްޔަންކޮށްފިއެވެ. ދާތޯ އިސްކަންދަރަކީ، މާލީ ހިދުމަތްތައް ބަލަހައްޓާ އިދާރާތަކުގައި، އޮފްޝޯ މާލީ ހިދުމަތްތަކުގެ ދާއިރާއިން 30 އަހަރަށް ވުރެ ދިގު ތަޖުރިބާއެއް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. ދާތޯ އިސްކަންދަރު ވަޒީފާގެ ދާއިރާއަށް ނުކުމެވަޑައިގަތީ 1990 ވަނަ އަހަރު ބޭންކް ނެގާރާ މެލޭޝިއާއިންނެވެ. އޭގެ ފަހުން، 1996 ވަނަ އަހަރު ލަބުއާން ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ (ލަބުއާން އެފްއެސްއޭ) އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި އެންމެ ފުރަތަމަ މުވައްޒަފުންގެ ތެރޭގައި ހިމެނިވަޑައިގެންނެވިއެވެ. އެއަށް ފަހު، ޑިރެކްޓަރު، ސީނިއާ ޑިރެކްޓަރު، އަދި އެންމެ ފަހުން ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް ފަދަ އިސް މަގާމުތަކެއް ފުރުއްވިއެވެ. ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލްގެ މަގާމުގައި ހުންނަވައިގެން، ލަބުއާން އެފްއެސްއޭގެ ދުވަހުން ދުވަހުގެ އިދާރީ ކަންކަން ބެލެހެއްޓެވުމުގެ އިތުރުން، އެ އޮތޯރިޓީގެ މައި ޑިޕާޓްމަންޓްތައް ކަމަށްވާ ގާނޫނީ، ސުޕަވިޝަން، ސިޔާސަތު، އަދި ހިއުމަން ރިސޯސަސް ފަދަ ދާއިރާތައް ބެލެހެއްޓެވިއެވެ. ޖެނުއަރީ 2020 އިން ފެށިގެން ޖެނުއަރީ 2025ގެ ނިޔަލަށް، ލަބުއާން އައިބީއެފްސީ ބަހާދްގެ އެގްޒެކެޓިވް ޗެއާމަންގެ މަގާމު ވެސް އަދާކުރެއްވިއެވެ. ދާތޯ އިސްކަންދަރުގެ ވަޒީފާގެ ހަޔާތުގައި ގާނޫނީ ގޮތުން ފާހަގަކޮށްލެވޭ ބޮޑެތި ކާމިޔާބީތަކެއް ހޯއްދަވާފައިވެއެވެ. ލަބުއާން އެފްއެސްއޭއަކީ ސަރުކާރުގެ މަރުކަޒީ އިދާރާއެއްގެ ގޮތުގައި ގާއިމުކުރުމަށް ޓަކައި، ލަބުއާން ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ ގާނޫނު 1996 އެކުލަވާލެއްވީ ވެސް އޭނާއެވެ. އަދި 2008 އާއި 2010 އާ ދެމެދު، ލަބުއާން އައިބީއެފްސީގެ ގާނޫނީ އޮނިގަނޑު މުރާޖައާކޮށް، ޒަމާނީކުރުމުގެ މުހިންމު މަސައްކަތް ވެސް އޭނާ އިސްކޮށް ހުންނަވައިގެން ވަނީ ކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ